4 އޮގަސްޓު 2024 - 19:01 0
މުހައްމަދު ޝަހްޒާން
ޑީޖޭއޭއިން މި ނިންމުން ނިންމާފައި ވަނީ ސަރުކާރުން ގެންގުޅޭ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން -- ފޮޓޯ: އަދަދު
4 އޮގަސްޓު 2024 - 19:01 0
ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ރައީސް އޮފީހުން ނިންމާފައިވާ ނިންމުމުގެ ދަށުން ކޯޓުތަކާއި ޝަރުއީ އިދާރާތަކަށް އައު މުވައްޒަފުން ނެގުން މަޑުޖައްސާލައި އިތުރު ފިޔަވަޅުތަކެއް އަޅަން ޑިޕާޓުމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް އަންގައިފި އެވެ.
ޑީޖޭއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ސަރުކާރު ހިންގުމަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން ހަތަރު ކަމެއް ކުރަން އެ އިދާރާގެ ދަށުން ހިނގާ ތަންތަނަށް އަންގައިފަ އެވެ.
ޑީޖޭއޭގެ ސާކިއުލާގައި ބުނީ އެ ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވަނީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް މިއަހަރު ކުރަން ރާވާފައި ހުރި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި މިއަދުން ފެށިގެން އެ ކަންކަމަށް އަމަލު ކުރަން ފެށުމަށް ސާކިއުލާގައި އަންގާފައިވެ އެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް މިނިސްޓަރީތަކާއި ކުންފުނިތަކަށް ވެސް އެންގި އެވެ. އެގޮތުން ބައެއް ސިޔާސީ މުވައްޒަފުން މަދު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް ވެސް އަޑު ފެތުރުނެވެ. ނަމަވެސް މިއަދާ ހަމައަށް ހަރަދު ކުޑަ ކުރުމުގެ ގޮތުން އެއްވެސް ސިޔާސީ މުވައްޒަފަކު މަގާމުން ވަކި ކޮށްފައެއް ނުވެ އެވެ.
ސަރުކާރު ހިންގުމަށް ކުރާ ހަރަދު އިންތިހާއަށް އިތުރުވެފައިވާއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރުވެސް 2000 އެއްހައި ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށް އެކި ގޮތްގޮތުން "އަދަދު" އަށް ކަށަވަރުވެ އެވެ. ނަމަވެސް ސަރުކާރުން ރަސްމީކޮށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރާތީ ސީދާ އަދަދެއް ޔަގީނެއް ނުވެ އެވެ.
ރާއްޖޭގެ އިގުތިސާދު ހީނަރުވެ ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ވަނީ ދަށްކޮށްފަ އެވެ.
ފާއިތުވި ދެ އަހަރު ރާއްޖޭގެ ރޭޓިންއެއްގެ ގޮތުގައި ފިޗުން ކަނޑައެޅީ "ބީ ނެގެޓިވް" އެވެ. މިއަހަރުގެ ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.
ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު ވަނީ އަންނަ އަހަރު ގްރީން ޓެކްސް ރޭޓް ރިވިއު ކުރުމާއި, ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމާއި ރޭޓު ރިވިއުކުރުމާއި, އިމްޕޯޓް ޑިއުޓީ ރޭޓުތައް ރިވިއުކުރުމާއި އަދި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ރިވިއުކުރުން ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment