Advertisement

އިޒްރޭލު ޕާސްޕޯޓް މައްސަލަ އަވަސް ކުރަން ޕީއެންސީން އެންގީ ރައްޔިތުންނަށް މަލާމާތް ކުރަން: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: އިޒްރޭލު ޕާސްޕޯޓް މައްސަލަ އަވަސް ކުރަން ޕީއެންސީން އެންގީ ރައްޔިތުންނަށް މަލާމާތްކުރަން ކަމަށް ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


އިޒްރޭލު ޕާސްޕޯޓް މައްސަލަ އަވަސް ކުރަން ޕީއެންސީން އެންގީ ރައްޔިތުންނަށް މަލާމާތް ކުރަން: މީކާއިލް

އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ މައްސަލަ އަވަސް ކުރަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެންގީ ރައްޔިތުންނަށް މަލާމާތް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕްގައި ތިއްބަވާ ހުރިހާ ބޭފުޅުން ސަރުކާރުގެ އިތުރުން މަޖިލީހުގެ އިސް މަގާމުތަކުގައި ތިއްބަވައި، އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ ލަސްވެއްޖެ ކަމަށް ބުނެ، ރައްޔިތުންނަށް ހަޖޫ ޖެހުން ހުއްޓާލައި އެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ ކަމަށެވެ.

"މީގެ އެންމެ ހެއްވާ ކަމަކީ ޕީއެންސީގެ ރައީސްއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. ޕީއެންސީގެ ޗެއާޕާސަނަކަށް ހުންނަވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ. ޕީއެންސީގެ ފަރާތުން 241 ކޮމިޓީގެ ޗެއާއަކަށް ހުންނަވަނީ ހަމަ އެބޭފުޅުންގެ މެންބަރެއް، ރެޑްވޭވް ސަލީމް. ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮންނަ ކޮމިޓީއެއް ކޮމިޓީއަކީ،" މީކާއިލް ވިދާޅުވި އެވެ.

"ޕީއެންސީގެ ފަރާތުން އަނެއްކާ ވެސް މި މައްސަލަ ލަސްވެގެން ރައްޔިތުންގެ މަޖިލީހަށް އިލްތިމާސް ކުރާ ހިސާބަށް ދިޔާމަ އަޅުގަނޑަށް ހީވަނީ އެއީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއްހެން. އެހެންވީމަ ރައްޔިތުންނަށް ހަޖޫ ޖެއްސެވުން ހުއްޓަވައި، ވީހާވެސް އަވަހަކަށް މި މައްސަލަ ނިންމަވައި ދެއްވުމަކީ އެމްޑީޕީގެ ފަރާތުން އަޅުގަނޑުމެން އިލްތިމާސްކުރާ ކުރުން."

މީކާއިލް އިތުރަށް ވިދާޅުވީ ކުރިއާ ހިލާފަށް މަޖިލިސް ކައިރިއަށް އެއްވާން ވެސް ފުރުސަތު ނުދެނީ ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސުޕަ މެޖޯރިޓީ އޮތް ފަރާތްތަކަށް ދޭނެ ޖަވާބެއް ނެތުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތަށް އަންނަ ބަދަލާ ގުޅިގެން، ރައްޔިތުންގެ އަސާސީ ހައްގަށް އަންނަ ބަދަލު ފެންނަ ކަމަށާއި މިހާރު ހައްގު ލިބެން އޮތީ 100 ފޫޓު ދުރުން ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ކުއްލި މައްސަލަތައް ވެސް ހުށަޅަން ފުރުސަތު ނުދީ މައިނޯރިޓީގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުންދާތަން ފާޅުގައި މިހާރު ފެންނަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.