Advertisement

މާލޭގެ މަގުތައް އަމާން ކުރަން ހިންގާ "މާލެފަހި" ޕްރޮގުރާމް އިފުތިތާހުކޮށްފި

24 ޖުލައި 2024 - 22:36 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިރޭގެ ޖަލްސާގައި މާލެފަހި ޕްރޮގުރާމު އިފުތިތާހު ކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް


މާލޭގެ މަގުތައް އަމާން ކުރަން ހިންގާ "މާލެފަހި" ޕްރޮގުރާމް އިފުތިތާހުކޮށްފި

24 ޖުލައި 2024 - 22:36 0

މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހަދަން ޓްރާސްޕޯޓު މިނިސްޓަރީން އިސްނަގައިގެން މާލެފަހި ނަމުގައި ޕްރޮގުރާމެއް އިފުތިތާހުކޮށްފި އެވެ.

އެ ޕްރޮގުރާމު އިފުތިތާހު ކޮށްދެއްވީ ދަރުބާރުގޭގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މާލެފަހި ޕްރޮގުރާމަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ތޮއްޖެހި މަގުތައް ކާރޫބާރޫ ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

އެ ޕްރޮގުރާމުގައި ހިމެނޭ ގިނަ ކަންކަމަކީ އާބަން ޓްރެފިކް ޑީކޮންޖެސްޝަން މެނޭޖުމެންޓު ކޮމެޓީގެ ލަފަޔާއި މަޝްވަރާ އާ އެކު ހިމަނާފައިވާ ކަންކަމެވެ.

މާލެފަހި ޕްރޮގުރާމުގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. އެއީ:

  • ގާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރެޖިސްޓަރީ ކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލް ކުރުން
  • ޕަބްލިކް ޓްރާންްސްޕޯޓު ވަސީލަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިޔުން
  • މަގުތަކަކީ ރައްކާތެރި އަދި ދަތުރުފަތުރާއި ހިނގައި އުޅެން ފަސޭހަ އަމާން ތަންތަނަށް ހެދުން

މާލެފަހި ޕްރޮގުރާމުގައި ހިމެނޭ ބައެއް ކަންކަން އެ ޕްރޮގުރާމު އިފުތިތާހު ކުރުމުގެ ކުރިން ވެސް ވަނީ ތަންފީޒު ކުރަން ފަށައިފަ އެވެ.

އެގޮތުން ގަވާއިދާ ހިލާފަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ރެޖިސްޓަރީ ކުރުން ހުއްޓުވުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 13 ވަނަ މާއްދާއާއި އެއްގަމުގައި އިންޖީނުލީ އުޅަނދު ރެޖިސްޓަރީ ކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ ރ. ގައި ބަޔާން ކޮށްފައިވާ ގޮތަށް ގަރާޖެއް ނެތި ހަތަރު ފުރޯލުލީ އުޅަނދު ރެޖިސްޓަރީ ނުކުރެވޭނެ ކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.

އޭގެއިތުރުން އެއް ރަށެއްގައި އެއްގަމު އުޅަނދު ރެޖިސްޓަރީކޮށް ދުއްވޭނެ އަދަދާއި މުއްދަތު ކަނޑައެޅުން ވެސް ހިމެނެ އެވެ. މާލޭގައި އެއްފަހަރާ ރެޖިސްޓަރީ ކުރެވޭނެ އުޅަނދުގެ އަދަދާއި އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިހާރު ވެސް ދަނީ ކުރަމުންނެވެ.

އަދި އެ ޕްރޮގުރާމުގެ ތެރެއިން ތާޑު ޕާޓީ އިންޝުއަރެންސްގެ އުސޫލަށް ބަދަލު ގެނައުމަށާއި އެކްސްޕޯޓު އިމްޕޯޓު ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހިމެނެ އެވެ.

އެއްގަމު އުޅަނދު ރެޖިސްޓަރީ ކުރުމާއި އަހަރީ ފީއާއި އެކި ކަންކަމަށް މިހާރު ކަނޑައަޅާފައި ހުރި ޖޫރިމަނާގެ އަދަދުތައް މުރާޖާ ކުރުމަށް ވެސް ނިންމާފައިވެ އެވެ. އެ މަސައްކަތްތައް މި ފެށޭ އޯގަސްޓު މަހު ފަށަން ނިންމާފައިވާކަމަށް މިރޭގެ ރަސްމިއްޔާތުގައި އިއުލާނު ކުރި އެވެ.

މިހާރު ދޫކުރަމުން އަންނަ ޑޮމެއިން ނަންބަރުތައް ވެސް އެ ޕްރޮގުރާމުގެ ދަށުން ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ކުރިއަރާފައި ހުންނަ ގައުމުތަކުގައި ބޭނުން ކުރާ ފަދަ ނިޒާމެއްގެ ތެރެއަށް ފައްތައި އައު އުސޫލެއް އެކަމުގައި ވެސް ތައާރަފު ކުރުމަށް މާލެފަހި ޕްރޮގުރާމުގައި ހިމަނައިފައިވެ އެވެ.

އަދި މާލޭގެ ގޭބިސީން ކުނި އަކާ ވަގުތު ވެސް ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބަދަލު ކުރުމަށް ވެސް އެ ޕްރޮގުރާމުގައި ހިމަނާފައިވެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ސަރުކާރުގެ ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.