24 ޖުލައި 2024 - 20:44 0
މުހައްމަދު ޝަހްޒާން
ދިވެހިރާއްޖޭގެ އުފާވެރިކަމުގެ އިންޑެކްސް ކަނޑައެޅުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ވޯކްޝޮޕުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ލޯކަލް ގަވަމެންޓު މިނިސްޓަރީ
24 ޖުލައި 2024 - 20:44 0
ދިވެހިންގެ އުފާވެރިކަމުގެ އިންޑެކްސް ކަނޑައެޅުމަށް ދިރާސާއެއް ކުރަން ފަށާފައިވާ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި އާދަމް ޝަރީފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތް ފެށީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އާ އެކުގައި ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު އިސްލާމިކް ޔުނިވާސިޓީގައި މަޝްވަރާ ބައްދަލުވުމެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އުފާވެރިކަމުގެ އިންޑެކްސް ކަނޑައެޅުމަށް ކުރާ ދިރާސާ އާ ގުޅޭގޮތުން ތަފާތު ނަޒަރިއްޔާތުގެ ވިސްނުމުގެ ބައިވެރިންގެ ފަރާތުން ތަފާތު ހިލާތުތައް ލިބުނު ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފުގެ ޕޯސްޓުގައި ވިދާޅުވީ ދިވެހީންގެ އުފާވެރިކަމުގެ އިންޑެކްސް ކަނޑައެޅުމަށް ކުރަންޖެހޭ ދިރާސާ ކުރާނީ އިސްލާމިކް ޔުނިވާސިޓީން ކަމަށެވެ.
އުފާވެރިކަމުގެ އިންޑެކްސްއަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާއަތްކޮށް އެބައެއްގެ ހިތްހަމަޖެހުން ހުންނަ މިންވަރެއްގެ މައްޗަށް ބިނާކޮށް އެކުލަވައިލާ އެއްޗެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މި އިންޑެކްސް އެކުލަވައިލަނީ 0 އިން ފެށިގެން ގޮސް 10 އާ ހަމައަށެވެ.
އެކި ގައުމުތަކުގެ އުފާވެރިކަމުގެ އިންޑެކްސްއަށް ބަލައި 2012 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އުފާވެރިކަމުގެ ރިޕޯޓެއް ވެސް ނެރެ އެވެ. މި އަހަރުގެ މިހައިތަނަށް ބަލާއިރު ދުނިޔޭގެ އެންމެ އުފާވެރި ގައުމަކީ ފާއިތުވި ހަތް އަހަރު ވެސް އެ ލިސްޓުގެ ރަސްކަން ކުރަމުންދާ ފިންލެންޑެވެ. ލިސްޓުގެ ދެވަނައިގައި ޑެންމާކު އޮތްއިރު ތިންވަނައިގައި އޮތީ އައިސްލޭންޑެވެ.
ލިސްޓުގެ އެންމެ ފުލުގައި މިވަގުތު އޮތީ އަފްގާނިސްތާނާއި ލުބުނާނެވެ. އަވަށްޓެރި އިންޑިއާ އޮތީ އެ ލިސްޓުގެ 126 ވަނައިގަ އެވެ. ބަންގުލަދޭޝް 129 ވަނައިގައި އޮތްއިރު ސްރީލަންކާ އިޮތީ 128 ވަނައިގަ އެވެ.
ދިވެހިރާއްޖޭގެ އުފާވެރިކަމުގެ އިންޑެކްސްއެއް ކަނޑައަޅާ މިއީ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި އެ ގައުމެއްގެ މާލިއްޔަތާއި އިގުތިސާދީ ދުވެއްޔަށްވުރެ ވެސް އިސްކަމެއް ދެނީ އެގައުމެއްގެ ރައްޔިތުންގެ އުފާވެރިކަމުގެ އިންޑެކްސްއަށެވެ.
Comment