Advertisement

ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތާ ގުޅޭ ބައެއް އަސާސީ މައުލޫމާތު!

6 އޮގަސްޓު 2024 - 08:53 3

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތާ ގުޅޭ ބައެއް އަސާސީ މައުލޫމާތު!

6 އޮގަސްޓު 2024 - 08:53 3

މި ގަރުނުގެ މިހާތަނަށް ދިޔައިރު ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރޭގައި ކުރެވިފައި އޮންނާނޭ އެންމެ ބޮޑު އަދި ބުރަ މަސައްކަތަކަށް ވާނީ މިހާރު އަމަލުކުރަމުން މިދާ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތެވެ. މި ގާނޫނުއަސާސީގެ ކުރިން އަމަލުކުރަމުން ގެންދިޔައީ 1997 ގެ ގާނޫނުއަސާސީ އަށެވެ. އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނީ 1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރެސީއަކާ ދިމާލަށް ބަދަލުކުރުމަށް ކަމަށް ވިދާޅުވެ އޭރުގެ ސަރުކާރުން ފެއްޓެވި ބިޔަ މަޝްރޫއު އެކެވެ. ޖުމުލަ 17 އަހަރު ދުވަހުގެ މަސައްކަތުން އެކުލަވާލި އެ ގާނޫނުއަސާސީއަށް އެންމެ ފަސް އަހަރެއްހައި ދުވަސް ތެރޭގައި އެ ގާނޫނުއަސާސީ އޮތީ ޒަމާނަށް ނުފެތޭ ބައު އެއްޗަކަށް ވެފަ އެވެ.

ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށުނީ ރާއްޖެއަށް ބަދަލުތަކެއް ގެނައުމަށް ގޮވާލައި ހިންގުނު އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ފަހުގަ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދިގެން ތިބި ބަދަލުތައް ރާއްޖެއަށް ގެނެވޭނީ އެ ބަދަލުތަކަށް ގާނޫނީ ހައިސިއްޔަތު ލިބިގެންނެވެ. އެ ހައިސިއްޔަތު ދެވެން އޮތީ އޭރު އޮތް ގާނޫނުއަސާސީ އިސްލާހުކޮށްގެންނެވެ. އެތެރެއާއި ބޭރުގެ ފިއްތުންތަކާއެކު އޭރުގެ ސަރުކާރަށް މަޖުބޫރުވީ ރާއްޖޭގެ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފެށުމަށެވެ.

މާދަމާ އަކީ މިގާނޫނުއަސާސީއަށް 16 އަހަރު ފުރޭ ދުވަހެވެ. މި ލިޔުމުގައި ބަލާލަން މިއުޅެނީ ރާއްޖޭގެ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ހިނގައިދިޔަ ގޮތާ ގުޅޭ ބައެއް މުހިންމު މައުލޫމާތުތަކަށެވެ.

ހާއްސަ މަޖިލީހުގެ އިންތިހާބަށް ހުޅުވާލުން

ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް އިއުލާނުކުރުމާއިއެކު އެންމެ ފުރަތަމަ މަސައްކަތަކަށް އޮތީ ހާއްސަ މަޖިލިސް އެކުލަވާލުމެވެ. އޭރު އަމަލުކުރަމުން ގެންދިޔަ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގައި ވާ ގޮތުން ހާއްސަ މަޖިލިސް އެކުލެވިގެންވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއްވަރުގެ އަދަދަކަށް ހާއްސަ މަޖިލީހަށް އިންތިހާބު ކުރެވޭ މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ އަށް މެންބަރުންގެ މައްޗަށެވެ.

ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ހާއްސަ މަޖިލީހަށެވެ. ގާނޫނުއަސާސީގެ 94 ވަނަ މާއްދާގައި އޮންނަ ގޮތުން ހާއްސަ މަޖިލިސް އެއްކުރެވޭނީ އެ މަޖިލިސް އެއްކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށެވެ. މި މާއްދާގެ ދަށުން ލިބޭ ބާރުގެ ތެރެއިން ހާއްސަ މަޖިލިސް އެއްކުރައްވަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަށްޓަކައި ހާއްސަ މަޖިލީހުގެ އިންތިހާބު ބޭއްވުނީ 2004، މެއި 28 ވަނަ ދުވަހު އެވެ.

