Advertisement

އޮބާމާގެ ތާއީދު ވެސް ކަމަލާއަށް އޮތްކަން ހާމަކުރައްވައިފި

26 ޖުލައި 2024 - 20:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބަރަކް އޮބާމާ (ކ) އަދި ކަމަލާ ހެރިސް (ވ): އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކަމަލާއަށް ތާއީދުކުރައްވަން އޮބާމާ ވަނީ ނިންމަވާފައި -- ފޮޓޯ: ގެޓީ


އޮބާމާގެ ތާއީދު ވެސް ކަމަލާއަށް އޮތްކަން ހާމަކުރައްވައިފި

26 ޖުލައި 2024 - 20:55 0

އެމެރިކާގެ ރައީސްއަކަށް އެ ގައުމުގެ ނައިބުރައީސް ކަމަލާ ހެރިސް ގެންނަން ތާއީދުކުރައްވާކަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެ ކަމަނާއަށް ފޯނުން ގުޅުއްވައި ހާމަކުރައްވައިފި އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރެއްވުމާއެކު، ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ކަމަލާ ހެރިސްއަށް ދިނުމަށް ގިނަ ބަޔަކު އަންނަނީ ތާއީދުކޮށް، އެކަން ހާމަ ކުރަމުންނެވެ.

މިހާތަނަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ރަސްމީކޮށް އެއްވެސް މީހަކަށް ދިނުމަށް ނިންމާފައި ނުވި ނަމަވެސް، ގިނަ ބައެއްގެ އެދުމާއެކު ކަމަލާއަށް ޓިކެޓު ދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ކަމަލާ އެންޑޯޒްކުރަން ނިންމެވިކަން އޮބާމާ ފޯނުން ގުޅުއްވައި ހާމަކުރެއްވި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ ފޯން ކޯލް އޮބާމާ ކުރެއްވީ އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާއެކުގަ އެވެ.

އޮބާމާ ވިދާޅުވީ މި ވަގުތު އެމެރިކާއަށް ކޮށްދެވެން އޮތް އެންމެ މުހިންމު ކަމަކީ ކަމަލާއަށް އިންތިހާބު ކާމިޔާބުކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.

"އަހަރުމެން މި ގުޅީ ފަހުރުވެރިކަމާއެކު ކަމަލާ އެންޑޯޒްކުރަން ނިންމި ހަބަރު ދޭން. އަހަރުމެން ކަމަލާ ހޮވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" ކަމަލާއަށް ފޯނު ގުޅުއްވައި އޮބާމާ ވިދާޅުވި އެވެ.

އެމެރިކާގެ އިންތިހާބު 2008 ގައި ކާމިޔާބުކުރި އޮބާމާ ވަނީ ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އެމަނިކުފާނަކީ އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސެވެ.

އެމެރިކާގެ އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރު، 5 ގަ އެވެ. އެ އިންތިހާބުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓާއި ވާދަކުރައްވާނީ ރިޕަބްލިކްގެ ކެންޑިޑޭޓް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.