Advertisement

ރެޑްވޭވްގެ ހިތްހަމަ ނުޖެހުން: ހޯމްލޭންޑް ސެކިއުރިޓީން އަމަލުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް!

25 ޖުލައި 2024 - 22:40 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާލޭގައި ހިންގަމުންދާ ރެޑްވޭވް ފިހާރައެއް. -- ފޮޓޯ: އަދަދު


ރެޑްވޭވްގެ ހިތްހަމަ ނުޖެހުން: ހޯމްލޭންޑް ސެކިއުރިޓީން އަމަލުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް!

25 ޖުލައި 2024 - 22:40 0

ރެޑްވޭވްގެ ބިދޭސީ މުވައްޒަފުންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކާ އޮތް ކަމަށް، ހޯމްލޭންޑް ސެކިއުރިޓީން އިއުލާނުކުރި ލިސްޓުގައި ހިމެނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ބުނެ، އެ ކުންފުނީގެ ހިތްހަމަނުޖެހުން ބަންޑުންކޮށްލައިފި އެވެ.

ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ރެޑްވޭވްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ބިދޭސީ މުވައްޒަފުންނާ ގުޅޭ ގޮތުން ދައްކަންޖެހޭ ފީތައް ގަވާއިދުން ދައްކާ ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.

ނަމަވެސް ބިދޭސީ މުވައްޒަފުންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި 2,800ރ. އަދި ކޯޓާ ފީގެ ގޮތުގައި 167,028.00ރ. ނުދައްކާ ކަމަށް ރޭ ގެޒެޓުކުރި އިއުލާނުގައި އޮތުމުން، ލިޔެކިޔުންތަކާއި އެކްސްޕެޓް ސިސްޓަމްއިން ޖެނެރޭޓްކުރާ ސްޓޭޓްމަންޓުތައް ބެލިއިރު، ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތްކަން ފާހަގަކޮށްފައި ނެތް ކަމަށް ރެޑްވޭވްއިން ބުނެ އެވެ. އެހެންވެ، އެ ތަފްސީލް ހޯދަން މިއަދު ހެނދުނުން ފެށިގެން މަސައްކަތް ކުރި ކަމަށާއި ނަމަވެސް، އެއްވެސް މައުލޫމާތެއް މިނިސްޓްރީން ނުލިބުނު ކަމަށް ވެސް ރެޑްވޭވްގެ ބަޔާނުގައިވެ އެވެ.

އެކްސްޕެޓް ޕޯޓަލްއިން ޖެނެރޭޓްކޮށް ނަގާ ސްޓޭޓްމަންޓްއިން އެއްވެސް ފައިސާ އެއް ދައްކަންޖެހޭ ކަމަށް ފެންނަން ނެތް ނަމަވެސް، މެނުއަލްކޮށް ބަލަމުން ދާއިރު ބައެއް ޕޭމަންޓްތައް ޕެންޑިން ކަމަށް ފެންނަން ހުރި ކަމަށް ސީވޯލްޑް މޯލްޑިވްސްއިން މައުލޫމާތު ދިނުމާއެކު، އެގޮތަށް ހުރި ހުރިހާ ޕޭމަންޓެއް މިހާރު ދައްކާފައިވާ ކަމަށް ރެޑްވޭވްގެ ބަޔާނުގައި ބުނެ އެވެ.

އެކްސްޕެކްޓް ސިސްޓަމްގައި މައްސަލަތައް ހުރިއިރު، ދައްކަންޖެހޭ ފައިސާއެއް އޮތްކަން ވެސް އަންގާ ނުލައި، ކުންފުނި ބަދުނާމުވާ ގޮތަށް އަމަލުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް ރެޑްވޭވްގެ ބަޔާނުގައި ބުނެ އެވެ.

"ނޯޓިސް ދިނުމެއް ނެތި އެއްވެސް އެންގުމަކާ ނުލައި ދާހިލީ ވުޒާރާގެ ފަރާތުން މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފައިވާތީ އެކަމާ މިކުންފުނީގެ ފަރާތުން ވަރަށް ހިތާމަކުރަމެވެ.،" ރެޑްވޭވްގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނީގެ ބިދޭސީ މުވައްޒަފުން ފީތަކުގެ ގޮތުގައި 195،028 ދައްކަންޖެހޭ ކަމަށް ބުނެ އިއުލާނު ކުރިއިރު، ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއިން އަނބުރާ ލިބެންޖެހޭ 198,000ރ. ސަރުކާރުން ނުދައްކާ ހުރި ކަމަށް ވެސް ރެޑްވޭވުން ބުނެ އެވެ.