ހާއްސަ މަޖިލީހުގެ މެންބަރުންގެ އަދަދު

މި ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ތިއްބެވީ ޖުމުލަ 113 މެންބަރުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ 42 މެންބަރުންނާއި، ރައްޔިތުންގެ ހާއްސަ މަޖިލީހަށް އިންތިހާބުކުރެވުނު 42 މެންބަރުންނާއި ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ 16 މެންބަރުންނާއި، 13 ވަޒީރުންނެވެ.

ހާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާއާއި ރިޔާސަތު

ހާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ ޖުލައި 19، 2004 ދުވަހުގެ ހެނދުނު 9:00 ގަ އެވެ. ޖަލްސާ ފެށްޓުނުއިރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ ހާއްސަ މަޖިލީހުގެ މެންބަރުންގެ ތެރެއިން 100 ބޭފުޅުންނެވެ. ހާއްސަ މަޖިލީހުގެ ވަގުތީ ރައީސެއްގެ ގޮތުގައި ހެނދުނު ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަބްދުﷲ ހަމީދެވެ. އެޖެންޑާ އައިޓަމުގެ ފުރަތަމަ ނަންބަރަކަށް އޮތީ ޖަލްސާ ފެށްޓެވުމެވެ. ފެށްޓެވުމަށް ރިޔާސަތުން ވިދާޅުވި އިބާރާތަކީ "ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑުގެ ހިތުގެއަޑީގެ އިހުތިރާމް ރައްދުކުރަމުން މިމަޖިލިސް މިފަށަނީ." މިހެންނެވެ.

އެޖެންޑާ އައިޓަމުގެ ދެވަނަ ނަންބަރަކަށް އޮތީ، ހާއްސަ މަޖިލިސް އެއްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވެވުމެވެ. ސިޓީފުޅު އިއްވަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު، އަލްއުސްތާޒު މުހައްމަދު ނަޝީދެވެ.

އެޖެންޑާ އައިޓަމުގެ ތިންވަނަ ނަންބަރަކަށް އޮތީ ހާއްސަ މަޖިލީހަށް ރައީސަކު އިންތިހާބު ކުރުމެވެ. ރައީސަކު އިންތިހާބުކުރުމަށް ނަން ހުށަހެޅުމަށް ހުޅުވާލުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުން އެންގެވީ ވޯޓު ލާނީ އަތް އުފުލާލައިގެން ކަމަށެވެ. އެކަމާ އެންމެ ބޮޑަށް އިހުތިޖާޖު ކުރެއްވީ ހާއްސަ މަޖިލީހަށް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނެވެ. އެ ބަހުސް ބޮޑުވެ، މަޖިލީހުގެ ރިޔާސަތުން ނިންމެވީ ވޯޓު ނަގާނޭ ގޮތަކާމެދު ގޮތެއް ނިންމުމަށް ވޯޓެއް ނެންގެވުމަށެވެ. މ.އަތޮޅުގެ މެންބަރު އަހުމަދު ނާޒިމު ހުށަހެޅުއްވީ ހާމަ ވޯޓަކަށް ދިއުމަށެވެ. އެހުށަހެޅުމަށް ތާއީދުކުރައްވާފައިވަނީ ނ. އަތޮޅުގެ މެންބަރު އަބްދުالله ޔާމީން އެވެ. ރިޔާސަތުން އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ފެންނަކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަކަމަށް 15 މެންބަރުން ވޯޓު ދެއްވި އެވެ. ވޯޓުގައި ބައިވެރިވީ ޖުމުލަ 84 މެންބަރުންނެވެ.

ހާއްސަ މަޖިލީހުގެ ރައީސްކަމަށް ހުށަހެޅުނީ ދެ ނަންފުޅެކެވެ. އެއީ އަރިއަތޮޅު ދެކުނުބުރީގެ މެންބަރު ގާސިމް އިބްރާހީމްގެ ނަންފުޅާއި، ހުވަދުއަތޮޅު ދެކުނުބުރީގެ މެންބަރު އައްބާސް އިބްރާހީމްގެ ނަންފުޅެވެ. ދެ ބޭފުޅުންގެ ނަންފުޅަށް ވަކިވަކިން ވޯޓަށް އެހިއިރު ގާސިމް އިބްރާހީމްއަށް ތާއީދުކުރެއްވީ 5 މެންބަރުންނެވެ. ނުފެންނަކަމަށް 79 މެންބަރުން ވޯޓު ދެއްވި އެވެ. އައްބާސް އިބްރާހީމްއަށް 71 މެންބަރުން ތާއީދުކުރެއްވިއިރު ނުފެންނަކަމަށް ވޯޓުދެއްވީ 13 މެންބަރެކެވެ. އެހެންކަމުން ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ ރައީސަކަށް އައްބާސް އިބްރާހީމް ހޮވިވަޑައިގަތީ އެވެ.

ޑްރާފްޓިން ކޮމިޓީ އެކުލަވައިލުން

ހާއްސަ މަޖިލިސް އެއްކުރެވުނު ފަހުން ދޮޅުއަހަރެއްހައި ދުވަސް ވެއަތުވީ އެމަޖިލިސް އެއްކުރެވުނު ސަބަބާ ގުޅޭ ބިނާކުރުވަނިވި އެއްވެސް މަސައްކަތެއް ނުކުރެވި އެވެ. މަޖިލީހުގެ ޖަލްސާތައް އަޑުއަހަން އާންމުންނަށް ހުޅުވައިލުމާއި، މަޖިލީހުގެ ޖަލްސާތައް ދުރަށް ދައްކަން ފެށުމާއި، ރައްޔިތުންގެ މަޖިލިސް އަދި ހާއްސަ މަޖިލިސް ކުރިއަށް ގެންދާނޭ ގޮތުގެ ގަވައިދު އެކުލަވާލުން ފަދަ ކަންކަން މި މުއްދަތުގައި ކުރިއަށް ދިޔަ އެވެ. ހާއްސަ މަޖިލީހަށް އޭރު އޮތީ 'ނަމޫނާ ގާނޫނުއަސާސީ' ގެ ނަމުގައި ކަރުދާހެއް ހުށަހެޅިފަ އެވެ. އެހެންނަމަވެސް އެއީ ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް އަނބުރާލުމަށް ހިންގޭ ޖަރީމާއެއް ކަމަށް ތުހުމަތުކުރެވި، އެކަރުދާހާ އިއުތިރާޒުކުރުމަށްފަހު މެންބަރުން ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޑްރާފްޓިން ކޮމިޓީއެއް އެކުލަވާލުމަށެވެ. އެ ކޮމެޓީއަށް އެހީތެރިވެދިނުމަށް ބޭރުގެ މާހިރަކު އައްޔަނުކުރުމަށްވެސް ހަމަޖެހުނެވެ. މިގޮތުން ޔޫއެންޑީޕީގެ އެހީތެރިކަމާއެކު، އެކަމަށް އައްޔަނުކުރެވުނީ ޕްރޮފެސަ ސުމައިޒާ އެވެ. އެއީ ކެނެޑާގެ ރައްޔިތެކެވެ.

ޑްރާފްޓިން ކޮމިޓީ އެކުލަވާލެވި، އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވޭވަރުވީ ހާއްސަ މަޖިލިސް އެއްކުރެވުނުތާ ދޮޅުއަހަރެއްހައި ދުވަސް ފަހުން ޖެނުއަރީ 18، 2006 ގަ އެވެ. ކޮމިޓީގެ މަސައްކަތަށް އެހީތެރިވުމަށް ފަންނީ ބޭފުޅުންގެ ގޮތުގައި ކޮމިޓީން އައްޔަނުކުރެއްވީ އަލްއުސްތާޒާ ދީނާ ހުސައިންއާއި، އަލްއުސްތާޒް ހަސަން ލަތީފްއާއި، އަލްއުސްތާޒް އަހުމަދު އަބްދުﷲ އަފީފް އެވެ.

ޑްރާފްޓިން ކޮމިޓީގެ ބައްދަލުވުންތަކުގެ އަދަދު

ޑްރާފްޓިން ކޮމިޓީގެ މަސައްކަތްތަކާ ގުޅިގެން ޖުމުލަ 219 ބައްދަލުވުން ބޭއްވުނުކަމަށް ރެކޯޑު ކުރެވިފައި ވެއެވެ. އެންމެ ފަހު ބައްދަލުވުން ބާއްވާފައިވަނީ ޖޫން 16، 2008 ދުވަހު އެވެ.

