Advertisement

އެމެރިކާ އިންތިހާބު: ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ޓްރަމްޕް، ކަމަލާއަށް އޮތީ ހަނި ފުރުސަތެއް


އެމެރިކާ އިންތިހާބު: ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ޓްރަމްޕް، ކަމަލާއަށް އޮތީ ހަނި ފުރުސަތެއް

އެމެރިކާގައި މިވަގުތު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ނަތީޖާތައް އަންނަން ފެށިއިރު، ރިޕަބްލިކަން ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ބޮޑުތަނުން ކުރީގައި އުޅޭއިރު، އިންތިހާބު ކާމިޔާބު ކުރަން ޑިމޮކްރެޓިކް ކެންޑިޑޭޓް ކަމަލާ ހެރިސްއަށް އޮތީ ހަނި ފުރުސަތެއް ކަމަށް ނޫސްތަކުން ބުނެފި އެވެ.

މިވަގުތުގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން ގިނަ ސްޓޭޓުތައް ކާމިޔާބު ކުރީ ޓްރަމްޕެވެ. އަދި އިލެކްޓޯރަލް ކޮލެޖުތަކުގެ ތެރެއިން 230 ކޮލެޖު ވޯޓު ޓްރަމްޕް ވަނީ ހޯދައިފަ އެވެ. ކަމަލާއަށް މިހާތަނަށް ހޯދުނީ 200 އިލެކްޓޯރަލް ކޮލެޖެވެ.

މޮޅުވާ މީހަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖު ހޯދަންޖެހެ އެވެ. ނިއު ޔޯކް ޓައިމްސް އަދި ބައެއް އެހެން ނޫސްތަކުން ލަފާ ކުރަނީ 300 އަށް ވުރެ ގިނަ އިލެކްޓޯރަލް ކޮލެޖު ޓްރަމްޕަށް ލިބޭނެ ކަމަށެވެ.


އާންމުންގެ ވޯޓުން ވެސް މިވަގުތު ބޮޑުތަނުން ކުރީގައި އުޅެނީ ޓްރަމްޕެވެ. ޓްރަމްޕަށް 60.7 މިލިއަން ވޯޓު މިހާތަނަށް ލިބިއްޖެ އެވެ. އެއީ ގުނި ވޯޓުތަކުގެ ތެރެއިން 51 ޕަސެންޓު ވޯޓެވެ. ކަމަލާއަށް ލިބުނީ 56 މިލިއަން ވޯޓެވެ. އެއީ މިހާތަނަށް ގުނި ވޯޓުތަކުގެ ތެރެއިން 47 ޕަސެންޓު ވޯޓެވެ.

ދެން ކަމަލާއަށް އިންތިހާބު ކާމިޔާބު ކުރެވޭނީ ސްވިންގު ސްޓޭޓުތަކުގެ ތެރެއިން ގިނަ ސްޓޭޓުތައް ކާމިޔާބުކޮށްގެންނެވެ. އެކަމަކު ބޮޑު ހަތް ސްވިންގު ސްޓޭޓުގެ ތެރެއިން ޓްރަމްޕު ވަނީ ނޯތު ކެރޮލީނާ ކާމިޔާބުކޮށްފަ އެވެ. އަދި ބާކީ އޮތް ހަ ސްޓޭޓުގެ ތެރެއިން ފަސް ސްޓޭޓުން ޓްރަމްޕު އުޅެނީ ކުރީގަ އެވެ.

އެމެރިކާގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ވެސް މިވަގުތު ކުރިއަށްދާއިރު މަތިގެ އާއި ތިރިގޭގެ ނަތީޖާތަކުން ވެސް ކުރީގައި އުޅެނީ ރިޕަބްލިކަން ޕާޓީ އެވެ. ސެނެޓުގެ 100 ގޮނޑީގެ ތެރެއިން ރިޕަބްލިކަން ޕާޓީއަށް 51 ގޮނޑި މިހާތަނަށް ލިބިއްޖެ އެވެ. ޑިމޮކްރެޓްސް އަށް ލިބުނީ 42 ގޮނޑި އެވެ. ތިރި ގޭގެ 435 ގޮނޑީގެ ތެރެއިން 176 ގޮނޑި ރިޕަބްލިކަން ޕާޓީއަށް މިހާތަނަށް ވަނީ ލިބިފަ އެވެ. ޑިމޮކްރެޓްސްއަށް ލިބުނީ 140 ގޮނޑި އެވެ.