29 ޖުލައި 2024 - 15:40 0
މޫސާ ނާޝިއު
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޯޑު މެމްބަރުން: ކޮލެޖުތަކުން ހިންގާ ޕްރޮގްރާމުތައް ހިންގަން ހުއްދަ ދޫކުރަނީ އެމްކިޔުއޭއިން -- ފޮޓޯ: އެމްކިޔުއޭ
29 ޖުލައި 2024 - 15:40 0
ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން އެވިޑް ކޮލެޖަށާއި ކްލިކް ކޮލެޖަށް ފިޔަވަޅު އަޅަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ފިޔަވަޅު އަޅައިފި އެވެ.
އެމްކިޔުއޭއިން ކްލިކް ކޮލެޖަށް ފިޔަވަޅު އެޅީ އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ޕްރޮގްރާމާ ގުޅޭ މައްސަލައެއްގަ އެވެ. އަދި، އެވިޑާ ދެކޮޅަށް ފިޔަވަޅު އެޅީ އެތަނުން ހިންގާ ޕްރޮގުރާމުތަކާ ގުޅޭ ގޮތުން ލިބުނު ޝަކުވާތަކެއް ބެލުމަށް ފަހުގައި ފާހަގަވީ މައްސަލަތަކަކާ ގުޅިގެންނެވެ.
ކްލިކް ކޮލެޖާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމި މައްސަލައިގެ ތަފުސީލުތައް ދެމުން އެމްކިޔުއޭއިން ބުނީ އީ-ލާނިންގް ޑެލިވެރީ މޮޑަލިޓީގެ ދަށުން ޕްރޮގްރާމް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލްކުރުމުން އެ ކޮލެޖުން އެގޮތަށް ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެމްކިޔުއޭއިން ބުނީ އެ މޮޑަލިޓީގެ ދަށުން ޕްރޮގްރާމްތައް ހިންގުމަށް އިސްތިހާރުކޮށްފައިވާކަން އެ އޮތޯރިޓީއަށް ކަށަވަރުކުރެވުނު ކަމަށެވެ. ހަމައެހެންމެ، ފޭސް-ޓު-ފޭސް ކޮށް ހިންގަން ޖެހޭ "ބެޗެލާ އޮފް ބިޒްނަސް މެނޭޖްމެންޓް" އޮންލައިންކޮށް ކިޔަވައިދިން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މިއާ ގުޅިގެން އެމްކިޔުއޭއިން ވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރަން ކްލިކަށް އަންގައި، އެ ކޮލެޖު 10،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އަދި އޮންލައިންކޮށް ހިންގި ޕްރޮގްރާމު ހުއްޓާލައި، އެ ޕްރޮގްރާމުގެ ސަނަދުތައް ދިނުމުގެ ހުއްދަ ވެސް ވަނީ އެ އޮތޯރިޓީން ވަނީ ހިފަހައްޓާފަ އެވެ.
މިކަމުގެ ސަބަބުން އެކްރެޑިޓޭޝަން ހުއްދަ އާއި ނުލާ ހިންގާފައިވާ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންވާނީ ކްލިކް ކޮލެޖުން ކަމަށް ވެސް އެމްކިޔުއޭއިން ބުންޏެވެ.
އެވިޑު ކޮލެޖަށް ފިޔަވަޅު އަޅަން ނިންމި މައްސަލައިގައި އެމްކިޔުއޭއިން ބުނީ، އެ އޮތޯރިޓީއަށް ލިބުނު ޝަކުވާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ "ރެންޑަމް ބެޗް އޮޑިޓް" އެއްގައި ގިނަ މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ.
އޭގެ ތެރޭގައި ދީފައިވާ ޕްރޮގްރާމް އެކްރެޑިޓޭޝަނާ އެއްގޮތަށް ޕްރޮގްރާމް ހިންގުމާއި ލެކްޗަރާއިންގެ މުސާރަ ޝީޓުތައް ހިއްސާނުކުރުމާއި ތާވަލާ އެއްގޮތަށް މޮޑިއުލްތައް ކުރިއަށް ގެންގޮސްފައި ނުވުން ހިމެނެ އެވެ.
އޭގެ އިތުރުން އެވިޑުގެ ދަރިވަރުން އެންރޯލްކޮށްފައިވާ ތާރީހާއި އިންޓޭކް ތާރީހާ ދިމާނުވާ ކަމަށާއި ދަރިވަރުންގެ ހާޒިރީ އާއި ދަރިވަރުންގެ ނަތީޖާ ޝީޓުތައް ބަލަހައްޓާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް އެ ކޮލެޖުގައި ނެތް ކަމަށް އެމްކިޔުއޭއިން ބުންޏެވެ.
މި މައްސަލައިގައި އެވިޑުގެ ކަންކަން އިސްލާހުކުރަން އެނގުމާއެކު، އެމްކިޔުއޭއިން ވަނީ އެ ކޮލެޖުގެ އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ހިފަހައްޓާފަ އެވެ. އަދި އެ ކޮލެޖުން ހިންގާ ޕްރޮގްރާމުތަކަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ހިލާފަށް ހިންގާ ޕްރޮގްރާމުތަކެއް ކަން އާންމުކޮށް އިއުލާންކުރުމަށް ވެސް އެ ކޮލެޖަށް އެނގި އެވެ.
އެމްކިޔުއޭއިން ބުނީ މި ފިޔަވަޅުތައް އެޅިކަމުގައި ވީ ނަމަވެސް މިހާރު އެވިޑް ކޮލެޖުން ކުރިއަށްދާ ބެޗްތައް ކުރިއަށް ގެންދެވޭނެ ކަމަށާއި، ކިޔަވަމުންދާ އެއްވެސް ދަރިވަރަކަށް މި ފިޔަވަޅުތަކުގެ އަސަަރު ނުކުރާނެ ކަމަށް ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment