Advertisement

ޗައިނާގެ އެފްޓީއޭ އަށް ސެޕްޓެމްބަރު މަހު އަމަލުކުރަން ފަށަނީ، ރައީސްގެ އުއްމީދަކީ އިންޑިއާއާއެކު ވެސް އެފްޓީއޭގައި ސޮއިކުރުން!

27 ޖުލައި 2024 - 07:46 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގައި، އެގައުމުގެ ރައީސް ޝީއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ޗައިނާގެ އެފްޓީއޭ އަށް ސެޕްޓެމްބަރު މަހު އަމަލުކުރަން ފަށަނީ، ރައީސްގެ އުއްމީދަކީ އިންޑިއާއާއެކު ވެސް އެފްޓީއޭގައި ސޮއިކުރުން!

27 ޖުލައި 2024 - 07:46 0

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓިއޭ) އަށް އަންނަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފަށާނެ ކަމަށާއި، އުއްމީދަކީ އިންޑިއާއާއެކު ވެސް އެފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ޗައިނާގެ އިތުރުން، ތުރުކީ އާއި އިނގިރޭސި ވިލާތާއެކު ވެސް އެފްޓީއޭއަކަށް ދިޔުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އުއްމީދަކީ އިންޑިއާއެކު ވެސް އެފްޓީއޭގައި ސޮއިކުރެވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާއެކު އެފްޓީއޭއެއް ހަދަން ހުށަހަޅާފައިވާނެ ކަމަށް ބުނެ މި އަހަރުގެ މެއި މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. ނަމަވެސް އެކަން އޭރު އިންޑިއާއިން ދޮގުކުރި އެވެ.

ޗައިނާއާއެކު އެފްޓީއޭއަށް ދިޔުމަށް ފުރަތަމަ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް، ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ އެއްބަސްވުން ތަންފީޒުކުރަން ބޭނުމެއް ނުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޗައިނާގެ އެފްޓީއޭ ތަންފީޒުކުރުމުގެ ނަތީޖާއަކަށް ވަނީ ނުވަ ސެކްޓަރެއްގެ ޖުމުލަ 7897 އައިޓަމަކުން ޑިއުޓީ އުނިވުން ކަމަށާއި، އޭގެ ތެރޭގައި މަސްވެރިކަމުގެ 298 ބާވަތެއް ހިމެނޭ ކަމަށެވެ. އެފްޓީއޭ ތަންފީޒުކުރަން ފެށުމުން، އެއްބަސްވުމުގައި ހިމެނޭ މި ބާވަތްތައް ރާއްޖޭން ޗައިނާ އަށް ފޮނުވުމަށް ޓެކްސްއެއް ދައްކާކަށް ނުޖެހޭނެ އެވެ.

ތުރުކީއާއެކު އެފްޓީއޭގައި ސޮއިކުރުމުން ރާއްޖޭން އެ ގައުމަށް ބޭރުކުރާ 53 ބާވަތަކަށް ޑިއުޓީގެ ލުއި ލިބޭނެ ކަމަށާއި ބައެއް ބާވަތްތަކުން ޑިއުޓީ އެއްކޮށް އުނިވާނެ ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިތަކަށް ފަސޭހަކޮށް ދިނުމަށްޓަކައި ޗައިނާ އާއި އިންޑިއާއާއެކު ކަރަންސީ ސްވޮޕް އެއްބަސްވުމަކަށް ދިޔުމުގެ މަސައްކަތް ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އޭރުން ޑޮލަރުގެ ދަތިކަން ހައްލުކުރަން މަގުފަހިކުރަން ފަސޭހަ ވާނެ ކަމަށާއި، އަދި އިގުތިސާދީ ސިޔާދަތު ކަށަވަރުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ލޯނުތަކަށް ޗައިނާއިން ލުއި ދޭނެ ކަމުގެ ފެހި ސިގްނަލް

ސެޕްޓެމްބަރު މަހު އެފްޓީއޭއަށް އަމަލުކުރަން ފަށާއިރު، ރާއްޖޭން ދައްކަން ކުރި ލޯނުތައް މި ފަސް އަހަރުތެރޭގައި އަނބުރާ ނުދައްކާ ގޮތް ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯންތަކަށް ބޮޑު އަދަދެއް 2026 ވަނަ އަހަރު އަނބުރާ ދައްކަންޖެހެ އެވެ. އެ ލޯންތައް ރީސްޓްރަކްޗާ ނުކޮށް ދީފި ނަމަ ރާއްޖެ އަށް މާލީ ބޮޑު ލޮޅުމެއް އަންނާނެ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ އެ ލޯންތައް ރީސްޓްރަކްޗާ ކުރުމުގެ ފަންނީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި "ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ހާރިޖީ ސިޔާސަތު ބައްޓަންކުރަން ޖެހޭނެ ގޮތަކީ" އެއީ ކަމަށް ރައީސް މުއިއްޒު ގަބޫލު ކުރައްވަ އެވެ.

ރާއްޖޭގެ ދަރަނި ދެއްކުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވަނީ ޗައިނާ އާއި އިންޑިއާއިންކަން ފާހަގަކޮށް އެ ދެ ގައުމަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ.

"ދިވެހިރައްޔިތުންގެ ހައްގުގައި މިކުރެވޭ މަސައްކަތުގައި، އަޅުގަނޑުމެންގެ އިގުތިސާދީ ސިޔާދަތު ޔަގީންކުރުމަށްޓަކައި، އިގުތިސާދު ހަރުދަނާ ކުރުމަށްޓަކައި މި ކުރެވޭ މަސައްކަތަށް އެއްބާރުލުން ދެއްވާ ކަމަށްޓަކައި ޗައިނާ ސަރުކާރަށާއި އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާއިން ލޯނުގެ ގޮތުގައި ރޯލްއޯވާ ވާގޮތަށް ރާއްޖެއަށް ދީފައިވާ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު، މި ސަރުކާރު ވެރިކަމަށް އައިގޮތަށް ދެއްކި އެވެ. ނަމަވެސް މާލީ ތާށިކަން ބޮޑުވެ، އިންޑިއާ ސަރުކާރުގައި ބުނެގެން އެ 50 މިލިއަން ޑޮލަރު ވެސް ރޯލްއޯވާ ކުރުމަށް ވަނީ ޖަމައްސައި ދީފަ އެވެ.

ކާބޯތަކެތީގެ ކޯޓާ ދެ އަހަރަށް ހަމަޖައްސައި ދިނުމާއި ލައިން އޮފް ކްރެޓިޑްގެ ބާކީ ބައި ކުރިއަށް ގެންދަން އިންޑިއާއިން މަގުފަހިކޮށްދީފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިހާރު އިންޑިއާއިން ހަމަޖައްސާދީފައިވާ ލައިން އޮފް ކްރެޓިޑަކީ އެމްޑީޕީގެ ވެރިކަމުގައި ހަމަޖެއްސި އެއް ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެވެ.

ޔޫއޭއީން ނަގާފައިވާ ލޯނުތައް މި ފަސް އަހަރު ނުދައްކައި ފަސްކޮށްދޭން އެއްބަސްވެފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުމެން އެކި ކަންކަމުގައި ނަގާފައި ހުރި ލޯނުތައް ލުއި ގޮތަކަށް ބަހާލައިގެންކުރިއަށް އޮތް ފަސް އަހަރުތެރޭގައި އިގުތިސޯދު މެނޭޖުކުރުމަށްޓަކައި، މިދެންނެވި އިގުތިސާދީ ސިޔާދަތު ޔަގީން ކުރުމަށްޓަކައި ރޭވިފައިވާ ގޮތަށް ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި އަށް މަސް ދުވަހުގެ ތެރޭގައި ފައިސާ ޗާޕްނުކޮށް، ލިބުނު އާމްދަނީން ދަނަރި އަދާކުރަން 3.8 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.