ހާއްސަ މަޖިލީހުގެ ޖަލްސާތަކުގެ އަދަދު

ހާއްސަ މަޖިލީހުން ބާއްވާފައިވަނީ ޖުމުލަ 272 ޖަލްސާ އެވެ. އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ ޖޫން 26، 2008 ގަ އެވެ.

ގާނޫނުއަސާސީ ފާސްކުރުމަށް ވޯޓަށް އެހުން

ގާނޫނުއަސާސީ ޑްރާފްޓުކުރުމުގެ މަސައްކަތް ފެށުމުގައިވެސް އޮތީ ލަސްވެފަ އެވެ. ސިޔާސީ ހަލަބޮލިކަމާއި އިޖުރާއަތުތަކުގެ ތާށިކަމުގައި ދޮޅުއަހަރު ވެއަތުވިފަހުން އެކުލަވާލެވުނު ޑްރާފްޓިން ކޮމިޓީން މަސައްކަތް ކުރައްވަމުން ގެންދެވީ ވަރަށް ހަލުވިކޮށެވެ. އެ ދުވެލީގައިވެސް، ރިޔާސީ އިންތިހާބު ބާއްވަންޖެހޭ ތާރީހުގެ ކުރިން ގާނޫނުއަސާސީ ނިންމިދާނޭކަމަށް ނުފެންނާތީ ދުވެލި ހަލުވި ކުރެއްވުމަށް ގޮތެއް ހުށަހެޅުއްވީ މާލޭގެ މެންބަރު އިބްރާހީމް އިސްމާއީލް އެވެ. އޭނާ ހުށަހެޅުއްވީ ޑްރާފްޓިން ކޮމިޓީން ވަކި ބާބުތަކަށް ބަހުސްކޮށް ފާސްކުރާ ގޮތް، މަޖިލީހުގެ ތަޅުމަށް ގެނެސް ބަހުސްކޮށް ފާސްކުރަމުން ގެންދިއުމަށެވެ. އެ ހުށަހެޅުން ފާސްވުމުގެ ކުރިން ހަމަޖެހިފައި އޮތީ މުޅި ގާނޫނުއަސާސީ ޑްރާފްޓްކުރެވި ހުށަހެޅުމުން ބަހުސްކުރާ ގޮތަށެވެ.

ގާނޫނުއަސާސީ ފާސްކުރުމަށް ވޯޓަށް އެހީ ޖޫން 26، 2008 ގައި، އެ މަޖިލީހުން ބޭއްވި އެންމެ ފަހު ޖަލްސާގަ އެވެ. އޭރު ގާނޫނުއަސާސީގެ ގިނަ ބާބުތަކަށް ވޯޓަށް އެހި، އޮތީ ފާސްވެފަ އެވެ. އެ ދުވަހު ފުރަތަމަ ވޯޓަށް އެހީ ގާނޫނުއަސާސީގައި ހުރިކަމަށް ފާހަގަކުރެވުނު އިމްލާ ކުށްތައް އިސްލާހުކުރުމަށެވެ. ފަންނީ ބޭފުޅުން ލަފާ ދެއްވާފައިވާ ގޮތަށް އިސްލާހުކުރުމަށް 73 މެންބަރުން ވޯޓު ދެއްވި އެވެ. އެ ޖަލްސާގައި ހާޒިރުވެ ތިއްބެވީ 93 މެންބަރުންނެވެ. ދެން ވޯޓަށް އެއްސެވީ ބައެއް އިބާރާތްތަކަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކުރައްވާފައިވާ ގޮތް ހިމަނައިގެން ގާނޫނުއަސާސީ ފާސްކުރުމަށް ފެނިވަޑައިގަންނަވާތޯ އެވެ.

އެ ހުރިހާ ބަދަލުތަކާއެކު، މުޅި ގާނޫނުއަސާސީ ފާސްކުރުމަށް ވޯޓަށް އެހި އެވެ. އެވަގުތު ހާޒިރުވެ ތިއްބެވި 94 މެންބަރުންގެ ތެރެއިން ގާނޫނުއަސާސީ ފާސްކުރުމަށް ވޯޓު ދެއްވީ 67 މެންބަރުންނެވެ. 5 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އަދި 15 މެންބަރުން ވޯޓު ދެއްވީ ގާނޫނުއަސާސީ ފާސްކުރައްވަން ފެނިވަޑައިނުގަންނަވާ ކަމުގަ އެވެ. އޭގެ ފަހުން ގާނޫނުއަސާސީ ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމަށްވެސް އެ ޖަލްސާގައި ނިންމުނެވެ.

ގާނޫނުއަސާސީ ތަސްދީގުކުރުން

ގާނޫނުއަސާސީ ތަސްދީގުނުކޮށް އަނބުރާ ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިކަމަށް ބުނެ ޖުލައި 2008 ގައި މާލޭގައި ބޮޑެތި މުޒާހަރާތަކެއް ކުރެވުނެވެ. ތީމުގެއާއި ރައީސް އޮފީސް ދޮށުގައިވެސް މެދުކެނޑުމެއްނެތި މުޒާހަރާކުރަމުން ގެންދިޔައިރު، ގާނޫނުއަސާސީ ތަސްދީނުނުކޮށް ލަސްވާ ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ވަކި ބަހެއް ނެތެވެ. ގާނޫނުއަސާސީ ތަސްދީގުކުރުމުގެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވީ 2008 އޮގަސްޓް 7 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންގެ މުސާރަ

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރަކަށް އޭރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ ހަތްހާސް ދިވެހި ރުފިޔާ އެވެ. އިނާޔަތްތަކެއް ކަނޑައެޅިފައެއް ނުހުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ނުވަތަ ވަޒީރެއްގެ ހައިސިއްޔަތުން ހާއްސަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ދެ މުސާރަ ލިބިވަޑައިގެންނެވި އެވެ.

ގާނޫނުއަސާސީއަށް ގެނެވިފައިވާ ބަދަލުތައް

މި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް 6 ފަހަރު ގާނޫނުއަސާސީ އިސްލާހުކުރެވިފައި ވެއެވެ.

1 ވަނަ އިސްލާހު: ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހަކީ، އުމުރުން ތިރީސް އަހަރާއީ ފަސްދޮޅަސްފަސް އަހަރާ ދެމެދުގެ މީހެއް ކަމަށް ވާންޖެހޭ ގޮތަށް ޝަރުތުތައް ބަދަލުކުރުން (25 ޖޫން 2015)

2 ވަނަ އިސްލާހު: ފްރީހޯލްޑް އުސޫލުން ބިން ދޫކުރެވޭ ގޮތަށް 15 ވަނަ ބާބު އިތުރުކުރުން. (23 ޖުލައި 2015)

3 ވަނަ އިސްލާހު: ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގެ އުމުރާ ގުޅޭ ގޮތުން، އެންމެ މަތީ އުމުރެއް ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް، އުމުރުން ތިރީސް ފަސް އަހަރުން މަތީގެ ކޮންމެ މީހަކީވެސް އުމުރުގެ ގޮތުން، އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ މީހެއްގެ ގޮތުގައި ބަދަލުކުރުން. (3 ޑިސެމްބަރު 2018)

4 ވަނަ އިސްލާހު: ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް އަލުން ކަނޑައަޅާ، ކުއްޔަށް ނުވަތަ އެނޫން ގޮތަކަށްވެސް ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ދެވޭނީ 99 އަހަރަށް ކަމަށް ކަނޑައަޅާ، ޤާނޫނުއަސާސީގެ 2 ވަނަ އިސްލާހުން ތައާރަފުކުރި 15 ވަނަ ބާބު އުނިކުރުން. (23 އޭޕްރީލް 2019)

5 ވަނަ އިސްލާހު: ކައުންސިލްތައް މެމްބަރުން އެކުލެވިގެންވާ ގޮތުގެ ތަފްސީލުތައް އިތުރުކޮށް، ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރުގެ މުއްދަތަކަށް ބަދަލުކުރުން. (8 ޑިސެމްބަރު 2019)

5 ވަނަ އިސްލާހަށް ގެނެވުނު 1 ވަނަ އިސްލާހު: 2017 ގައި އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު، އައު އިންތިހާބު ބޭއްވޭ ގޮތް ނުވެއްޖެނަމަ، ކައުންސިލްތަކުގެ އުމުރުގެ ދެމިގެންދާ ގޮތަށް އިސްލާހުކުރުން. (ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން) (2 ޖޫން 2020)

ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް

  1. ހާއްސަ މަޖިލީހުގެ ހުރިހާ މެންބަރުން ހާޒިރުވެ ތިބެގެން ޖަލްސާއެއް ހިންގިފައެއް ނެތް.
  2. ގާނޫނުއަސާސީ އެކުލަވާލައި ފާސްކުރުމަށް ހޭދަވެފައިވަނީ 1469 ދުވަސް. އެއީ 4 އަހަރާއި 8 ދުވަސް.
  3. އޭގެ ކުރިން އަމަލުކުރަމުން ގެންދިޔަ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތަށް ހޭދަވީ 17 އަހަރު. އެ ގާނޫނުއަސާސީ އެކުލަވާލުމަށް ހާއްސަ މަޖިލިސް އެއްކޮށް، މަސައްކަތް ހަވާލުކުރެވުނީ ނޮވެމްބަރު 29، 1980 ގަ. މަސައްކަތް ނިންމައި ތަސްދީގުކުރުމަށް ފޮނުއްވީ ނޮވެމްބަރު 6، 1997 ގަ. އެއީ 16 އަހަރާއި 11 މަހާއި 9 ދުވަސް.
  4. ޑްރާފްޓިން ކޮމިޓީގައިއާއި ހާއްސަ މަޖިލީހުގައި މެންބަރުން ދެއްކެވި ވާހަކަ އަކުރުން އަކުރަށް ލިޔެވިފައި ނެތެވެ. އެކަމުގެ ސަބަބުން ބައެއް މާއްދާތައް ހިމެނުމުގައި މެންބަރުންގެ މަގުސަދަކީ ކޮބައިކަން ސާފު ނުވެ އެވެ. އެހެންނަމަވެސް ދެއްކެވި ވާހަކަފުޅުތައް ލިޔުމަށް ތިރިކުރެވިފައި ނެތީސް މަޖިލީހުގެ ޔައުމިއްޔާތައް ފާސްކުރުމަށް މެންބަރުން ވޯޓު ދެއްވާފައި ވެއެވެ.
  5. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި މެންބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ދެ ފަހަރެއްގެ މަތިން ބަދަލުކުރެއްވި އެވެ.
  6. ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ އަގުލަބިއްޔަތު އޮތީ އޭރުގެ ސަރުކާރަށެވެ. އެހެންނަމަވެސް ގާނޫނުއަސާސީގެ ގިނަ ބަދަލުތައް ފާސްވެފައި ހުރީ އިދިކޮޅުން ބޭނުންވި ގޮތަށެވެ. އެހެންވީ، ސަރުކާރުގެ ފަރާތުން ތިއްބެވި އިލްމީ ބައެއް ބޭފުޅުންގެ ދޫދެއްވުމާއި، މަޖިލީހުގައި ކަންކަން ހިނގާނުހިނގާ ގޮތް ރައްޔިތުން ގާތުން ބަލަން ފެށުމުގެ ސަބަބުންނެވެ.

މި ގާނޫނުއަސާސީގެ ހަޔާތުން 16 އަހަރު ފުރިގެން ދާއިރު، އަޅުގަނޑުމެން މިއަދު މިތިބީ މިގާނޫނުއަސާސީވެސް އިސްލާހުކުރަންޖެހޭކަމަށް ވާހަކަ ދެއްކުމުގަ އެވެ. ބަދަލަކީ ދުނިޔެވީ ތަބީއަތުގެ އެންމެ ބޮޑު ހަގީގަތެވެ. ޒަމާނަށް ފެތޭގޮތަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް އަބަދުވެސް އަންނަންވާނެ އެވެ. އެހެންނަމަވެސް، ގާނޫނުއަސާސީ ބަދަލުވެގެން ދިއުމަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ހިނގާ އިޖުރާއަތަކަށްވާނަމަ، އިތުބާރު ގެއްލޭނީ މުޅި ދުސްތޫރީ ހުކޫމަތަށެވެ.