Advertisement

ފައިނަލްގެ ކުރިން 100 ގްރާމް ބަރުވުމުން ކޮށްލީ ޑިސްކޮލިފައި، މެޑަލް ވެސް ނުލިބުނު!

8 އޮގަސްޓު 2024 - 11:20 0


ފައިނަލްގެ ކުރިން 100 ގްރާމް ބަރުވުމުން ކޮށްލީ ޑިސްކޮލިފައި، މެޑަލް ވެސް ނުލިބުނު!

8 އޮގަސްޓު 2024 - 11:20 0

ޕެރިސް (އޮގަސްޓް 8) - އިންޑިއާގެ ރެސްލަރު ވިނޭޝް ފޮގާޓް، މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ރެސްލިން އިވެންޓްގެ 50 ކިލޯ ކެޓަގަރީގެ ފައިނަލަށް ނުކުތުމުގެ ކުރިން، ބަރުދަން ބެލިއިރު، 100 ގްރާމް ބަރުވުމުން، އޭނާ ޑިސްކޮލިފައިކޮށްލިއިރު، މެޑަލެއް ލިބޭތޯ ކުރި މަސައްކަތް ވެސް ނާކާމިޔާބުވެއްޖެ އެވެ.

ވިނޭޝް، 29، ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ރެސްލިން އިން ރިޓަޔާކުރިކަން އިއުލާނުކޮށްފަ އެވެ. އެއީ، ކުރިމަތިލާން ޖެހުނު ހިތްދަތިކަމާ ހެދި ދެން ޕްރޮފެޝަނަލްކޮށް އެކަން ކުރެވޭނެ ކަމަށް ނުދެކޭތީ ކަމަށް ބުނެ، ނިންމި ނިންމުމެކެވެ.

ފަންސާސް ކިލޯގެ ކެޓަގަރީ ފައިނަލަށް ވިނޭޝް ހޮވުމާ އެކު، އިންޑިއާގެ ކުޅިވަރު ތާރިހުގައި އޭނާގެ ނަން ލިޔެވުނެވެ. އެއީ އެ ކެޓަގަރީން ފައިނަލަށް ދަތުރުކުރި ފުރަތަމަ އެތުލީޓުގެ ޝަރަފެވެ. އެންމެ ކުޑަމިނުން ރިހި މެޑަލެއް ލިބޭނެ ކަމަށް ޔަގީންވުމުންނެވެ. އެކަމަކު، އޭނާގެ އުންމީދުތަކަށް ހުރަސް އެޅުނީ، މެޗު ދުވަހުގެ ކުރިން ބަރުދަން ބެލިއިރު، ހުންނަން ޖެހޭ މިންގަނޑަށް ވުރެ 100 ގްރާމް ބަރުވުމުންނެވެ.

ޑިސްކޮލިފައިކޮށްލުމުން، ފައިނަލުގައި ކުޅެން ފުރުސަތު ނުލިބޭނެތީވެ، ވިނޭޝް ދެން އެޕީލްކުރީ، ޖޮއިންޓް ރިހި މެޑަލެއް ލިބެންޖެހޭ ކަމަށް ދެކޭތީ އެވެ. އެއީ، ފައިނަލުގައި އެމެެރިކާގެ ސަރާ ހިލްޑެންބްރޯންޑްޓް އަތުން ބަލިވި، ކިއުބާގެ ގުޒްމާން ލޯޕޭޒް އަކީ، ސެމީގައި ވިނޭޝް އަތުން ބަލިވި އެތުލީޓެއް ކަމަށްވާތީ އެވެ.

އެކަމަކު، ވިނޭޝްގެ މި އެޕީލާ އެއްގޮތަށް ކަންތައް ނުދިޔަ އެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނީ، ރެސްލިން ފެޑެރޭޝަނުން ވެސް އަމާލުކުރާ ގަވާއިދުގައިވާ ގޮތުން، ޑިސްކޮލިފައިވާ އެތުލީޓެއް ވެއްޓެނީ ރޭންކިންގެ އެންމެ ފުލަށް ކަމަށެވެ.

އިންޑިއާ އޮލިމްޕިކް ކޮމިޓީގެ ރައީސް، ޕީޓީ އުޝާ ވިދާޅުވީ، ވިނޭޝް އަށް ލިބެން ޖެހޭ ހައްގެއް ނިގުޅައިގަނެވިފައިވާ ކަމަށާއި އޭނާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ކުރިއަށްގެންދާ އެޕީލްގެ ކަންކަމުގައި އިންޑިއާ އޮލިމްޕިކް ކޮމިޓީން އެހީތެރިވާނެ ކަމަށެެވެ. އެކަމަކު، އެއީ މި ކަން އޮންނަ އުސޫލުތަކާ ހުރިހާ ކަމެއްގެ ތެރެއިން ކަންކަން ބެލުމަށް ފަހު ކަމަށް އުޝާ ވިދާޅުވި އެވެ.

ވިނޭޝް އަކީ މީގެ ކުރިން ރެސްލިންގެ 53 ކިލޯ ކެޓަގަރީގެ ފައިޓަރެކެވެ. އެކަމަކު، ފަހުން އޭނާ ހަށިގަނޑަށް ބަދަލުތަކެއް ގެނެސް، 50 ކިލޯ ކެޓަގަރީއަށް ފިޓްވީ އެވެ.

އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ވަނީ ވިނޭޝްގެ ހިތްވަރު ފާހަގަކޮށް، އެ ގައުމުގައި އޮލިމްޕިކްސް އިން މެޑަލް ހޯދާ އެތުލީޓުންނަށް ދޭ ފައިސާގެ އިނާމް ވިނޭޝް އަށް ދޭން ނިންމައިފަ އެވެ. އެއީ، ރިހި މެޑަލް ހޯދާ އެތުލީޓުންނަށް ދޭ ފައިސާގެ އިނާމާ އެއްވަރަށް ދޭ ގޮތަށެވެ.

އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ ކުރީގެ ރައީސް ބްރިޖް ބުޝަން ޝަރަން ސިންގަަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައިގައި އޭނާއާ ދެކޮޅަށް އަޑުއުފުލަން އެއްވި ރެސްލަރުންގެ ތެރޭގައި ވެސް ވިނޭޝް ހިމެނެ އެވެ.