Advertisement

އަބްދުއްރަހީމް ޅެމުން ދެއްވި ނަސޭހަތުގެ ސިޔާސީ ޝަރަހަ

9 އޮގަސްޓު 2024 - 06:41 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


އަބްދުއްރަހީމް ޅެމުން ދެއްވި ނަސޭހަތުގެ ސިޔާސީ ޝަރަހަ

9 އޮގަސްޓު 2024 - 06:41 0

މަޝްހޫރު ޅެންވެރިޔާ ޖިބްރާން ހަލީލް ޖިބްރާން ބުނެފައި ވެއެވެ. 'ޝިޢުރަކީ، ބަސްފޮތުން ކުލަވަރެއް ހިމެނިގެން އުފެދޭ، އުފަލާއި ވޭނާއި އަޖައިބުވުމުގެ މަޖުމޫއެކެވެ.'

ޖިބްރާން ހަލީލް ޖިބްރާން އުފަންވީ އުސްމާނީ ވެރިކަމުގެ ދުވަސްވަރު ލުބުނާނުގެ އަވަށަކަށެވެ. މީލާދީން 1895ގައި އޭނާގެ އާއިލާއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ފަހުން އޭނާއަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާއަކީ މަޝްހޫރު ޝާއިރެއް އަދި ފަލްސަފާވެރިއެކެވެ. އޭނާގެ ޅެންތަކުގެ ހާއްސިއްޔަތަކީ ތަދު ބަޔާންކުރުމެވެ. ދުނިޔެވީ ހިތި ހަގީގަތްތަކާއި، އޭނާ ތަޖުރިބާކުރަންޖެހުނު އެކިއެކި ހިތްދަތިކަން ޅެމުގެ ޒަރީއާއިން ބަޔާންކުރުމަކީ އޭނާގެ ތަދަށް ހޯދާ ފަރުވާ އެވެ.

ރާއްޖޭގައިވެސް އަޅުގަނޑުމެން މިދެކޭ ލައްކަ ގިނަ ޝާއިރުންގެ ޅެންތައް އުފަންވެގެން އައިސްފައި ހުންނަނީ ކޮންމެވެސް ކަހަލަ ހިތްދަތިކަމެއްގެ ތެރެއިންނެވެ. ހިތުގައި އުފެދޭ ހިތްދަތިކަމާއި، ތަކުލީފުތައް ޅެން ބަހުން ބޭރުކޮށްލުމަކީ ޝާއިރުންގެ ތަބީއަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ މޮޅު ޅެންވެރިއެކެވެ. އޭނާގެ ޅެންތަކަށް ބަލާއިރު އެކަމުގައި ދެބަހެއް ވެވޭނޭ އެއްވެސް ޖާގައެއް ދޫކޮށްލެވިފައިވާތީ ނުފެނެ އެވެ. ކުޅަދާނަ ޅެންވެރިއެއްގެ އިތުރުން، މޮޅު ސިޔާސީއެއް ކަމަށްވެސް މިހާރު ބަޔަކު މީހުން ކިޔައި އުޅެ އެވެ. އޭނާ ވެސް ގަބޫލުކުރައްވަނީ އެގޮތަށެވެ.

ކުރީގެ ރައީސް ޔާމީނާ މާ ގާތް ގުޅުމެއް އިހުގައި އޮތަސް، މިހާރު އެއީ ރައީސް ޔާމީނުގެ އެންމެ ބޮޑު ސިޔާސީ ހަތުރެވެ. ރައީސް މުއިއްޒުގެ ވެރިކަން ހިފެހެއްޓުމަށް ވިއްދާފައިވާ ކައްތިރިއަކީ އަބްދުއްރަހީމް ކަމަށް ދެކިގެން، ރައީސް ޔާމީނުގެ ފްރަންޓް އޮފީސް ބައްދަލުވުންތަކުގައި އެންމެ ގިނައިން ހަމަލާ ދެއްވަނީ އަބްދުއްރަހީމް އަށެވެ. 'ބައްޕަ' ކަމަށް ދެކިގެން އުޅުނު ބޭފުޅަކު އެހައި އިހާނެތި ބަސްފުޅުތަކުން ކުރައްވާ ފުރައްސާރައާއި، އެވާހަކަފުޅުތަކަށް ވަށައިގެންތިބޭ މީހުން ބިނދިބިނދިފައި ހޭތަން ފެނުމުން ހަމަ ޔަގީނުން އަބްދުއްރަހީމަށް އަސަރެއް ކުރާނެ އެވެ. އޭގެ ނަތީޖާއަކަށްވީ އޭނާގެ ހިތުގައި އުފެދުނު ރިހުމުގައި ބަސްފޮތުން ކުލަވަރެއް ޖެހި ޝިއުރެއް އުފަންވުމެވެ.

