Advertisement

އެމްޑީޕީގެ ވެރިކަން ނިމުނު އިރު އިގުތިސާދު އޮތް ގޮތާ މެދު ސަރުކާރުން ދައްކާ ވަހަކަ ނަމްބަރުތަކާ ދިމާ ނުވޭ: އަމީރު

30 ޖުލައި 2024 - 22:14 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އެމްޑީޕީގެ ވެރިކަން ނިމުނު އިރު އިގުތިސާދު އޮތް ގޮތާ މެދު ސަރުކާރުން ދައްކާ ވަހަކަ ނަމްބަރުތަކާ ދިމާ ނުވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


އެމްޑީޕީގެ ވެރިކަން ނިމުނު އިރު އިގުތިސާދު އޮތް ގޮތާ މެދު ސަރުކާރުން ދައްކާ ވަހަކަ ނަމްބަރުތަކާ ދިމާ ނުވޭ: އަމީރު

30 ޖުލައި 2024 - 22:14 0

އެމްޑީޕީގެ ވެރިކަން ނިމުނު އިރު އިގުތިސާދު އޮތް ގޮތާ މެދު ސަރުކާރުން ދައްކާ ވަހަކަ ނަމްބަރުތަކާ ދިމާ ނުވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ މެދުވެރިިކޮށް، އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އިގްތިސާދު ނާޒުކު ހާލަތަށް ގެންދިޔަ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް، ނަންބަރުތަކުން ފެންނަނީ 2018 ގައި އެމްޑީޕީން ވެރިކަމާ ހަވާލުވިއިރަށްވުރެ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހާލަތު ރަނގަޅުވެފައިވާ ތަން ކަމަށެވެ.

އެ ނަންބަރުތައް ރަނގަޅު ވެގެންދިޔައީ ރާއްޖޭގެ ތާރީހުގައި ވެސް ދިމާނުވާފަދަ ކަންތައްތަކާ ކުރިމަތިލައިގެން ކަމަށާއި އެގޮތުން 2020 ގައި ދިމާވި ކޮވިޑް-19 އާއި 2022 ގައި ދިމާވި ރަޝިއާ-ޔުކްރެއިންގެ ހަނގުރާމަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތަކީ އަޅުގަނޑުމެން 2018 ގައި ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަކީ ގާތްގަނޑަކަށް 83 ބިލިއަން ރުފިޔާ، 2023 ވަނަ އަހަރު އަޅުގަނޑުމެންގެ ސަރުކާރު ބަދަލުވެގެން ދިޔައިރު ގައުމީ އުފެއްދުންތެރިކަން ހުރީ 101 ބިލިއަން ރުފިޔާގައި. އެހެންވީމަ އަޅުގަނޑަކަށް ނޭގޭ އެކިޔާ އެއްޗެއް. ހަގީގަތަކީ މިއަށް ކޮންމެ ގޮތަކަށް ވާހަކަ ދެއްކިއަސް ނަންބަރުތަކުން ފެންނަ ހަގީގަތް ތަފާތު،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، އިގްތިސާދީ ހަރަކާތްތައް ހުއްޓި ދައުލަތުން އަންދާޒާކުރި މިންވަރަށް 2020 ގައި އާމްދަނީ ނުލިބި، ގައުމީ އުފެއްދުންތެރިކަން 32 ޕަސަންޓު ދަށަށް ދިޔަކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އޭރު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން 2021 ގައި ދުނިޔޭގެ އެންމެ ބާރު ދުވެލީގައި ކުރިއަރާ އިގްތިސާދު ތެރޭގައި ރާއްޖޭގެ އިގްތިސާދު ހިމެނުނު ކަމަށެވެ.

އެގޮތުން 2021 ގައި 42 ޕަސަންޓު ރާއްޖޭގެ އިގްތިސާދު ކުރިއެރިއިރު، 2022 ގައި ރާއްޖޭގެ އިގްތިސާދު 13.6 ޕަސަންޓުން ކުރިއަރާ ދިޔަ ކަމަށާއި 2018 ގައި ދައުލަތުގެ އާމްދަނީއަށް 22.2 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، 2023 ގައި އެމްޑީޕީ ވެރިކަން ބަދަލުވިއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަންބަރުތަކުން ބަލާލާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ އިގްތިސާދީ ދުވެލި ކޮވިޑް-19 އާއި ރަޝިއާ-ޔުކްރެއިން ހަނގުރާމައާއި އެއްކޮށް އެ އައި ދަތިތަކާއެކު ވެސް އަރައިގަނެ އަޅުގަނޑުމެންނާ ހަވާލުވިއިރަށްވުރެ މާ ރަނގަޅު އިގްތިސާދެއް މި ބޭފުޅުންނަށް ހަވާލުވިތަން،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ނާގާބިލުކަމުން ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށާއި އެއީ ގެނައި ސިޔާސަތުތަކުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން ހަރަދުތައް ބޮޑުތަނުން އިތުރުވެގެން ގޮސް، ކުރިން 700 ގައި އޮތް ސިޔާސީ ވަޒީފާތައް 2،000 އަށްވުރެ ގިނަވުމާއި، ބޭކާރު ގިނަ ހަރަދުތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.