Advertisement

ކުޑައިރުގެ "އައިޑަލް"އާ އެކު އަލްކަރާޒް އޮލިމްޕިކްސް ފެށީ މޮޅަކުން

28 ޖުލައި 2024 - 19:23 0


ކުޑައިރުގެ "އައިޑަލް"އާ އެކު އަލްކަރާޒް އޮލިމްޕިކްސް ފެށީ މޮޅަކުން

28 ޖުލައި 2024 - 19:23 0

ޕެރިސް (ޖުލައި 28) - ކުޑައިރުގެ "އައިޑަލް" ސްޕެއިންގެ ރަފެއަލް ނަޑާލް އާއެކު ކަލޯސް އަންކަރާޒް އޮލިމްޕިކްސްގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގެ ޓެނިސް ޑަބަލްސް އިވެންޓުގައި ވާދަކުރާ ސްޕެއިންގެ އެއް ނަމްބަރު ޕެއާ އަކީ އަލްކަރާޒް އާއި ނަޑާލްގެ ޕެއާ އެވެ. އެ ޕެއާ އިން ފުރަތަމަ މެޗުގައި ނުކުތީ އާޖެންޓީނާގެ އަންދަރޭސް މޮލްޓެނީ އާއި މެކްސިމޯ ގޮންޒާލޭޒްގެ ޕެއާ އާ ދެކޮޅަށެވެ.

މި މެޗު އަލްކަރާޒް އާއި ނަޑާލްގެ ޕެއާ އިން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މެޗުގެ ގޭމުތައް ދިޔައީ, 7-6, (7-4) އަދި 6-4 އިންނެވެ.

އަލްކަރާޒްގެ ކުޑައިރުގެ އައިޑަލް އަކީ ނަޑާލް އެވެ. މިއީ ނަޑާލް މަތީ ފެންވަރުގައި ޓެނިސް ކުޅޭނެ ފަހު ސީޒަން އެވެ. އޭނާ ވަނީ މީގެ ކުރިން މި އަހަރަށް ފަހު ޓެނިސް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ނުސީދާ ގޮތެއްގައި ބުނެފަ އެވެ.

ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޑާލް އަށް ވަނީ އޮލިމްޕިކްސް ދަންމަރު އުފުލުމުގެ ޝަރަފުވެސް ލިބިފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނީ ނަޑާލް އާ ބެހޭ ގޮތުން އޭނާ އިތުރަށް ވާހަކަ އެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އެއީ، އަދިވެސް ދުނިޔޭގެ އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށާއި, އޭނާއާ އެކު ކުޅެން ލިބޭ ކޮންމެ ފުރުސަތެއްގައި ފަހުރުވެރިކަމާއެކު ކުޅެ ގިނަ ކަންކަން ދަސްކުރާނެ ކަމަށް އަލްކަރާޒް ވަނީ ބުނެފަ އެވެ.

ނަޑާލް ވަނީ މީގެ ކުރިން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސް މުބާރާތުގެ ފިރިހެން ޑަބަލްސް އިން ރަން މެޑަލް ކާމިޔާބު ކޮށްފަ އެވެ. އަދި 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް އިވެންޓުން ވެސް ނަޑާލް ރަން މެޑަލް ހޯދި އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ވެސް ނަޑާލް ސިންގަލްސްގައި ކުޅޭނެ އެވެ.