Advertisement

ނޫމަޑިއަށް ދޭން ޖެހުނު 900 މިލިއަން ރުފިޔާގެ ބަދަލަކީ މުއިއްޒު ދިން ލަގާއެއް: ފައްޔާޒު

31 ޖުލައި 2024 - 08:00 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ


ނޫމަޑިއަށް ދޭން ޖެހުނު 900 މިލިއަން ރުފިޔާގެ ބަދަލަކީ މުއިއްޒު ދިން ލަގާއެއް: ފައްޔާޒު

31 ޖުލައި 2024 - 08:00 1

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުހައްގުން ބާތިލުކުރި ވިޔަފާރި އެއްބަސްވުންތަކާ ގުޅިގެން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކުރެއްވި ގޮތުން ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"ހަވަރު ބެރު"ގެ ނަމުގައި ރޭ އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބަދަލުގެ ގޮތުގައި ދޫކުރީ 2.5 ބިލިއަން ރުފިޔާ ކަމަށް ވާނަމަ، އޭގެ ތެރެއިން މަދުވެގެން 1.5 ބިލިއަން ރުފިޔާ އަކީ 2012 އިން 2018 ގެ ނިޔަލަށް ވެރިކަން ކުރި ފަރާތްތަކުން ގަވާއިދާ ހިލާފަށް އެއްބަސްވުންތައް ބާތިލުކުރުމުން ދޭން ޖެހުނު ފައިސާ ކަމަށެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 2.4 ބިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

އެންމެ ބޮޑު ބަދަލެއް ދޭން ޖެހުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި އޮތް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ބާތިލު ކުރުމުންނެވެ. އެ ކުންފުނިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ދިޔަ އެވެ.

އެ މައްސަލަ ދިވެހި ދައުލަތަށް ކާމިޔާބު ނުވި މައިގަނޑު ސަބަބަކީ، އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް، ދިވެހި ދައުލަތާ ދެކޮޅަށް ހެކި އެ އެއްބަސްވުން ބާތިލް ކުރެއްވި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ހެކިބަސް ދެއްވުމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެއީ މިހާރު އެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދިން ބޮޑު ލަގާއެއް،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން 900 މިިލިއަން ރުފިޔާގެ ތެރެއިން ކޮންމެ ވެސް ބައެއް ގޮސްފައިކަން އޮންނާނީ. އަޅުގަނޑަށް ހަމަ ޔަގީން."

ނޫމަޑިއަށް ބަދަލު ދޭން އެއްބަސްވީ، އެ މައްސަލަ އޭބިޓްރޭޝަނުން ނިންމައި، ބޮޑު އަދަދެއް ދޭން ޖެހިއްޖެ ނަމަ ދައުލަތަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭތީ އެވެ.

ނޫމަޑީގެ އިތުރުން، ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ސޮއިކުރި ނެކްސްބިޒް އެއްބަސްވުން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބާތިލުކުރުމުން 18 މިލިއަން ޑޮލަރާއި ފުށިދިއްގަރުފަޅުގެ އެއްބަސްވުން ބާތިލުކުރުމުން 20 މިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހުނުކަން ފައްޔާޒު ވިދާޅުވި އެވެ.

ނުހައްގުން ބާތިލްކޮށްފައި ހުރި ފަރާތްތަކަށް އިންސާފުވެރި ބަދަލެއް ދިނުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ނޫމަޑި މައްސަލައިގައި ބޮޑު ބަދަލެއް ދޭން ޖެހުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބެލި އެވެ. އަދި މުއިއްޒާ ދެކޮޅަށް ދައުވާ ވެސް އުފުލި އެވެ. ނަމަވެސް އެ މައްސަލަ މުއިއްޒުގެ މައްޗަށް ސާބިތެއް ނުވި އެވެ.