Advertisement

މިސްރު ބަލިކޮށް މޮރޮކޯ އަށް އޮލިމްޕިކްސްގައި ތާރީހީ މެޑަލެއް

9 އޮގަސްޓު 2024 - 12:07 0

ލަނޑު ޖެހުމަށް ފަހު މޮރޮކޯ ކުޅުންތެރިން އުފާފާޅުކުރުމުގެ ގޮތުން ސަޖިދަ ޖަހަނީ.--- ފޮޓޯ: ގެޓީއިމޭޖަސް


މިސްރު ބަލިކޮށް މޮރޮކޯ އަށް އޮލިމްޕިކްސްގައި ތާރީހީ މެޑަލެއް

9 އޮގަސްޓު 2024 - 12:07 0

ޕެރިސް (އޮގަސްޓް 9) - އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި، މިސްރުގެ މައްޗަށް 6-0 އިން ކުރިހޯދައި މޮރޮކޯ އިން ތާރީހީ މެޑަލެއް ހޯދައިފި އެވެ.

މި ލޯ މެޑަލަކީ، އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި، މޮރޮކޯ އަށް ލިބުނު ފުރަތަމަ މެޑަލް އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އާޖެންޓީނާ ބަލިކުރި، މޮރޮކޯ އިން ފައިނަލަށް ދާން ކުރި އުންމީދަށް ސެމީ ފައިނަލުގައި ހުރަސް އެޅީ ސްޕެއިނުންނެވެ. ފައިނަލުގައި ސްޕެއިނުން މާދަމާ ފްރާންސާ ބައްދަލުކުރާނެ އެވެ.

ތިން ވަނަ ހޮވަން ކުޅުނު މެޗުގައި މޮރޮކޯ އިން ފަސޭހަ މޮޅެއް ހޯދިއިރު، ލަނޑުތައް ޖެހީ، ސޯފިއަން ރަހީމީ ދެ ގޯލުގެ އިތުރުން، އަބްދޭ އެޒަލްޒޫލީ، ބިލާލް އަލް ހަނޫސް، އަކްރަމް ނަކަޝް އަދި ޓީމުގެ ކެޕްޓަން އަޝްރަފް ހަކީމީ އެވެ.

މޮރޮކޯ ޓީމުގެ އަބްދޭ އެޒަލްޒޫލީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް.


މި މެޗުގައި، ޖެހި ދެ ގޯލާ އެކު، މޮރޮކޯގެ ރަހީމީ އަކީ މި ފަހަރުގެ އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޖުމްލަ އެކު، އަށް ގޯލު ޖަހައިފަ އެވެ.

"މިއީ ހަގީގަތުގައި އަހަރެމެންގެ ހުވަފެނެއް ހަގީގަތަކަށް ވި މެޗެއް. އަހަރެމެން ވައުދުވިން މެޑަލެއް ހޯދާނެ ކަމަށް. މިއީ ވަރަށް ތާރީހީ ވަގުތެއް، މޮރޮކޯ އާއި އެފްރިކާ ފުޓްބޯޅަ އަށް ވެސް،" ރަހީމީ ބުންޏެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި މޮރޮކޯ، 1976 ވަނަ އަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އޭގެ ފަހުން، 1980 ވަނަ އަހަރު އެފްރިކާގެ ތިން ވަނަ މަގާމު ވެސް ހޯދި އެވެ. އޮލިމްޕިކްގެ ލޯ މެޑަލާ އެކު، ދުނިޔޭގެ ފުޓްބޯޅައިގައި މޮރޮކޯގެ ނަން ތާރީހުގައި ހިމެނޭނެ އެވެ.

އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓަކީ، 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ މުބާރާތެކެވެ. އެކަމަކު، ގަވާއިދުގެ ތެރެއިން، ކޮންމެ ޓީމެއްގައި ވެސް ސީނިއާ ތިން ކުޅުންތެރިން ހިމަނަން ފުރުސަތު އޮވެ އެވެ. އެ ފުރުސަތުގެ ތެރެއިން މޮޮރޮކޯގެ ކެޕްޓަންކަން ކުރީ އަޝްރަފް ހަކީމީ އެވެ.

މޮރޮކޯ ޓީމުގެ ކެޕްޓަން ހަކީމީ (ކ) ބްރަހީމީ ގޯލަކަށް ފަހު އުފާފާޅުކުރަނީ: ބްރަހީމީ އަކީ މި ފަހަރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ.