ޑރ. އިޔާޒު އާއި ޑރ. ޝަހީމް
ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒުގެ ތަފުސީރު ކްލާސް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔުން ހުއްޓުވީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމާގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއާ ދެމެދު އުފެދުނު ދެބަސްވުމުގައި މިނިސްޓަރު ރުޅިއައިސްގެން ކަމަށް ޑރ. އިޔާޒު ވިދާޅުވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
އިސްލާމީ މަރުކަޒުގައި ސިލްސިލާކޮށް އެ ކުލާސް ކުރިއަށް ގެންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން، ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ އެ ކްލާސް ކުރިއަށް ގެންދެ އެވެ.
ނަމަވެސް އެ ދަރުސް ހުއްޓުވައި، އިސްލާމީ މަރުކަޒާއި ކިންގް ސަލްމާނު މިސްކިތް ފިޔަވައި، އެހެން މިސްކިތެއްގައި އެކަން ކުރަން އެންގި ވާހަކަ ފެތުރި، ޝަހީމް އަށް ފާޑުކިޔުން އަމާޒު ވުމުން، އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި އޭނާ ވިދާޅުވީ ތަފްސީރު ކުލާސް ހުއްޓައިލީ ޑރ އިޔާޒު އަމިއްލަ އަށް ކަމަށެވެ.
"ޑރ އިޔާޒު އަމިއްލަ ފުޅަށް ދަރުސް ކުރިއަށް ގެންދިއުން ހުއްޓަލިތާ އެއް މަހަށް ވުރެ ގިނަ ވެއްޖެ. ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އަންނަ ދަރުސެއް ހުއްޓުވާފަ ނުވާނެ. އަލުން ދަރުސް ދޭން ފަށަން އެދުނީ މިއަދު [އިއްޔެ]. ދެ މަަރުކަޒު ނޫންތަންތަނުގައި ކުރިއަށް ގެންދެވޭނެ ކަމަށްވާނީ ދަންނަވާފައި،" ޝަހީމް ވިދާޅުވި އެވެ.
މި ވާހަކަ ޑރ. އިޔާޒު ދޮގުކުރެއްވި އެވެ.
ތަފްސީރު ކުލާސް މެދުކެނޑިފައި އޮތީ ދަރިފުޅަކު ބަލިވެގެން އޭނާ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ކަމަށާއި ޒަރޫރީ ކަމެއްގައި ރަށުން ބޭރަށް ވަޑައިގަތުމަށް ދަރުސް މެދުނޑާލުމަކީ ޝެއިޚަކު އަލަށް ކުރެއްވި ކަމެއް ނޫން ކަމަށް ޑރ. އިޔާޒު ވިދާޅުވި އެވެ.
"[ކްލާސްތައް] މެދުކެނޑުން އެއީ ކުށަކަށް ވާނަމަ އެއީ އަލަށް ވާ ކަމެއް ނޫން. ނަމަވެސް މެދުކެނޑިގެން ފިޔަވަޅު އެޅި ފުރަތަމަ ފަހަރު،" ޑރ. އިޔާޒު ވިދާޅުވި އެވެ.
ޑރ، އިޔާޒުގެ ދަރިފުޅުގެ ބޭސްފަރުވާ އަށް ފަހު ރާއްޖޭ ވަޑައިގެން، ތަފްސީރު ކުލާސް އަލުން ފަށަން ވެގެން އެކަން އިސްލާމިކް މިނިސްޓްރީގެ ކަމާ ގުޅޭ މުވައްޒަފަށް މި މަހުގެ އެއް ވަނަ ދުވަހު އެނގި އެވެ. އެއީ އެކަން ކުރިން ވެސް ކުރައްވާ ގޮތެވެ.
ޑރ. އިޔާޒުގެ މިފަހަރު މެސެޖަށް ޖަވާބެއް އައުމުގެ އެއް ދުވަސް ކުރިން ހަނިއްޔާގެ ކަށުނަމާދުގެ މައްސަލައިގައި އެކްސްގައި "ޒުވާބެއް" ކޮށްފައިވެ އެވެ. އެހެންވެ، ޑރ. އިޔާޒު ގަބޫލު ކުރައްވާ ގޮތުގައި އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަމުން އައި ތަފްސީރު ކުލާސް ހުއްޓުވީ އެ ޒުވާބުގައި، މިނިސްޓަރު ރުޅިއައިސްގެން ކަމަށެވެ.
Comment