Advertisement

ރައީސް މުއިއްޒު އާއި ނަޝީދުއާ ދެމެދު މަޝްވަރާތަކެއް!

27 ޖުލައި 2024 - 11:05 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މަޖިލީހުގެ އޭރުގެ ރައީސް، މުހައްމަދު ނަޝީދުއާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރައީސް މުއިއްޒު އާއި ނަޝީދުއާ ދެމެދު މަޝްވަރާތަކެއް!

27 ޖުލައި 2024 - 11:05 2

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެ މަޝްވަރާތަކުގައި ދެ ފަރާތުން ވެސް ހުށަހެޅުންތަކެއް ހުށަހެޅިކަން ރައީސް މުއިއްޒުގެ ފަޅިން ވެސް އަދި ރައީސް ނަޝީދުގެ ފަޅިން ވެސް މި ނޫހަށް ކަށަވަރު ކޮށްދިނެވެ.

ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅުއްވީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށެވެ. ނަމަވެސް ރައީސް މުއިއްޒު އެކަމަށް އަދި އެއްބަސް ނުވެ އެވެ.

ނަޝީދުގެ ހުށަހެޅުންތަކަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި ނަމަ، ސަރުކާރަށް ފައިސާ ހޯދައި ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ނަޝީދުގެ ފަރާތުން ޔަގީންކަން ދީފައިވެ އެވެ.

ރައީސް މުއިއްޒުގެ ފަރާތުން ދެއްވި ޖަވާބަކީ "އެހައި ހިސާބަށް ހިނގައްޖެނަމަ އެކަން [ނިޒާމު ބަދަލުކުރުމުގެ ވޯޓު] ވެސް ކުރާނީ،" ކަމަށް މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ބުންޏެވެ.

ރައީސް މުއިއްޒުގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ޑިމޮކްރެޓްސްގެ އިސް ބައެއް އެކްޓިވިސްޓުންނަށް ސިޔާސީ މަގާމުތައް ދިނުމާއި ގާނޫނުއަސާސީ އަށް ގެންނަން ސަރުކާރުން ބޭނުންވާ ބަދަލުތަކަށް ޑިމޮކްރެޓުންގެ ހިޔާލާއި މަޝްވަރާ ހޯދުން ހިމެނެ އެވެ.

މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މީހުން ބުނީ ޑިމޮކްރެޓުންގެ އެކްޓިވިސްޓުންނަށް ސިޔާސީ މަގާމުތައް ދިނުމާ ޕީއެންސީގެ އިސް ބައެއް ބޭބޭފުޅުން ދެކޮޅު ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ ޑިމޮކްރެޓުންގެ ބައެއް ޑިމާންޑުތައް ފުރިހަމަކޮށްދިނުމަށެވެ.

"ސަރުކާރާ ދެކޮޅު އޮއިވަރު މަޑު ޖައްސައިލުމަކީ ވެސް މުހިއްމު ކަމެއް،" ކަމަށް ޕީއެންސީގެ މެންބަރަކު ބުންޏެވެ.

ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރު، އަލައިކާ އަދުނާން އަށާއި އަދިވެސް އެ ޕާޓީގެ ބައެއް އެކްޓިވިސްޓުންނަށް ސިޔާސީ މަގާމު ދިނުމަށް މިހާރު ހުށަހަޅައިފައިވާކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އޭގެތެރެއިން އަލައިކާއަށް ސަރުކާރުގެ ތިން ވުޒާރާއަކުން ސްޓޭޓު މިނިސްޓަރުކަން ވަނީ ހުށަހަޅައިފަ އެވެ. އެކަން ޑިމޮކްރެޓްސްގެ އިސް އޮފިޝަލެއް "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ.

ޑިމޮކްރެޓްސްގެ ބައެއް އިސް އެކްޓިވިސްޓުންނަށް ސިޔާސީ މަގާމުތައް ދިނުމަށް ކުރެވުނު މަޝްވަރާތަކުގައި ރައީސް ފެހި ސިގުނަލެއް ދީފައިވާއިރު، މިހާރު ވެސް ސަރުކާރުގައި 2000 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށް އެކި މަސްދަރުތަކުން "އަދަދު" އަށް ކަށަވަރުވެފައިވެ އެވެ.

ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.