Advertisement

އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ކާވާ މުބާރާތުން ރަން މެޑަލް ދިފާއުކޮށްފި

3 އޮގަސްޓު 2024 - 15:34 0


އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ކާވާ މުބާރާތުން ރަން މެޑަލް ދިފާއުކޮށްފި

3 އޮގަސްޓު 2024 - 15:34 0

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގެ ފައިނަލުގައި ނޭޕާލުގެ އެއް ވަނަ ޕެއާ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ ބަލިކޮށް، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ސަރަހައްދުގެ ބީޗްބޮލީގެ ރަން މެޑަލް ދިފާއުކޮށްފި އެވެ.

މިއަދު މެންދުރު ފަހު ކުޅުނު ފައިނަލް މެޗުގައި، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ، 21-19، 21-17 އިންނެވެ. ކޮންމެ ސެޓެއްގައި ވެސް ނޭޕާލުގެ މަން އާއި ދިލްގެ ޕެއާ އިން ކޮންމެ ވެސް ވަރެއްގެ ޗެލެންޖެއް ދެވޭތޯ މަސައްކަތްކުރި އެެވެ. އެ ގޮތުން ފުރަތަމަ ސެޓުގެ މެދަކާހަމައިން ވަރަށް ހަމަހަމަކޮށް ވެސް ދިޔަ އެވެ. އެހެން ނަމަވެސް، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވަނީ ތަޖުރިބާ އާއި ހުނަރުގެ ބޭނުންކޮށް މެޗުތަކުން މޮޅުވެފަ އެވެ.

އެޑަމް އާއި ކުޑަކާއްޓެ މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައި މި ވަނީ ވެސް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެ ގޮތުން، ގްރޫޕްގެ ހަތަރު މެޗާއި ސެމީން އެ ޕެއާ އިން މި ވަނީ ކާމިޔާބު ހޯދައިފަ އެވެ.

މީގެ ކުރިން، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން، ކާވާގެ ފުރަތަމަ ބީޗް މުބާރާތް ކާމިޔާބުކުރީ 2022 ވަނަ އަހަރު ޑިސެމްބަރު މަހުގަ އެވެ. ހަ ގައުމުން އަށް ޕެއާ ވާދަކުރި، އެ މުބާރާތުގެ ފައިނަލުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ނުކުތީ މި ފަހަރު ވެސް ފައިނަލުގައި ކުޅުނު، މަން އާއި ދިލްގެ ޕެއާއާ ދެކޮޅަށެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން އެ ފަހަރު މޮޅުވީ، 21-13، 21-19 ސެޓުތައް ގެންގޮސްގެންނެވެ.

ރާއްޖޭގެ ދެ ވަނަ ޕެއާ، މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ ސެމީގައި ބަލިވީ މަން އާއި ދިލްގެ ޕެއާ އަތުން، 21-10، 21-16 އިންނެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން ދެ ޕެއާ އަކީ، އަންހެން އެއް ނަމްބަރު ޕެއާ އަކީ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އެވެ. ދެން ވާދަކުރީ އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާ (ޒީ) ގެ ޕެއާ އެވެ. އެ ގޮތުން، ހައްވަ އާއި މާޖީގެ ޕެއާ ގްރޫޕް ސްޓޭޖު ފަހަަނައަޅައި ނުދެވުނުއިރު، އަރީ އާއި ޒީނިޔާގެ ޕެއާ ސެމީ ފައިނަލުގައި ވާދަކުރި އެވެ. އެ ގޮތުން، ލޯ މެޑަލް މެޗުން، ޒީނިޔާ އާއި އަރީގެ ޕެއާ ބަލިވީ، އުޒްބެކިސްތާން އަތުން، 21-17، 23-21 އިންނެވެ.

މީގެ ކުރިން މި މުބާރާތުގައި، އިރާން އާއި އިންޑިއާ އަދި ސްރީ ލަންކާ ވާދަކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އެއީ ކެޓަގަރީ އޭގެ ގައުމުތަކަކަށްވާތީ، ޗެލެންްޖް ލެވަލްގައި އެ ގައުމުތައް ނުކުޅެ އެވެ. މި ފަހަރުގެ މުބާރާތުގައި ކެޓަގަރީ ބީގެ ގައުމުތަކުން ވާދަކުރާއިރު، ރާއްޖޭގެ އިތުރުން ހިމެނެނީ، ބޫޓާން، ނޭޕާލް، ތަޖިކިސްތާން އަދި އުޒްބެކިސްތާން އެވެ. ފިރިހެން ޑިވިޝަނުގެ މުބާރާތް ކުރިއަށްދަނީ، 10 ޕެއާ އެއް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.