Advertisement

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ނިމާލް އައްޔަންކޮށްފި

5 އޮގަސްޓު 2024 - 12:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެލްޖީއޭގެ ސީއީއޯކަމުގެ މަގާމުގެ ލިޔުން ރައީސް މުއިއްޒު ނިމާލަށް އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް


އެލްޖީއޭގެ ސީއީއޯގެ މަގާމަށް ނިމާލް އައްޔަންކޮށްފި

5 އޮގަސްޓު 2024 - 12:13 0

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް މާލެ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލް އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިމާލަށް މަގާމުގެ ލިޔުން ދެއްވާ ފޮޓޯ ހިއްސާކުރައްވާ އެލްޖީއޭގެ ރައީސް އަދި ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވަނީ ނިމާލަށް މަރުހަބާ ދަންނަވާ ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައި ނިމާލް ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ މިނިސްޓަރ ކައުންސެލާ މަގާމާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން އަދި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

އެލްޖީއޭގެ ސީއީއޯކަން ހުސްވީ އިއްޔެ އެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ ވަކިކޮށް، އޭނާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރުމުންނެވެ. ޒުލްފާ ވަކިކުރަން ނިންމިކަން އިއްޔެ މިނިސްޓަރު އާދަމް ޝަރީފަށް ވެސް އެނގުނީ ނޫސްތަކުންނެވެ.

"އަޅުގަނޑަށް އަންގާކަށް ނުޖެހޭނެ ވަކިކުރިއްޔާ. އަޅުގަނޑު ޖެހޭނީ ތިކަން ބަލާލަން. އަޅުގަނޑަށް އެނގިފައެއް ނެތް ވަކި ކުރި ކަމެއް،" އިއްޔެ "އަދަދު" އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

މަގާމުން ވަކިކުރި ޒުލްފާ "އަދަދު" އަށް ވިދާޅުވީ އެގޮތަށް ނިންމީ ކީއްވެގެންކަން އެނގިވަޑައިގަނުގަންނަވާ ކަމަށާއި ނަމަވެސް ރައީސްގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށެވެ.

"އަޅުގަނޑު މިހުރީ ގައުމުގެ ހިދުމަތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކޮންމެ ކަމެއް ކުރަން ތައްޔާރުވެގެން. އެގޮތުގެ މަތިން ގައުމަށް ހިދުމަތް ކުރަން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަޅުގަނޑު ހިމެނޭ. ރައީސް އޭރުގައި ވިދާޅުވީ މަތީ ތައުލީމު ހާސިލުކޮށްގެން އަދި އެކްސްޕީރިއަންސް ހުރި ބޭފުޅުން ވަޑައިގަތުމަށް މަރުހަބާ ކިޔާނެ ކަމަށް،" ޒުލްފާ ވިދާޅުވި އެވެ.