Advertisement

ކޮންމެ ކުޅިވަރަކަށް ހާއްސަ ފެސިލިޓީއެއް ހެދުމުގެ އަމާޒު އެބައޮތް

20 އޮކްޓޯބަރު 2024 - 09:14 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން މިނިސްޓަރު ރާފިއު.--- ފޮޓޯ: ރައީސް އޮފީސް


ކޮންމެ ކުޅިވަރަކަށް ހާއްސަ ފެސިލިޓީއެއް ހެދުމުގެ އަމާޒު އެބައޮތް

20 އޮކްޓޯބަރު 2024 - 09:14 0

ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމީ ކޮންމެ ކުޅިވަރަކަށް ހާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރު ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިއު މި ގޮތަށް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވާހަކަ ދައްކަވަމުންނެވެ.

"ކުޅިވަރު ކުޅޭ ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ އެންމެ ބޮޑު އެއް ޝަކުވާކަމަށްވާ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ޤައުމީ ކޮންމެ ކުޅިވަރަކަށް ހާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރު ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް. އަދި ފާއިތުވި އަހަރު ތަކުގައި އެސޯސިއޭޝަންތައް އަވަސް އަވަހަށް ނޯމަލައިޒް ކުރުމަކީ ނިހާޔަތައް ކަންބޮޑުވާ ކަމަކަށް ވުމާއި އެކު ކުޅިވަރުގެ ގަވަރނަންސް ވަރުގަދަ ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ދަނީ ކުރެވެމުން،" އެސޯސިއޭޝަންތަކުގައި ޖެހޭ މައްސަލަތަކަށް އިޝާރާތްކުރައްވައި ރާފިއު ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން، މިހާތަނަށް 74 ކުޅިވަރު ހަރަކާތެއްގައި އެކި ކުޅިވަރުތަކުން ރާއްޖެ ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރެެއިން، މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމުތަކުން ބައިނަލްއަގްވާމީ މައިދާނުގައި ވަނީ 22 މެޑަލް ހޯދައިފަ އެވެ. އެއީ، ނުވަ ރަން މެޑަލް، ނުވަ ރިހި މެޑަލް އަދި ހަތަރު ލޯ މެޑަލް އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގައި ބައިނަލްއަގްވާމީ ނުވަ މުބާރާތެއް ބާއްވާފައިވެ އެވެ. އަދި، މި އަހަރު ބާކީ މި އޮތް މުއްދަތުގައި، އިތުރު ދެ މުބާރާތް ބާއްވަން ވަނީ ޝެޑިއުލްކޮށްފަ އެވެ.

"މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް އެކަނިވެސް 255 މިލިއަން ރުފިޔާ ވަނީ ހަރަދުކުރެވިފައި. މިއީ ސަރުކާރެއްގެ ފުރަތަމަ އަހަރަކަށް ބަލާއިރު ބޮޑު ހޭދައެއް،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް މި ސަރުކާރުން މުހިންމު ކަމެއްދީގެން އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭން އެކުލަވާލުން ކަމަށެވެ. މި ޕްލޭނުގައި ސާކް ސަރަހައްދުން ބޭރުން މެޑަލް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ދެނެގަނެ އެކަމަށް ކުރަންޖެހޭ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށް ވެސް ވިދާޅުވި އެވެ އަދި އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސްގެ ޕޯޑިއަމް ފިނިޝްއަކާ ހަމައަށް ދިޔުމުގެ ފުރަތަމަ މަރުހަލާ ދރާއްޖެ އިން ކަޑައްތުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"އެއީ، މިއަހަރުގެ ޖުލައި މަހު ޕެރިހުގައި އޮތް އޮލިމްޕިކްސް އަށް ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ކޮލިފައިވުން. ސާކް ސަރަހައްދުގެ ކޮލިފައިންގެ އެއް ވަނަ ހޯދައި އޮލިމްޕިކްސްއަށް ކޮލިފައިވި ދުވަހަކީ ދިވެހިރާއްޖޭގެ ކުޅިވަރުގައި ރަން އަކުރުން ފަވާލެވުނު ފަޚުރުވެރި ދުވަހެއް،" ރާފިއު ވިދާޅުވި އެވެ.

އަދި، ޖަޕާނުގައި، 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި ކުޅިވަރުގެ ޝަރަފް ސާފިން އިން ހޯދާފައިވާއިރު، މިއީ މި އަހަރު ކ. ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ލިބުނު ކާމިޔާބެެކެވެ.

ކުޅިވަރުގެ ރޮނގުން މީހުން ބިނާ ކުރުމަށާއި އެކި ގޮތްގޮތުން އެހީތެރިވުމަށް ސަރުކާރުން ވަނީ އެކި ގައުމުތަކާ އެކު ގުޅުން ވަރުގަދަކޮށްފަ އެވެ. އެ ގޮތުން، ދާދި ފަހުން ސަޢުދީ އަރަބިއްޔާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރެވިގެންދިޔައިރު، ޗައިނާ، އިންޑިއާ، މެލޭޝިއާ އަދި ޔޫއޭއީގެ އިތުރުން އެހެން ގައުމުތަކުން ވެސް ފުރުސަތު ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ.