Advertisement

އަނަސްގެ މަރު: ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށްފަހު އިސްތިއުނާފުގެ އަޑުއެހުން ނިންމައިލައިފި

7 އޮގަސްޓު 2024 - 15:40 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް: ކުށް ސާބިތު ނުވި ހަތް މީހުންގެ އިސްތިއުނާފުގެ އަޑުއެހުންތައް މިއަދު ފަށައިފި


އަނަސްގެ މަރު: ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށްފަހު އިސްތިއުނާފުގެ އަޑުއެހުން ނިންމައިލައިފި

7 އޮގަސްޓު 2024 - 15:40 0

މީގެ ހަތް ކުރިން، ރ. މީދޫ، ފެންފިޔާޒުގޭ, މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހުންގެ އިސްތިއުނާފުގެ އަޑުއެހުންތައް މިއަދު ފެށިއިރު، އެ މީހުންނަށް ވަކީލަކު ހަމަ ޖެހިފައި ނެތުމުން އެކަމަށް ފަނޑިޔާރުން ފުރުސަތު ދިނުމަށްފަހު މިއަދުގެ އަޑުއެހުން ނިންމައިލައިފި އެވެ.

މި ތުހުމަތު އޮތް ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ފެބްރުއަރީ 25، ގަ އެވެ. ޕީޖީ އޮފީހުން މި ހަތް މީހުންގެ މައްސަލަ އިސްތިއުނާފަށް ހުށައެޅީ މޭ 6، 2024 ގަ އެވެ. އަދި އެ ހަތް މީހުންގެ ބައި ވެސް އިސްތިއުނާފު ކޮށްފައިވާ ކަމަށް ޕީޖީން އެދުވަހު ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ހަތް މީހުންގެ ތެރެއިން ވަކީލަކު އައްޔަނުކުރެވިފައިވަނީ އެންމެ 3 މީހުންނަށެވެ. އެއީ އަފްރާހް އަބްދުއްރައްޒާގާއި، އަހްމަދު ޒަޔާނާއި އަދި އުސްމާން ޝަރީފް އެވެ. ބާކީ ތިބި 4 މީހުން ބުނީ ވަކީލަކު ހަމަޖައްސަން އިތުރަށް ވަގުތު ބޭނުންވާ ކަމެވެ. އަދި އެއީ އެވަރުގެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ކަމަށް އެމީހުން ފާހަގަކުރި އެވެ. އެ 4 މީހުންނަކީ ޖުނައިހު އަބްދުﷲ އާއި، ހަސަން މަހްފޫޒާއި، މުހައްމަދު ޝާޒާއި، އަދި ސިމާހް މޫސާ އެވެ.

މައްސަލަ ބައްލަވަމުން ގެންދާ ފަނޑިޔާރުގެ ބެންޗުން ނިންމެވީ ވަކީލަކު ހަމަޖެއްސުމަށް ހަފްތާއެއްގެ މުއްދަތު ކޮންމެ މީހަކަށް ދޭށެވެ. އަދި ހަފްތާއެއްގެ ފަހުން މި މައްސަލައިގެ އަޑުއެހުން ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތަސް ވަކީލަކު ހަމަޖައްސައިފައި ބެހެއްޓުމަށް ފަނޑިޔާރުން އެންގި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޕީޖީން ހުށަހަޅާފައިވާ ހުށަހެޅުމަށް ވާހަކަ ދެއްކުން އޮންނާނޭކަން އިއުލާނުކުރުމަށްފަހުގަ އެވެ.

ޖުލައި 31، 2017 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ، އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނާއި މަރާލުމުގެ ދައުވާ އުފުލުނު ތިން މީހެއްގެ މައްސަލަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލުނު ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ, ވެސްޓަންވިލާ, ހަސަން މަހްފޫޒާއި، ތ. ކިނބިދޫ, ގުލްފާމުގޭ, މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ލިބުނު ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.

ހަމަލާ ދިން މީހުންގެ މޫނު ފާހަގަވާން ނެތް އިރު، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ދިން މީހުނަށް ވެސް މޫނު ފާހަގަކޮށްދެވިފައެއް ނުވެ އެވެ.

އަނަސް މަރާލީ މާލޭގައި ހިންގާ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އެ މަންޒަރުގެ ވީޑިއޯ ކުރިން އާންމުވެފައި ވެ އެވެ. އެއިން ފެންނަ ގޮތުގައި، ވަޅި ހިފައިގެން ތިން ގްރޫޕެއް އައުމުން މަގުމަތީގައި ހުރި އަނަސް ބިރުން ދުވެފައި ވަންނަނީ ގަރާޖަށެވެ.

ގޭންގު މެންބަރުން އައިސް ގަރާޖު ތެރެއަށް ވަދެ ފަހަރަކު މީހަކު އަނަސް ގަޔަށް ވަޅި ހަރަމުންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނުނެވެ.

އަނަސް މަރާލުމުގެ ދައުވާ ކުޑަކުއްޖެއްގެ މައްޗަށް ވެސް އުފުލި އެވެ. އޭނާގެ މައްސަލަ ކުރިއަށް ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ. ދަށު ކޯޓުގައި ކުށް ސާބިތު ނުވާ ކަމަށް ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޯބަރު، 2022، ގަ އެވެ. އަދި ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން އޮކްޓޯބަރު 2023، ގައި ވަނީ 18 އަހަރުގެ ހުކުމް 10 އަހަރުދުވަހަށް ކުޑަކޮށްފަ އެވެ.