Advertisement

12 އަހަރަށް ފަހު އެމެރިކާ ފައިނަލަށް

7 އޮގަސްޓު 2024 - 09:41 0


12 އަހަރަށް ފަހު އެމެރިކާ ފައިނަލަށް

7 އޮގަސްޓު 2024 - 09:41 0

ޕެރިސް (އޮގަސްޓް 7) - އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގެ ފައިނަލުން 12 އަހަރަށް ފަހު އެމެރިކާ އިން ފުރުސަތު ހޯދައިފި އެވެ.

އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގައި އެމެރިކާ އެންމެ ފަހުން، ފައިނަލުގައި ކުޅުނީ 2012 ގަ އެެވެ. އެމެރިކާ ޓީމުން ހަތަރު ފަހަރަށް އޮލިމްޕިކްސް ފުޓްބޯޅައިން ރަން މެޑަލް ހޯދި އެވެ. އެއީ، 1996 ވަނަ އަހަރު ހޯދުމަށް ފަހު، 2004، 2008 އަދި 2012 ވަނަ އަހަރު އެެވެ.

އެމެރިކާ އިން ވަނީ ސެމީ ފައިނަލުގައި ޖަރުމަނު އަތުން މޮޅުވެފަ އެވެ. ބްރެޒިލްގެ ރިއޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދި ޖަރުމަނު އަތުން، އެމެރިކާ މޮޅުވީ، 1-0 އިންނެވެ.

ޖަރުމަނު ކޮޅަށް އެމެރިކާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ، ސޯފިއާ ސްމިތު އެވެ. އޭނާ މި ލަނޑު ޖެހީ، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަސް ވަނަ މިނިޓްގަ އެވެ. މެޗުގެ ފުރިހަމަ ވަގުުތު ހަމަވިއިރު، ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޖަރުމަނުން ލަނޑެއް ޖަހައި، އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ޖަރުމަނުގެ ލައުރާ ފްރޭގޯންގް ބޮލުން ޖެހި ބޯޅައެއް އެމެރިކާގެ ކީޕަރު އަލީސާ ނައެހާ ވަނީ މަތަކޮށްފަ އެވެ.

އެމެރިކާގެ ކޯޗަކީ ޗެލްސީގެ އަންހެން ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އެމާ ހައެސް އެވެ. ފައިނަލުގައި އެމެރިކާ ކުޅެން ޖެހޭނީ، ބްރެޒިލާ އެވެ. ބްރެޒިލުން ވަނީ 4-2 އިން ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އަތުން ސެމީ ފައިނަލުގައި މޮޅުވެފަ އެވެ.

ފައިނަލް މެޗު އޮތީ، ހޮނިހިރު ދުވަހު އެވެ. ސްޕެއިނާއި ޖަރުމަނުން ލޯ މެޑަލް ހޯދަން ކުޅޭ މެޗު ހުކުރު ދުވަހު ކުޅޭނެ އެވެ.