އޭ އަޚާ ފިތުނައިގެ ހޫނުން، ހިތް އެކީ ފިއްސާނުލާ

އޭގެ ދިލައިން ތިޔަ މެޔާ ފިތް ގަސްތުގައި ވިރުވާނުލާ

ބާރުވެރިކަން ފުރޮޅެމުންދާ ދިއުމުގައި ހިތްދަތިވިޔަސް

ޔާރުނާ މިތުރުންގެ ޝަރަފާ ގަދަރު ވެއްޔާ މޮޑެނުލާ

ރައީސް ޔާމީނަކީ އެންމެ ގާތް އަޚުކަމަށް ވިދާޅުވެ، މި ދެއްވާ ނަސޭހަތަކީ ފިތުނައިގެ ހޫނުން ހިތާ މޭ ފިއްސާނުލުމަށް ދެއްވާ ނަސޭހަތެކެވެ. އަބްދުއްރަހީމްއާ ބެހޭ ގޮތުން ޔާމީން ދައްކަވާ ވާހަކަތަކީ އޭނާ ދުށްގޮތުގައި ޔާމީން އުފައްދަވާ ފިތުނަ އެވެ. އޭގެ ސަބަބެއް ކަމަށް އޭނާއަށް ފެނިވަޑައިގަތީ ޔާމީންގެ އަތްޕުޅުން ވެރިކަމުގެ ބާރުތައް ފުރޮޅިގެން ދިއުމެވެ. އޭގެ އިތުރަށް ބުރަ މަސައްކަތުން އުފެއްދެވި ޕާޓީވެސް އެހެން ބައެއްގެ އަތްމައްޗަށް ދިޔައީ އެވެ. އަބްދުއްރަހީމް ނަސޭހަތް ދެއްވަނީ، ޔާމީން ތަހައްމަލު ކުރައްވަން ޖެހިވަޑައިގަތް ސިޔާސީ ބައްޔަކީ ލިބިވަޑައިގެންނެވި ހިތްދަތިކަމަކަށް ވިޔަސް އެ ގިލަނުގެ ނިވަލުގައި މިތުރުންގެ އަބުރަށް އަރައިނުގަތުމަށެވެ.

މި މާތް ނަސޭހަތަށްފަހު، ރައީސް ޔާމީނަކީ ވަގެއްކަމަށް ވެސް ހަމަ އެތަގުރީރުގައި އަބްދުއްރަހީމް ވިދާޅުވި އެވެ. މިތުރުންގެ ޝަރަފާއި ގަދަރު ވެއްޔާ މޮޑެނުލުމަށް ދެއްވި ނަސޭހަތަކީ އަމިއްލަފުޅު ނަފުސަށް އޮތް ނިޔާއެއް ނޫނެވެ. އެހެންމީހުން އަމަލުކުރަންވީ ގޮތް ވިދާޅުވެދެއްވީ އެވެ.

މީހަކަށް ލިބުނަސް މޮޅެއް، އެކަމާއި މެދަށް ކަންބޮޑުވެގެން

ނީހައިން އުފެދޭ ގިނީގައި، މުޅި ހަޔާތް އަންދާނުލާ

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އެމަނިކުފާނު އޭރު ގެންދެވީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އޭގެ ނަތީޖާއަކަށްވީ އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީގެ ޓިކެޓު އެހެން ބޭފުޅަކަށް ލިބިވަޑައިގަތުމެވެ. ތަދުބީރުކުރެވުނު މޮޅު ރޭވުމުގެ ތެރެއިން އެ ބޭފުޅަކަށް ވެވަޑައިގަތީ މުއިއްޒު އެވެ. އެއީ ސިޔާސީ މައިދާނުގައި މުއިއްޒުއަށް ލިބިވަޑައިގެންނެވި މޮޅެކެވެ. އަބްދުއްރަހީމް ދެކެވަޑައިގަންނަވާ ގޮތުގައި އެހެން މީހަކަށް ލިބުނު އެ މޮޅާމެދު ރައީސް ޔާމީން ކަންބޮޑުވެވަޑައިގަންނަވަނީ އެވެ. އެހެންނަމަވެސް އަބްދުއްރަހީމް ދެއްވާ ނަސޭހަތަކީ އެކަމުގެ ނީހައިގައި، ނުވަތަ ހަސަދަވެރިކަމުގައި ރައީސް ޔާމީންގެ މުޅި ހަޔާތް އަންދަވާ ނުލެއްވުމެވެ.

ގަދަކަމުން ހާސިލުވެވޭނޭ ކޮންކަމެއްތަ އޮތީ މިތާ؟

ގަދަ ބަހުން ބަސް ބުނުމުގައި، ހުރިހާ ހަކަތަ ދޫކޮށްނުލާ

'ޖަމީލަކަށްވެސް މަލީހަކަށްވެސް ރައީސް ޔާމީނަކަށްވެސް އަޅުގަނޑާ އެއްވަރަށް ސިޔާސީ ކުޅިބައި އަތުރާކަށް ނޭނގޭނެ. އޭގެ ނަތީޖާއަކީ ޑރ މުއިއްޒު ގެނެސް ވެރިކަމަށް ލުން!'

ފޯރީގައި އަބްދުއްރަހީމް ވިދާޅުވި މިވާހަކައަކީ އެއްގޮތަކަށްވެސް އަމިއްލަ ނަފުސު މޮޅުކުރުމުގެ ބަސްފުޅެއް ނޫނެވެ. މިޔަކީ ގަދަބަސް ވިދާޅުވުމެއްވެސް ނުމެނޫންމެ އެވެ. އަބްދުއްރަހީމްއަކީ ގަދަބަސް ވިދާޅުނުވުމަށް ނަސޭހަތް ދެއްވާ ބޭފުޅެކެވެ. ބައިތުގައިވެސް ވިދާޅުވެފައި އެއޮތީ ގަދަބަސް ބުނުމުގައި ހަކަތަ ބޭކާރުކޮށްނުލުމަށެވެ. އެހެންނަމަވެސް އެ ނަސޭހަތްވެސް އޮތީ ރައީސް ޔާމީނަށެވެ. އަމިއްލަފުޅު ނަފުސަށް އިސްތިސްނާ ދެއްވީ އެވެ. ޝާއިރުންނަށް އޮވެދާނޭ އިޒުނައެއް ކަމުގައި ވެދާނެ އެވެ.

މާދަމާ ކަންވާނެ ގޮތް ކާކަށްތަ އެނގެނީ ދޭހުގައި

ހާދަ ބައެކޭ އެތިބެނީ ކިބުރުގެ ވަގޮށްތައް މޮހެނުލާ

އަޅުގަނޑުމެންގެ އެއްވެސް މީހަކު އިސްތިސްނާނުކޮށް އެންމެންގެ ވާހަކަ އެވެ. އަޅުގަނޑުމެންގެ ވިސްނުން ހުއްޓިފައި ހުންނަނީ މިއަދާ ހިސާބުގަ އެވެ. މިވަގުތު ލިބިފައި އޮތް މޮޅަކާއި، ހުރެވުނު މަގާމުގެ ސަބަބުން ލިބޭ އުފަލުގައި ވަގުތު އަޖަލުގައި ޖެހި މާދަމާ ހަނދާން ނައްތާލެވެނީ އެވެ. ލިބިހުރި މޮޅުގެ މައްޗަށް ފަހުރުވެރިވެވި، އުފެދޭ ކިބުރުވެރިކަމުން ހިތުގައި ޖެހޭ ވަގޮށްތައް މޮހާނުލެވޭ ވަރަށް ބާރުވަނީ އެވެ. މާދަމާ ކަންކަން ފުރޮޅިގެން ގޮސްފާނޭ ގޮތަކާމެދު ފިކުރުކޮށްނުލެވެނީ އެވެ. މި ބައިތުގައި ޝާއިރުގެ ކަންބޮޑުވުން ފާޅުކޮށްފައި އެވަނީ އިންސާނާގައި ހުރި އެ ތަބީއަތުގެ މައްޗަށެވެ.

އިއްޔެއާ މިއަދުން ފިލާވަޅު ނޭގެނީ ނަމައީ ނަގަން

ފިއްޔަކާ ނުކުތާއަކާ ވަކިވާނެބާ އޮޅުވާނުލާ

ހެޔޮނުވާނޭ ދުނިޔެއޭމީ ދުނިޔެކަން ބަލަ ދަސްކުރޭ

ތެޔޮގުޅާސާދާކުރަން ތިޔަހެން އުމުރު ހުސްކޮށްނުލާ

މީ ނަސޭހަތެކޭ ދެވޭ އަރަފާގެ އިހުލާސްތެރި ހިތުން

ފީނަމުން މާޒީތެރަށް ދާއިރު ހަނދާން ނައްތާނުލާ

އިންސާނާގެ ހާލަތު ބަދަލުވެގެން ހިނގައިދާނީ ކޮންއިރަކުކަން ހަމަ އެކަކަށްވެސް ނޭނގޭއިރު، އެކަމުގެ މައްޗަށް ހުށިޔާރުވުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯންނާނެ އެވެ. ބަދަލަކީ ދުނިޔޭގެ އެންމެ އަސާސީ ގާނޫނެވެ. އެއްކަމެއް އަބަދު އެއްގޮތުގައި ނުއޮތުމަކީ ދުނިޔޭގެ ތަބީއަތެވެ. އެ ހަގީގަތަށް އަޅުގަނޑުމެން ފުރަގަސްދޭ ދިނުމަކީ އަޅުގަނޑުމެން ތަޖުރިބާކުރާ ގިލަނުގެ ސަބަބެވެ. އެހެންކަމުން، އިއްޔެގެ މާޒީއާއި މިއަދުގެ ހާލަތުން ފިލާވަޅު ލިބިނުގެނފިނަމަ މި ހާލަތުގެ މާދަމާ އަތެއް ނުވާނެ އެވެ.

އެހެންނަމަވެސް އަޅުގަނޑުމެންގެ ގިނަ މީހުން ލެނބެނީ ފިތުރަތުގެ އެންމެ އަސާސީ ނިޔާއަށެވެ. އޭގެ ބޭރުން ދަތުރުކޮށް، އެނގިހުރި ހެޔޮމިސްރާބަށް ދީލާލުމަށް ހިތްމަތެއް ނުކުރެވެ އެވެ. ގިނަ މީހުންގެ ވަގުތުތައް ހޭދަވަނީ ލިބިފައިވާ ވަގުތީ އުފަލުގެ އަޖަލުގައި ތެޔޮގުޅާސާދާކުރުމުގަ އެވެ. ނުވަތަ އެ އުފަލުން ލިބޭ ހިތްހަމަޖެހުމުގެ ހިޔާލީފޮލާ ކެއްކުމުގަ އެވެ. ހުރި މަގާމަށް އާދެވުނު ގޮތާއި، އެހީތެރިވެދިން މިތުރުންގެ މަތިން ހަނދާން ހުންނަނީ މަދު ބައެކެވެ. ގިނަ މީހުން ފިތުރަތަކީ ލިބުނު މޮޅާއެކު މާޒީ ހަނދާން ނައްތާލުމެވެ.

ޅެން ނިންމަމުން 'އަރަފާ'، އަބްދުއް-ރަހީމް-ފޮނަދޫ-އަރާއިރު، ވިދާޅުވެފައި އެވަނީ މި ޅެމަކީ އޭނާގެ ހިތުގެ އިހުލާސްތެރިކަމާއެކު ދޭ ނަސޭހަތެއް ކަމުގަ އެވެ. ދުނިޔެއިން ދުވަހަކާއެކު ހަޔާތުން ދުވަހެއް ވެއަތުވެގެންދާ މި ދިރިއުޅުމުގައި މި ނަސޭހަތް ހަނދާން ނައްތާނުލުމަކީ އޭނާގެ ވަސިއްޔަތެވެ.

ފޭރާން ހެޔޮ ޅެންވެރިކަމެކެވެ. މާ ފުން ނޫން އިބާރާތްތަކުން ވިދާޅުވެދެއްވާފައި އެވަނީ ދިރިއުޅުމުގެ ފަލްސަފާ އެވެ. އަމިއްލަފުޅު ނަފުސު އެ ނަސޭހަތްތަކުން އިސްތިސްނާ ކުރެއްވި ނަމަވެސް، ދެއްވާފައި އެވާ ނަސޭހަތްތަކުގައި ހިފައިފި ކޮންމެ މީހަކަށްމެ ހުރީ ހެޔޮގޮތްތައްކަން ކަށަވަރެވެ. މި ނަސޭހަތުގައި ހިފުމުގައި ބަލާންވީ ބުނި މީހާއަކަށް ނޫނެވެ. ބުނި ބަހަށެވެ.