Advertisement

ރާއްޖޭގައި ބިދޭސީން: ހައްގުތައް ނުދީ ދަށު ދަރަޖަ ދީފައިވާ ބައެއް!

1 އޮގަސްޓު 2024 - 09:28 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ބިދޭސީއަކަށް ސިޔާސަތުގެ ހަމަހަމަކަން ނުލިބޭ ކަން ދައްކުވައިދީފައި - އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ރާއްޖޭގައި ބިދޭސީން: ހައްގުތައް ނުދީ ދަށު ދަރަޖަ ދީފައިވާ ބައެއް!

1 އޮގަސްޓު 2024 - 09:28 3

އެއީ ވެސް މި މުޖުތަމައުގެ ބައެކެވެ. އާބާދީގެ ތިންބައިކުޅަ އެއްބަ އެވެ. ޒުވާން އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ. ދިވެހީންގެ އިގުތިސޯދު ހިންގުމުގައި އެމީހުންގެ ހިއްސާ ކުޑައެއް ނޫނެވެ. އަވަށްޓެރި ގައުމުތަކާއި ދުރު ގައުމުތަކުން ހިޖުރަކޮށްގެން ތިބި ބިދޭސީންނަކީ އަޅުގަނޑުމެންނެކޭ އެއް ގޮތަށް މި ތަނުގައި ދިރިއުޅޭ ބޮޑު ޖަމާއަތެކެވެ.

އެކަމަކު ބިދޭސީ މަސައްކަތްތެރިންނާ މެދު އަޅުގަނޑުމެންގެ ތެރެއިން އެތައް ބަަޔަކު މި ފެންނަނީ ވަރަށް "އިހާނެތި" ނަޒަރިއްޔާތަކުން ދެކޭ ތަނެވެ.

ވިޔަފާރިވެރިން ބޭރުން މި ގެންނަ "އަގު ކުޑަ މަސައްކަތުމީހުން" ގެ ތެރޭގައި މިހާރު ގިނައީ ސައްހަ ލިޔެކިޔުންތައް ނެތް މީހުނެވެ. ދައުލަތުން ސިފަކުރާ ގޮތުގައި އެއީ "ގަވާއިދާ ހިލާފު" ހިޖުރަވެރިންނެވެ. އެހެން ނަމަވެސް އެއް ހަގީގަތަކީ އޭގެ ތެރެއިން އެތައް ބައެއްގެ ލިޔެކިޔުންތައް ވެސް އެ މަސައްކަތްތެރިޔަކު ގެންނަ ވިޔަފާރިވެރިޔާގެ ތިޖޫރީގައި ހުރިކަމެވެ. އަނެއް ހަގީގަތަކީ، އޭގެ ތެރެއިން ގިނަ ބަޔަކަށް އެމީހުންގެ ހައްގު އުޖޫރަ ނުލިބުމުގެ ބޭއިންސާފަކާ ކުރިމަތިލާން ޖެހޭ ކަމެވެ.

ކަންތައްތައް މިހެން ހުރުމުން، ރާއްޖޭން މި ފެންނަނީ އިންސާނީ ވަގުފާރީގެ ބޮޑު ޖަރީމާއެކޭ ބުނެވިދާނެ އެވެ. ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ބޮޑުވުމުގެ އެއް ސަބަބަކީ ވެސް މި އެެވެ.

އެ ކަން ހުއްޓުވަން ޖޫރިމަނާ ފަދަ ބައެއް ފިޔަވަޅުތަކާ ގުޅޭ ވިސްނުންތަކެއް އޮތް ނަމަވެސް އަމަލުން އަދި ފެންނަނީ ސަރުކާރުގެ އަމާޒުފަތްގަނޑަކީ "ބާރެއް ނެތް" ބިދޭސީ މީހާ ކަމަށް ހަދައިފައި އޮތް ތަން އެކަންޏެވެ.

އިންސާނީ ހައްގުތަކުގެ ދާއިރާގެ ހިދުމަތްތެރިންގެ ގިނަ ކަންބޮޑުވުންތަކެއް މި ކަމުގައި އެބަ އޮތެވެ.

"މި އޮޕަރޭޝަންގައި ޓާގެޓު މި ކުރަނީ މަސައްކަތްތެރިންނަށް، ވަރަށް ކުރު ނޯޓިސްއެއް ދީފައި ފަހަރަކު މަސައްކަތްތެރިއަކު މި ޑީޕޯޓު ކޮށްލަނީ، ހަގީގަތުގައި އެ މީހުންގެ އަމިއްލަ ބާރު ވެސް ނެތް ކަމެއްގައި،" ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޕަބްލިކް އިންޓަރެސްޓް ލޯފާމް (ޕީއައިއެލްސީ) ގެ ވަކީލު އީމާ ހުސައިން ވިދާޅުވި އެވެ.

އިންސާނީ ހިދުމަތްތެރިންގެ ނަޒަރުގައި މި މައްސަލައަކީ އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާތުން ވެސް ދެކިގެން ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ މައްސަލައެކެވެ. އެކަމަކު މިހާރު ފެންނަނީ މުޅި މައްސަލަ، ގައުމީ ނުރައްކަލެއްގެ ގޮތުގައި ދެކި ސަލާމަތުގެ ނަޒަރިއްޔާތަކުން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރުމެވެ.

"މިހާރު މި ފެންނަނީ ހިއުމަން ރައިޓްސް ޕާސްޕެކްޓިވް އަކުން އެ މައްސަލަ މާ ބޮޑަށް ސެކުއިރިޓީގެ ޕާސްޕެކްޓިވް އަކަށް ދާ ތަން، އެއީ ކޮމިއުނިޓީއެއް ގޮތުގައި އެއްވެސް ސަރުކާރަކުން ހަގީގަތުގައި ނުއެއް ބަލާ،" އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތްކުރާ އަހުމަދު މުހައްމަދު (ފޯމީ) ވިދާޅުވި އެވެ.

ސިޔާސަތާއި ހިދުމަތުގައި ތަފާތުކުރުންތައް

ވަޒީފާގެ ބާޒާރުގައި ބިދޭސީ މަސައްކަތްތެރިން ގިނަވެ، ދިވެހިންނަށް ދަތިތައް އޮތުމުގެ ވާހަކަ އާންމުކޮށް ދެއްކި ނަމަވެސް ހަގީގަތަކީ ބައެއް މަސައްކަތްތެރިންނަށް ސިޔާސަތުތަކާއި ހިދުމަތްތައް ފޯރުވުމުގައި ދަތިތަކެއް އެޅެ އެވެ. ބިދޭސީންނަށް ވީތީވެ، ތަފާތު ކުރުންތަކެއް އުޅެ އެވެ.

ކުށުގެ ވެށީގެ މައްސަލަ ޖުމުލަކޮށް ހައްލުކުރުމަށް މާ ބޮޑު ކަމެއް ތަންފީޒުނުކޮށް އޮތް އިރު ކޮންޓްރެކްޓެއް ނެތި މަޖުބޫރުކޮށްގެން "އަޅު މަސައްކަތް" ބިދޭސީން ލައްވައި ކުރާ މައްސަލައަށް އެއްވެސް ވަރެއްގެ ފިޔަވަޅުތަކެއް މިހާތަނަށް ވެސް އެޅިފައެއް ނެތެވެ.

މި ކަންކަން ދައުލަތަށް ހައްލު ނުކުރެވޭ އިރު ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގައި ވެސް ތަފާތުކުރުންތަކެއް އޮތް ކަމަށް، ފޯމީ ވިދާޅުވި އެވެ.

"އެކަށީގެންވާ ހިޔާވަހިކަމެއް ނުދޭއިރު މިނިމަމް ވޭޖް އިން ވެސް މަހުރޫމުކޮށް ވަޒީފާގެ ގާނޫނުން ފެންނަނީ އެތައް ތަފާތު ކުރުމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި މި ތަފާތުކުރުންތަކުގެ ސަބަބުން އޭގެ އަސަރު މުޅި މުޖުތަމައިން ވެސް ފެންނަ ކަމަށެވެ. ނަސްލީ ތަފާތުކުރުމުގެ ވިސްނުންތަކާއި އެފަދަ ވާހަކަތައް މިހާރު އާންމުވެ މޫލައިފި އެވެ. ދައުލަތުގެ އެކި ވެރީންގެ ތެރޭގައި ވެސް އެ ވިސްނުން އާންމެވެ. ރައްޔިތުން ތަމްސީލްކުރާ މަޖިލިސް ބައެއް މެންބަރުންގެ ވާހަކަތަކުން ވެސް އެފަދަ ވިސްނުންތަކަށް އެބަ ބާރު އަޅަ އެވެ.

"ބިދޭސީ ހިޖުރަވެރިންނަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވާ އަދި ދެމެހެއްޓުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެއްބަޔަކީ ހިޖުރަވެރިން، ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ހިޖުރަވެރިއެއް، އަހަރުމެންގެ މި ގައުމުގައި އަހަރުމެނެކޭ އެއް ގޮތަށް އުޅޭ އިންސާނުން،" އޭނާ ވިދާޅުވި އެވެ.

ޕީއައިއެލްސީގެ ވަކީލު އައިޝަތު އީމާން ލަތީފް ހިއްސާކުރެއްވީ ޝަރުއީ ހިދުމަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންނާ މެދު ތަފާތު ގޮތަކަށް ދެކޭ ކަމަށް އިހުސާސް ކުރަން ޖެހުނު ތަޖުރިބާތަކެވެ.

"ފަނޑިޔާރުން އެބަ ސުވާލު ކުރޭ، ތި ކޮޅުން ކޭސްތައް ނަގާއިރު ވޯކް ޕާމިޓްގެ ސްޓޭޓަސްއަކަށް ނުބަލަންތޯއޭ، ބަލާފައި ނޫންތޯއޭ ސާވިސްއެއް ދޭން ވާނީ، މި ކަހަލަ ސުވާލުތައް، ދެން ކޯޓަށް މައްސަލަ ހިފައިގެން ދާން ވެސް އޭނާގެ ހައްގެއް ނެތޭ، މި ކަހަލަ ގޮތަކަށް އެއިން ދޭހަވަނީ،" އީމާން ވިދާޅުވި އެވެ.

ވަޒީފާ ދިން ފަރާތުން މީހަކު ގެއްލިފައިވާ ކަމަށް ނުވަތަ މިސިން ރިޕޯޓެއް ފޮނުވުމުން، އިޖުރާއަތްތަކާ އެއް ގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން އޭގެ ރިވިއު ހެދުމުގައި ވެސް ބިދޭސީ މަސައްކަތްތެރިޔާ ބާކީވެފައި އޮންނަ ކަން، އީމާން ފާހަގަ ކުރެއްވި އެވެ.

"އެލްއާރުއޭން މި އިންވެސްޓިގޭޝަން ރިޕޯޓު ތައްޔާރު ކުރާ އިރު، ބިދޭސީ މަސައްކަތްތެރިޔާގެ އެއްވެސް ބަހެއް ނެތި އިންވެސްޓިގޭޝަން ކުރިއަށް ގެންދާ ކަން އަޅުގަނޑުމެންނަށް ފާހަގަވި،" އޭނާ ވިދާޅުުވި އެވެ.

މިހާރު ހޯމް މިނިސްޓްރީން ހިންގާ އޮޕަރޭޝަނަށް އިޝާރާތް ކުރައްވަމުން ވަކީލު އީމާ ވެސް ވިދާޅުވީ މުޅި އޮޕަރޭޝަނާ އެ ޖަމިއްޔާއިން ދެކޮޅު ނުވާ ކަމަށެވެ. އޭގައި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންބޮޑުވުންތަކެއް އޮތް ކަން އެ ހިދުމަތްތެރިން ވެސް ގަބޫލުކުރައްވަ އެވެ.

ނަމަވެސް ބިދޭސީ މީހާއަށް އެއްވެސް ނޯޓިސްއެއް ނުދިނުމާއި ކުށުގެ ތުހުމަތެއް ކުރެވޭނަމަ އޭނާއަށް ކުށަކުން ދިފާއުވުމަށް އެއްވެސް ފުރުސަތު ނުދެވި އޮތުމަކީ ކަންބޮޑުވުމަކެވެ. ތަފާތު ކުރުމެކެވެ.

"އޭގައި ވެސް މާ ބޮޑެތި ރެއިޑުތައް ހިންގާތީ ކަންބޮޑުވުމެއް މި އޮތީ، ގިނަ ފަހަރަށް ބޮޑެތި ރެއިޑްތަކުން ބިދޭސީ މައްސަކަތްތެރިންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު، ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ކަހަލަ އަދިވެސް މި ކަހަލަ އެތައް އަސާސީ ހައްގެއް ނުލިބި އެބަ ދޭ،" އީމާ ވިދާޅުވި އެވެ.

ރާއްޖޭގައި ބިދޭސީ މަަސައްކަތްތެރިންނަށް އެކަށައަޅާފައިވާ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން އެކި ހަމަތައް ވެސް އޮންނަނީ އޭނާއަށް އެއްވެސް މިނިވަންކަމެއް އޮންނަ ގޮތަކަށް ނޫނެވެ. ހުރިހާ ކަމެއްގައި ވެސް އޭނާ ގެންނަ ވިޔަފާރިވެރިޔާއަށް ބަރޯސާވާން ޖެހޭ ގޮތަށެވެ.

އޭގެ ސަބަބުން ވިޔަފާރިވެރިޔާއަށް އެ ގުޅުމުގެ ތެރޭގައި ނަހަމަ މަންފާތައް ނެގުމުގެ ފުރުސަތު އޮވެ އެވެ. އަދި ބިދޭސީ މަސައްކަތްތެރިޔާއަށް ވަޒީފާގެ ބާޒާރުގައި ލިބެން ވާނެ މިނިވަންކަމާއި ހައްގުތަކެއް ނުލިބެ އެވެ. ބިދޭސީ މަސައްކަތްތެރިންނަށް ވެސް ރަނގަޅު ފުރުސަތާއި ރަނގަޅު އާމްދަނީގެ ވަޒީފާ އިހުތިޔާރު ކުރުމުގެ ހައްގު އޮންނަން ވާނެ އެވެ. މިހާރު މި އޮތް ސަގާފަތުން އެ ކަމަށް ވެސް ހުރަސްތައް ގިނަ އެވެ.

"ލޭބާ މާކެޓް ފްރީޑަމް އޮންނަން ވާނެ މައިގްރަންޓް ވޯކާސްއަށް ވެސް، ރަނގަޅު ފުރުސަތު، ރަނގަޅު އާމްދަނީ ލިބޭ ވަޒީފާ ހޯދުމާއި، ލިބުމުން ބަދަލު ވުމުގެ ހައްގު، މިހާ އާސާސީ ކަމަކުން ވެސް މީހާ އެބަ މަހުރޫމުވޭ، އެކޮމޮޑޭޝަނާއި ވިސާ މި ހުރިހާ ކަމަކު އޭނާގެ އެމްޕްލޯޔާއާ ބަރޯސާވާން ޖެހޭތީ،" އީމާ ވިދާޅުވި އެވެ.

އަޑުއުފުލުމުގެ ހައްގެއް ވެސް އޮވެގެން ނުވާނެ؟

ޑީޕޯޓް ކުރުމުގެ ސުރުހީތައް ސަރުކާރުން އާންމުކޮށްލާފައިވާ ދަނޑިވަޅުގައި ދެން ހިނގި ކަމަކީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ރާއްޖޭގައި އެ ގައުމަށް ނިސްބަތްވާ މަސައްކަތްތެރިންތަކެއް އަޑުއުފުލުމުން ޑިޕޯޓްކުރަން ނިންމީ އެވެ. އެއީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ސިފަކޮށް، ވިސާގެ ޝަރުތަކާ ހިލާފުވީ ކަމަށް ކަނޑައެޅީ އެވެ.

ހޯމް މިިނިސްޓްރީގެ އެ ނިންމުމުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ގެންދަނީ ބަލަމުންނެވެ. އެ ކޮމިޝަނުން ވެސް ދެކޭ ގޮތުގައި އެއީ އިންސާނީ ހައްގަކާ ހިލާފަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ.

ރާއްޖޭން ސޮއިކޮށްފައިވާ އެއް މުއާހަދާއަކީ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރު، އައިސީސީޕީއާރެވެ. އެ ގަރާރުގެ 21 ވަނަ މާއްދާގައި ބިދޭސީން ހިމެނޭހެން ހުރިހާ އެންމެނަށް ވެސް ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހެ އެވެ. އެޗްއާރުސީއެމުން ވެސް މައްސަލަ ބެލުމަށް ނިންމި ނިންމުމުގައި ހަވަލާދިނީ އެ ގަރާރުގެ އެ މާއްދާއަށެވެ.

އަހުމަދު މުހައްމަދު ވެސް ވިދާޅުވީ އެއީ އެންމެ ފަހުގެ ތާރީހެއްގައި ދިވެހި ދައުލަތުގެ ފަރާތުން ބިދޭސީ މަސައްކަތްތެރިންނާ މެދު ގެންގުޅެނިކޮށް ފެނުނު އެންމެ ބޮޑު އެއް ތަފާތު ކުރުމެވެ. އެ ތަފާތު ކުރުން ދިވެހި ދައުލަތުން ގެންގުޅޭއިރު އަވައްޓެރި ގައުމުތަކުގައި ދިވެހިން ވޯޓުލުމާއި ރާއްޖޭގެ ޕާޓީތަކުގެ ހަރަކާތް ހިންގަން ޖަގަަހަ ހުޅުވުން ފަދަ ފުރުސަތުތައް ވެސް އޮންނަނީ ދީފަ އެވެ.

"އެެއްވެ އުޅުމުގެ ހައްގު، ވޯޓު ލުމުގެ ހައްގު، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ހައްގު ވެސް ދިވެހިންނަށް އެ ގައުމުތަކުގައި އޮވޭ، އެކަމަކު ރާއްޖޭގައި ހިޖުރަވެރިންނަށް ސިޔާސީ، އިޖުތިމާއި އަދި އިގުތިސާދީ މިނިވަންކަމާއި ހައްގުތައް އެއްވެސް ވަރަކަށް ނުލިބޭ އަދި ހޯދައިދޭން ދައުލަތުން ނޫޅޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސުލްހަ މަސްލަހަތަށް ބެލުމަށް ފަހު، ބިދޭސީން އެއްވެ އުޅުމުގައި ބައެއް ކަންކަން ހަނިކުރެވިދާނެ ކަމަށް ވަކީލު އީމާ ދެކެވަޑައިގަންނަވަ އެވެ. އަދި އެ ހަނިކުރެވޭ ހަމައަކާ ހިލާފުވާނަމަ ފިޔަވަޅު އެޅުމަކީ ވެސް މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި، ވަގުތުން ރާއްޖޭން ބޭރުކުރުމަކީ ވަރަށް ހަރުކަށި ފިޔަވަޅެކެވެ.

"ރާއްޖޭގައި މުޒާހަރާކުރެވޭނީ ދިވެހިންގެ ބަޔަކާ ގުޅިގެންނޭ ހަމަޖެހިދާނެ، އެހެން ގައުމެއްގައި ހިނގާ ކަމަކާ ގުޅިގެން މުޒާހަރާ ނުކުރެވޭނެއޭ ވެސް ހަމަޖެހިދާނެ، އެކަމަކު އެއީ ވިސާ ވަޔަލަންސެއް ނޫން، ޑީޕޯޓްކޮށްލުމަކީ ވަރަށް ބޮޑަށް ވެސް ހަރުކަށި ފިޔަވަޅެއް، އެހެން ފިޔަވަޅެއް އެޅިދާނެ،" އޭނާ ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތުގެ މައްސަލައެއް ގޮތުގައި ވަކާލާތު ކުރައްވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން އެޅީ ހަރުކަށި ފިޔަވަޅެކެވެ. އޭނާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް ފުރުސަތު ނުދޭން ނުޖެހޭނީ ދިވެހިންގެ ބަޔަކާއި ދިވެހި ސަރުކާރާ ނުވަތަ ދިވެހި ދައުލަތުގެ އިދާރާއަކާ ދެކޮޅަށް މުޒާހަރާ ކުރުމަށެވެ.

"އެ މީހުންގެ އަމިއްލަ ގައުމުގައި ހިނގަމުން އަންނަ ބޮޑު ކަމެއް، ރެވޮލިއުޝަނެއް، ބަދަލެއް، އެ މީހުން ދެކޭ ގޮތުގައި ގެންނަން ޖެހޭ ކަމަށް ދެކޭ ކަމެއް، އެ ވަރު ކަމެއްގައި ޑީޕޯޓް ކުރުން އެއީ ދެން ބޮޑު ވަރު،" އުމަރު ނަސީރު ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ސަރުކާރުން ސިޔާސަތުތަކުގެ ގޮތުގައި މައްސަލައަށް ހައްލެއް ގެންނަން އުޅޭ މަންޒަރެއް ނުފެންނަ ކަމަށެވެ. ހަގީގަތުގައި ވެސް ގަވާއިދާ ހިލާފުވާ، ގަވާއިދާ ހިލާފަށް ބޮޑެތި ވިޔަފާރިތައް ހިންގާ ބިދޭސީން ވެސް އެބަ އުޅޭ ކަމަށާއި އެފަދަ ބިދޭސީން އަތުލައިގަންނަން ބޮޑު ރެއިޑެއް ނުހިންގޭ ކަން އުމަރު ފާހަގަ ކުރެއްވި އެވެ. އަދި އެ މައްސަލަ ހައްލުކުރެވޭނެ ވިޔަފާރީގެ ސިޔާސަތުތަކެއް ނުވެސް ފެންނަ ކަމަށެވެ.

ރާއްޖޭން ބައިވެރިނުވާ މުއާހަދާ

ޔުނައިޓެޑް ނެޝަންސް (ޔޫއެން) ނުވަތަ އެކުވެރި ދައުލަތްތައް (އދ.) ގެ އިންސާނީ ހައްގުތައް ބަޔާންކުރާ މުއާހަދާތަކުގައި ރާއްޖޭން ބައިވެރިވި ނަމަވެސް ރާއްޖޭން ބައިވެރިނުވެ އޮތް މަދު މުއާހަދާގެ ތެރޭގައި މި މުއާހަދާ އެބަ ހިމެެނެ އެވެ. އެއީ ބިދޭސީ މަސައްކަތްތެރިންނާއި އެ މަަސައްކަތްތެރިންގެ އާއިލާތަކުގެ ހައްގުތައް ބަޔާންކުރާ ޓްރީޓީ އެވެ.

އެ ދައުލަތެއްގެ ރަށްވެހިންނާއި ބިދޭސީ މަސައްކަތްތެރިންނާ މެދު ތަފާތުކުރުންތައް އެހާ ވަރަށް ނުގެންގުޅުމަށް ބާރު އަޅާފައިވާ އެ ޓްރީޓީގައި ޖިނާއީ ތުހުމަތެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިނަމަ އާންމު ހަމަތަކާއި ހައްގުތައް ދިނުމަށް ބާރު އަޅާފައިވެ އެވެ.

  • ހައްޔަރުކުރާ ސަބަބު އަދި ކުރާ ތުހުމަތެއް އެ މީހުނަށް ވިސްނޭ ބަހަކުން އެންގުން.
  • އެކަށީގެންވާ މުއްދަތުގައި ޝަރީއަތް ހިންގުމުގެ ހައްގު.
  • ބަންދުގައި ތިބޭ ވަގުތު ރަށްވެހިންނެކޭ އެއް ގޮތަށް އާއިލާ ބައްދަލުވުމުގެ ފުރުސަތު ދިނުން.
  • ބިދޭސީ މަސައްކަތްތެރިޔާގެ ޅައުމުރުގެ ދަރިއެއް ހުރިނަމަ ބަންދުގެ ވަގުތުގައި ދައުލަތުން އަޅާލަން ޖެހޭނެ.

ރާއްޖޭގައި ޖިނާއީ ބޮޑު ކުށެއް ކުރުމުން މީގެ ކުރިން ފެންނަމުން ދިޔަ ކަމަކީ މިފަދަ ހައްގުތައް ދެވިގެން އެ މީހުންގެ މައްޗަށް ޝަރީއަތް ކުރެވިގެން ދިޔަ މަންޒަރެވެ. އެކަމަކު މިހާރު ފެންނަނީ މީހަކު ގަތުލުކުރުން ފަދަ އެންމެ ބޮޑު ޖިނާއީ ތުހުމަތު ފިޔަވައި އެހެން ކޮންމެ ޖިނާއީ ކުށެއްގެ ވެއްޓަކުން ބަޔަކު ހައްޔަރުކުރާނަމަ އެއްވެސް އިތުރު މަރުހަލާއެއް ނެތި ޑީޕޯޓް ކުރުމުގެ ވިސްނުމެއް އާންމު ކުރަން އުޅޭ ތަނެވެ.

އދ. ގެ އެ މުއާހަދާގައި ބައިވެރިނުވާން ވެސް އޮތީ އެންމެ ސަބަބެކެވެ. އެއީ ބިދޭސީ މަަސައްކަތްތެރިންނަށް އެ މީހުން ގަބޫލުކުރާ ދީނެއްގެ އަޅުކަންތަކާއި އާދަތައް ފާޅުގައި ކުރުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށް ބަޔާންކުރާ މާއްދާއެއް އޮތުމެވެ.

އެކަމަކު އދ. ގެ އެެހެން މުއާހަދާތަކުގައި ވެސް ރާއްޖޭން ބައިވެރިވީ ދީީނީ މިނިވަންކަމުގެ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ރިޒަވޭޝަނެއް ލައިގެންނެވެ. މި މުއާހަދާގައި ވެސް އެފަދައިން ކަނޑައަޅާފައި ބައިވެރިވެވެން އެބަ އޮތެވެ. ބައިވެރިނުވެ ތިބުމުގެ އެއްވެސް ސަބަބެއް ނުފެނެ އެވެ.

ލިޔެކިޔުން ނެތް ބިދޭސީން ރާއްޖޭގައި ގިނަވެފައި މި ވަނީ ދިވެހީންގެ ތެރެއިން ބަޔެއްގެ އިހުމާލުންނެވެ. އެކަމަކު އޭގެ އަނިޔާއާއި ތަަހައްމަލު ލިބުނު ބިދޭސީންނަށް އަދަބު ދިނުމަށް ދިވެހި ދައުލަތުން ހިފާފައިވާ މިސްރާބު ގޯހެވެ. އަދި މިއިން އަށަގަންނަ ސަގާފަތަކީ އެއީ މާ ބޮޑު ހައްގެއް ނެތް ދަށު ދަރަޖައިގެ ބަޔެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް ދެއްކުމުގެ ވިސްނުމެއް އާންމުކުރުމެވެ.

އެކަމަކު އެއީ ގޯހެކެވެ.