11 އޮގަސްޓު 2024 - 13:28 1
މުހައްމަދު އުޝާމް
11 އޮގަސްޓު 2024 - 13:28 1
އޭރުގައި ފެނުނީ ފޯރިގަދަ، ޖޯޝުން ފުރިގެންވާ ސިޔާސީ ހަރަކާތްތަކެކެވެ. އުންމީދުތަކެއް އޮތް، ހަކަތަ ހުރި ސިޔާސީ ހަރަކާތްތެރިންގެ ކެމްޕެއިން މަސައްކަތްތަކެވެ. މާލެ އާއި އަތޮޅުތަކުގައި ސަޕޯޓަރުން ފުރާލައި ޖަލްސާތައް އޮންނާނެ އެވެ. މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފުވި ޒަމާނުގައި މަންޒަރުތައް ހުރީ އެ ގޮތަށެވެ.
މަލްޓި ޕާޓީ ޑިމޮކްރެސީގެ އަސާސްތައް ހިމަނައިގެން އެކުލަވައިލި ފެހި ގާނޫނު އަސާސީއަށް 16 އަހަރު ފުރުނީ އެވެ. އިންތިހާބުތަކުގައި ވޯޓުލުމުގެ ނިސްބަތް 80 ޕަސެންޓުން މަތީގައި އޮތް މި ގައުމުގައި މިއަދު ވޯޓުލާ ހިތްވެގެން އުޅޭ ބަޔަކު މަދޭ ބުނެވިދާނެ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފިޔަވައި އެހެން ކޮންމެ އިންތިހާބެއްގައި ވެސް ކުރިއަށް ވުރެ ވޯޓުލާ މީހުން މަދެވެ.
މި އައި ބޮޑު ބަދަލަކީ ކޮބައި ހެއްޔެވެ؟
ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ މަދު ޒުވާނުންގެ ތެރެއިން އެކަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ. އިދިކޮޅު އެމްޑީޕީން މި ފަހަރު މަޖިލީހުގެ ދެވަނަ ދައުރު ކަށަވަރުކުރި މަދު މެންބަރުންގެ ތެރޭގައި ހިމެނޭ މީކާއީލް ވިދާޅުވަނީ ސިޔާސީ ނިޒާމާ މެދު އާންމުން ފޫހި ކުރުމަށް ގަސްތުގައި ރާވައިގެން އެ މަސައްކަތް އެބަ ކުރަމުންދާ ކަމަށެވެ.
"މިހާ ލަދު ކުޑަ، މިހާ ހަޔާތް ކުޑަ ސަރުކާރެއް އަދި މިހާ ފާޅުގައި ދޮގު ހަދަމުން ދިވެހި ރައްޔިތުން މި ސިޔާސީ ނިޒާމާމެދު ފޫހިކުރަމުންދާ ސަރުކާރެއް އަޅުގަނޑުމެންނެއް އަދި މި ފެންވަރަކަށް ނުދެކެން،" މީކާއިލް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ. ސިޔާސީ ނިޒާމު ދެކެ ފޫހިވެއްޖެ އެވެ. އިންތިހާބުތަކާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ނިސްބަތް ދަނީ އިންތިހާބަކަށް ފަހު އިންތިހާބެއްގައި ދަށް ވަމުންނެވެ. އެކި ދިރާސާތަކުގައި މީގެ ދަލީލު އެބަ ދައްކަ އެވެ.
ސުވާލަކީ މީކާއީލް ވިދާޅުވާ ފަދައިން ސިޔާސީ ނިޒާމާ މެދު ފޫހި ކުރުވަން ސިޔާސީ ވެރިންގެ ތެރެއިން ބަޔަކު ރާވައިގެން އެބަ ކަމެއް ކުރޭ ހެއްޔެވެ؟ ސިޔާސީ ބާރުވެރިކަމާއި ދައުލަތުގެ ތެރެއިން ނަހަމަ ފައިދާ ހޯދުމުގެ ވިސްނުމުގައި ތިބި ބަޔަކަށް އެ ކަމަކުން ލިބޭނެ މޮޅެއް ވެސް ވަކި އެބަ އޮތް ހެއްޔެވެ؟
މި ރިޕޯޓަށް ވާހަކަ ދެއްކެވި ސިޔާސީ ބައެއް ބޭފުޅުންނާއި އެނަލިސްޓުންގެ ނަޒަރުގައި ވޯޓާސް ޓާންއައުޓް ދަށްވުން ނުވަތަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ދަށްވުމަކީ ސިޔާސީ ބާރުވެރިކަން އެ ވަގުތަކު އޮންނަ ބަޔަކަށް ފަހި ފުރުސަތެކެވެ. ހާއްސަކޮށް އެ ބާރުވެރިކަން ދެމެހެއްޓުމަށެވެ.
މީކާއީލް "އަދަދު" އާ ވާހަކަ ދައްކަވަމުން އޭނާއަށް ގަބޫލު ކުރެވޭ ގޮތް ތަފްސީލްކޮށްދެއްވި އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރުގައި އޮންނަ ޕާޓީއަށް ފައިދާ ކުރާނީ ވޯޓާސް ޓާންއައުޓް ދަށްވެގެނެވެ. ސަރުކާރުގެ ވަސީލަތްތައް މެދުވެރިކޮށް "ގަނެފައިވާ ވޯޓުތަކުން" އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
"ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މާ ގިނަ ވޯޓެއް ވެސް ނުއެއް ހޯދޭނެ، އެކަމަކު ޓާންއައުޓް ދަށްވެއްޖެއްޔާ އެ ފުރުސަތު ބޮޑުވާނެ، އެހެންވެ އަބަދުވެސް ސަރުކާރުގައި އޮންނަ ޕާޓީއަކަށް ފައިދާ ވާނީ ޓާންއައުޓް ދަށްވެގެން،" މީކާއީލް ކިޔައިދެއްވި އެވެ.
މީކާއީލްގެ އެ ވާހަކަތަކަށް ތާއީދު ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އިތުރަށް ފާހަގަ ކުރެއްވި ކަމަކީ ޓާންއައުޓް ދަށްވުމުގެ ފައިދާ ބޮޑުވާނީ ދައުލަތުން ގިނަ ފައިސާ ލިބޭ ސިޔާސީ ޕާޓީތަކާއި ވެރިކަންކުރާ ޕާޓީއަށް ކަމަށެވެ.
"ދައުލަތުގައި ހުރިހާ ވަސީލަތެއް މި އޮންނަނީ، ދައުލަތުން ބެކް ކުރާ ކެންޑިޑޭޓަކާއި ވާދަކުރުމަކީ ވަރަށް އުނދަގޫ ކަމެއް، ދެން ކިރިޔާ ވެސް ވާދަކުރެވޭނީ މަހުޖަނަކަށް، ނޫނީ ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ގޮތަކަށް އިންތިޒާމުވެފައި އޮތް ވާދަވެރި ޕާޓީއަކަށް،" ވަހީދު ވިދާޅުވި އެވެ.
ޓާންއައުޓް ދަށްކުރުމަށް މައި ދެ ސިޔާސީ ޕާޓީން ބޭނުން ވާނެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ގަބޫލު ކުރައްވަ އެވެ.
"އޭރަށްތާ ތިމަންނަ ގަބީލާ، މި ބުނީ ޕާޓީގައި ބައިވެރިވާ މީހުން ބައިވެރިކޮށްގެން، އޭގައި ހިމެނޭ ތިމާގެ އާއިލާ މީހުނަށް ބޮޑެތި ފައިދާ، ދެން ތިބި މީހުނަށް ކުދި ފައިދާ ހަމަޖައްސާލައިގެން ސިޔާސީ ބާރުވެރިކަން ދެމެހެއްޓެން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ފެހި ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ) އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި ޑިމޮކްރެސީގެ ތެރެއިން "ހުދުމުހުތާރު ވެރިކަމެއް" މޫލުމަށް އެ ކަމަށް އެދޭ ސިޔާސީ ވެރިންގެ ފަރާތުން ފެންނާނެ އެއް ސިފައަކީ ދޮގު ހެދުން އާންމު ކުރުމެވެ.
ބޭނުމަކީ ތެދު ދޮގު ވަކިކުރަން ދަތިވާ ވަރު ކުރުން. ސިޔާސީ މީހުންގެ ވާހަކަތައް ރައްޔިތުން ކޮންމެހެން އަޑުއެހުން ފޫހިވާ ކަމަކަށް ހެދުން. އެއީ އިންތިހާބުތައް އޮންނަ ގައުމުތަކުގައި ވެރިން ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ގެންގުޅޭ އުކުޅެއް،" އިބްރާހީމް ލިޔުއްވާފައިވެ އެވެ.
ސިޔާސީ ނިޒާމާ މެދު އާންމުން ފޫހި ކުރުވުމަށް ގެންގުޅޭ އެންމެ ބޮޑު އުކުޅަކީ ދޮގު ހެދުން އާންމު ކުރުން ކަމަށް މީކާއީލް ވެސް ވިދާޅުވި އެވެ.
"މި ސަރުކާރުގައި، އެބަ ފެނޭ ހަމަ ވަރަށް އާންމު ކަމަކަށް ހަދައިފި، ކުރިމަތީގައި ފެންނަން އޮންނަ ކަމެއްގައި ވެސް، އެއްވެސް ލަދެއް ހަޔާތެއް ނެތި ދޮގު ހަދާ ތަން، ވާހަކައެއް ބުނެފައި ދެން އެ ނުދައްކާ ވާހަކައަކަށް ވެސް ހަދަނީ، ކުރިމަތީގައި ކުރާ ކަމެއް ނުކުރާ ކަމަކަށް ވެސް ހަދަނީ،" މީކާއީލް ވިދާޅިވި އެވެ.
އޭގެ ސަބަބުން ސިޔާސީ ވެރިންނަށް އޮތް އިތުބާރު ގެއްލި، ސިޔާސީ ނިޒާމާ މެދު އާންމުން ފޫހި ޖެހުމަކީ ގާތް ކަމެއް ގޮތުގައި މީކާއީލް ގަބޫލު ކުރައްވަ އެވެ.
ދޮގު ހެދުމާއި ކޮރަޕްޝަން އާންމުކޮށްގެން ރައްޔިތުންނަށް ސިޔާސީ ވެރިން ވިސްނައިދޭން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވެސް ރަނގަޅު ދިރިއުޅުމެއްގެ ފުރުސަތު ލިބެން އޮތީ އޭގައި ބައިވެރިވެގެން ކަމެވެ. އިންތިހާބުތަކުގައި ނަތީޖާ ރަނގަޅު ކުރަމުން އައި ނަމަވެސް ބަލިވުމުގެ ތަޖުރިބާ އޮތް އުމަރު ވިދާޅުވީ އެ ވާހަކަ އެވެ.
"ގިނަ އާންމުން މިހާރު ދެކެނީ ދެން މި ކަން އޮންނާނީ މިހެންނޭ، ހުރިހާ އެންމެނަކީ ވަގުންނޭ، ދޮގު ހަދާ މީހުންނޭ، ތެދެއް ނުވެސް ހަދާނޭ، ދެން ތިމަންނައަށް އޮންނާނެ ގޮތަކީ އެއިން ދޮގު ހަދާ މީހަކަށްވެ ވައްކަމުގައި ބައިވެރިވުމޭ، ނޫނީ އެއްޗެއް ނުބުނެ ހަނު ހުންނާނީއޭ،" އާންމުން ފޫހިކުރުމުގެ ރޭވުން ހިންގާ ކަމަށް ގަބޫލުކުރައްވާ ކަން ހިއްސާކުރައްވައި އުމަރު ވިދާޅުވި އެވެ.
ނަމަވެސް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ ހިޔާލު ތަފާތެވެ. އޭނާ ގަބޫލު ކުރައްވަނީ ސިޔާސީ ކަންކަމުގައި އާންމުން ފޫހި ޖެއްސުމަކީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް މާ ބޮޑު ފައިދާއެއް ވާނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ރިޔާސީ ދައުރެއްގައި ނަތީޖާ ނުނެރެވުމުން، ކޮރަޕްޝަން އާންމުކޮށްގެން ވެސް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރާ ކަން އޭނާ ވެސް ފާހަގަ ކުރެއްވި އެވެ.
"ޕޮލިޓިކަލް ކަލްޗާގެ މައްސަލަތަކެއް އެބަ އުޅޭ، އެކަމަކު ވެސް އަޅުގަނޑު ދެކެނީ ދިވެއްސަކަށް ވީތީ، ޕޮލިޓިކަލް ލީޑަރަކަށް ވީތީވެ ޕޮޕިއުލާރިޓީ ހޯދުމަށް، ވަރުގަދަ މަސައްކަތްތަކެއް ކުރަން ބޭނުންވެސް ވާނެ، މަސައްކަތްތަކެއް ފުރަތަމަ ކުރަން ވެސް އުޅޭ، އެކަމަކު ނުވެ ދަނީ،" ޝަހީދު ވިދާޅުވި އެވެ.
ޑިމޮކްރެސީ ހިންގުމަކީ ކޮބައި ހެއްޔެވެ؟
ސިޔާސީ ފަލްސަފާއެއްގައި މަސައްކަތްކުރާ ޖަމާއަތްތަކުން އެ ފަލްސަފާއެއް ފެތުރުމަށް މަސައްކަތް ކުރުމެވެ. ހިޔާލުތަކާއި ތަސައްވުރުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށް، ޖަމާއަތެއްގެ ގޮތުގައި ވަރުގަދަ ސިޔާސީ ފަލްސަފާތަކެއް ތަމްސީލްކުރަން ފެށުމެވެ.
މި ގޮތަށް ހިޔާލުތައް މުއްސަނދިކޮށް ތަފާތު ފިކުރުތައް ތަމްސީލްކުރާ، އާބާދީ އެއް މިންވަރަކަށް ބެހޭ ގޮތަށް ގިނަ ސިޔާސީ ޕާޓީތައް އޮތުމާއި ޑިމޮކްރެސީ އޭގެ ހަގީގީ މާނައިގައި ހިންގާނަމަ އެއްވެސް ޕާޓީއެއް މާ ބާރުގަދަވެ މައިދާން ޑޮމިނޭޓް ކުރުން ވާނީ ދަތި ކަމަކަށެވެ.
ޕޮލިޓިކަލް އެނަލިސްޓް އަދި ޔުނިވާސިޓީތަކުގައި އިންސާނީ ހައްގުތަކުގެ ދާއިރާއިން ތަގުރީރުކުރައްވާ ޝަހީދު ވެސް ވިދާޅުވީ ކުދި ސިޔާސީ ޕާޓީތައް މައިދާނުގައި ހަރަކާތްތެރިވުން ދަށްކުރީ ރޭވުންތެރިކަމާ އެކީގަ އެވެ. ރާއްޖޭގެ ޑިމޮކްރެސީގެ ފެންވަރު ވައްޓާލަން ފެށި އެއް ހިސާބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީން އިސްވެ އޭރު، ވަކި އަދަދަކަށް މެންބަރުން ތިބެން ލާޒިމުކޮށް، ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުން ބައިވަރު ފައިސާ ލިބޭ ގޮތަށް މި ހަމަޖެއްސީ، ކުދި ޕާޓީތައް ދުއްވާލީ ހަމަ، ޑިމޮކްރެސީ މި ހިނގަނީ ތަފާތު ފިކުރުތަކުގެ ގިނަ ޕާޓީ، އެއް ވަރެއްގެ ގިނަ ޕާޓީ އޮވެގެން،" ޝަހީދު ވިދާޅުވި އެވެ.
ސިޔާސީ ނިޒާމާ މެދު ފޫހިކޮށް، ސިޔާސަތަކުން ރައްޔިތުންނަށް ފައިދާތަކެއް ލިބިދޭނެކަމުގެ އުންމީދު ނަގައިލުމަކީ، ސިޔާސީ ބާރު ދެމެހެއްޓުމަށް މި ފަހުގެ ޒަމާނެއްގައި ވެރިން ގެންގުޅޭ އުކުޅެކެވެ.
މި ފެންނަނީ ޑިމޮކްރަސީގެ ފެންވަރު ވައްޓާލަން ކުރާ މަސައްކަތެވެ. ޑިމޮކްރެސީގެ ފެންވަރު ދަށްވުމޭ މި ބުނަނީ ކޮން ކަމަކަށް ހެއްޔެވެ؟
ސިޔާސީ ޕާޓީތަކުން ސިޔާސަތުތައް ހެދުމާއި، ހިޔާލުތައް ބަދަލުކުރުމަށް އިސްކަން ނުދިނުމެވެ. ޕާޓީތަކުގެ ހަރުގެތައް ރަށްރަށުގައި ހުރި ނަމަވެސް ސިޔާސީ ފަލްސަފާ މުއްސަނދި ކުރުމުގެ އެއްވެސް މަސައްކަތެއް އެ ހަރުގެތައް މެދުވެރިކޮށް ސިޔާސީ ޕާޓީތައް ނުހިންގުމެވެ.
އެމްޑީޕީގައި ވަރުގަދަ ކެމްޕެއިންތައް ރާވައި އިސްކޮށް އުޅުއްވި ވަހީދު ކަންބޮޑުވުންތަކާ އެކު ހިއްސާކުރެއްވީ ރާއްޖޭގައި މިހާރު ޑިމޮކްރެސީގެ އެ އާދަތައް ނެތެމުންދާ ކަމެވެ.
"ވާދަވެރި ޕާޓީތަކުގެ ބެނުމަކީ ވެސް ޕާޓީތަކުން ރައްޔިތުންނަށް ވާން އޮތް ގޮތާއި، ކުރެވޭނެ ކަންކަމާއި، ނުކުރެވޭނެ ކަންކަމާއި، ސިޔާސަތެއް ކިހިނެއް ހިންގައިގެން ކަން، ހެވާއި ނުބައި ރައްޔިތުންނަށް ކިޔައިދިނުން، އެކަމަކު އެ ކަމެއް ނުއެއް ހިނގާ،" ވަހީދު ވިދާޅުވި އެވެ.
ހިޔާލުތަކާއި ސިޔާސަތުތަކުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ނެތް ކަން މިހާރު އެބަ ފެނެ އެވެ. ކޮމިޓީ ރިޕޯޓަކަށް ބަހުސް ކުރާ މެންބަރަކު ނެތެވެ. ދެން ފެންނަނީ އެންމެން ވެސް ލަދު ގަންނަ ވަރުގެ ވާހަކަތަކެއް ބައެއް މެންބަރުން ދައްކާ ތަނެވެ.
ސަބަބަކީ ވޯޓު ލުމުގައި ވެސް ހިޔާލުތަކުގެ ވާހަކަ މިހާރު މުހިންމު ނުވުމެވެ. ހިޔާލުތަކާއި ސިޔާސަތުތަކަށް ބަލައިގެން ވޯޓުލާން ބޭނުންވާ މީހުން ވޯޓު ލާން ނުދިއުމެވެ. ޑިމޮކްރެސީގެ ނިޒާމާ މެދު އެ މީހުންގެ އުންމީދު ގެއްލުމެވެ. ހިޔާލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ވެސް ބޭނުން ނުވާ ވަރަށް ނިޒާމާ މެދު ފޫހިވެފައި ތިބުމެވެ.
ފަހުން އެމްޑީޕީން ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދުމުގައި ހަރަކާތްތެރިވި ވަހީދު ވިދާޅުވީ ސިޔާސަތުތަކުގެ ވާހަކައަކީ މިހާރު މާ މުހިންމު ކަމަކަށް ޕާޓީތަކަށް ނުވެ އެވެ.
"ޕާޓީތަކުން ޕާޓީތަކުގެ ޒިންމާ އަދާ ނުކުރުމަކީ ވެސް ރައްޔިތުން މި ނިޒާމު ދެކެ ފޫހިވާ ސަބަބު، ވެރިކަމުގެ ބާރުގައި މި އުޅެނީ ދެ ޕާޓީއެއް، މި ދެ ޕާޓީގައި އެތެރޭގެ ޑިމޮކްރެސީ ވެސް މި ފެންނަނީ ވަރަށް ދަށްކޮށް، ސިޔާސަތާއި އުސޫލުތަކާއި ވެލިއުސްތަކެއް ވެސް ނެތް،" ވަހީދު ވިދާޅުވި އެވެ.
ފުރަތަމަ ކަމަކީ މަޖިލީހުގެ މައިގަނޑު ދެ މަސްއޫލިއްޔަތު ވެސް އަދާނުކުރެވުމެވެ. މުޅި ދައުލަތް އަމަލުކުރާނެ ގާނޫނުތައް އެކުލަވާލައިރު އެ ގާނޫނުތަކުގައި ފެންވަރު ނެތުމެވެ. ދެވަނަ ކަމަކީ ގާނޫނުތައް ތަންފީޒުނުވުމާއި ތަންފީޒުނުވާތީ ދައުލަތް ޖަވާބުދާރީކުރުމަށް މާ ބޮޑު މަސައްކަތެއް މަޖިލީހުގެ ތެރޭގައި ނުހިންގުމެވެ.
ސަރުކާރުގެ ސިޔާސަތުތައް ވެސް ސާފުނުވުމެވެ. ސިޔާސަތުތަކެއް ސާފުނުވާނަމަ ރަނގަޅު އިންތިޒާމެއްގައި ދައުލަތް ނުހިނގާނެ އެވެ. ނަތީޖާއަކީ ރައްޔިތުންނަށް ލިބެމުންދާ ހިދުމަތްތަކުގެ ފެންވަރު ދަށްވުމެވެ. އަދި ހިދުމަތްތައް ދިނުމުގައި އިންސާފު ގެއްލުމެވެ. އެ ޝަކުވާތައް މިއަދު ރައްޔިތުންގެ ތެރޭގައި ބޮޑެވެ.
ވަހީދު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން ރަނގަޅުވެ ފުދިގެން އުޅޭ އާބާދީ ބޮޑު ނަމަ ވޯޓުލާ ނިސްބަތް ދަށްވުމަކީ އެހާ ވެސް ބޮޑު ކަންބޮޑުވުމެއް ނޫނެވެ. އެކަމަކު ފެންނަމުން ދަނީ ކުރިއަށް ވުރެ ގައުމީ އަދި އިޖުތިމާއީ މައްސަލަތައް ގިނަވެފައި، ވޯޓު ލުމުގެ ޝައުގު ގެއްލިފައިވާ އާބާދީއެކެވެ.
"ވަރަށް ވެސް ކަންބޮޑުވުން ހުރި މިސްރާބަކަށް ގައުމު މި ދަނީ،" ވަހީދު ވިދާޅުވި އެވެ.
އުމަރު ނަސީރު ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ވެރީންގެ މި އަމަލުތައް ތާއަބަދު ހިފަހައްޓައިގެން ނުތިބެވޭނެ އެވެ. ރައްޔިތުން މި ވަގުތި ނިޒާމާ މެދު ފޫހިވެފައި "މަޑުން" ތިބި ނަމަވެސް ހިތްހަމަނުޖެހުންތައް ބޮޑުވެގެން "ކެތްތެރިކަން ކޮޅުން ލައިގެން" އަންނަ ވަގުތު ވެސް ޖެހެނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މި ފަޅައިގެން ދާނެ ވަކި ހިސާބަކުން، ދިވެހިން ވެސް އަބަދު މިހެން ކެތްކޮށްގެން، ހަދާނެ އެއްޗެއް ހަދަން ދޫކޮށްލައިގެން، މި ހަމަޖައްސައިދޭ ކުދިކުދި ކަންކަމަށް ރުހިގެނެއް ނުތިބޭނެ،" އުމަރު ވިދާޅުވި އެވެ.
ސިޔާސީ ނިޒާމާ މެދު އާންމުން ފޫހިވެއްޖެ އެވެ. ނިޒާމުގައި ބާގަނޑުތައް ވެސް ވަކި މަދެއް ނޫނެވެ. ފާއިތުވި 16 އަހަރުގެ ތެރޭގައި ޑިމޮކްރެސީގައި މި ތިބީ މާ ފަހަތުގަ އެވެ. އެއިން އާންމު މީހާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމުގައި ދުވެއްޔެއް ނެތެވެ.
Comment