Advertisement

ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރަކަށް ތިން ވުޒާރާއަކުން ސްޓޭޓު މިނިސްޓަރުކަން ހުށަހަޅައިފި

24 ޖުލައި 2024 - 17:09 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރު، އަލައިކާ އަދުނާން -- ފޮޓޯ: ޑިމޮކްރެޓްސް


ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރަކަށް ތިން ވުޒާރާއަކުން ސްޓޭޓު މިނިސްޓަރުކަން ހުށަހަޅައިފި

24 ޖުލައި 2024 - 17:09 3

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީއެންސީއަށް ތާއީދުކުރި ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރު، އަލައިކާ އަދުނާން އަށް ސަރުކާރުގެ ތިން މިނިސްޓްރީ އަކުން ސްޓޭޓު މިނިސްޓަރުކަން ހުށަހަޅާފައިވާކަން އެނގިއްޖެ އެވެ.

ރައީސް އޮފީހާއި އަލައިކާއާ ދެމެދު ކުރެވުނު މުއާމަލާތުތަކެއްގެ ތެރެއިން އަލައިކާ އަށް މި ސަރުކާރުން ސްޓޭޓު މިނިސްޓަރުކަން ހުށާހަޅާފައިވާކަން ޑިމޮކްރެޓްސްގެ އިސް އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

އޮފިޝަލް ވިދާޅުވީ އަލައިކާ އަށް އެ ހުށަހެޅުން ހުށަހަޅާފައި ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކަމަށާއި އެ ހުށަހެޅުމާ މެދު ވަކި ގޮތެއް އޭނާ އަދި ނުނިންމާ ކަމަށެވެ.

"އަލައިކާ އަށް ރައީސް އޮފީހުން ހުށަހެޅީ ފޮރިން މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރުކަން، ހޯމް މިނިސްޓަރީ އަށް ދާން ވެސް ހުށަހެޅި ސެކަންޑު އޮޕްޝަނަކަށް، ދެން ލޯކަލް ގަވަމެންޓު މިނިސްޓަރީ އަށް ދާން ވެސް އެ މީހުން ހުށަހެޅި، ސަރުކާރުގެ ފަރާތުން އޮތީ ހުރިހާ ކަމެއް ނިންމާފައި، ހުށަހަޅާފައި، އަލައިކާ އާނއެކޭ ބުނެފިއްޔާ ދާންވީ ހަމަ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް އޮފީހާއި އަލައިކާއާ ދެމެދު ދެކެވުނު ވާހަކަތަކުގައި ތިން ވުޒާރާއެއްގެ ނަން ފާހަގަ ކުރި ނަމަވެސް، ހެލްތު މިނިސްޓަރީން ވެސް އަލައިކާ އަށް ގުޅައި ވަޒީފާ ހުށަހެޅި ކަމަށް ޑިމޮކްރެޓްސްގެ އޮފިޝަލް ވިދާޅުވި އެވެ.

"އަލައިކާ އަށް ގުޅި ހެލްތު މިނިސްޓަރީން ވެސް، ކެބިންއާ އެއްޗެހި ރެޑީކޮށްފަ، އެކަމަކު އަލައިކާ ރެޑީއެއް ނޫނޭ ބުނީ ދާކަށް، އެއީ އަލައިކާގެ ފީލްޑެއް ނޫނޭ،" އޮފިޝަލް ވިދާޅުވި އެވެ.

އަލައިކާ އަށް މި ސަރުކާރުގެ ސްޓޭޓު މިނިސްޓަރުކަން ހުށަހަޅާފައިވާއިރު، އިއްޔެ ޑިމޮކްރެޓްސްގެ އިސްވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ހަސަން ލަތީފު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑު ދެކަމަކާ ގުޅޭގޮތުން ރައީސް އާ މަޝްވަރާކުރެވުނު ކަމަށެވެ.

އެގޮތުން ގާނޫނު އަސާސީ އިސްލާހުކުރަން މި ސަރުކާރުން އިއުލާނުކޮށްފައިވާއިރު އެ މަސައްކަތުގައި ޑިމޮކްރެޓުން ބައިވެރިވެ ކުރެވެންހުރި ހުރިހާ ކަމެއް ކުރަން ބޭނުންވާކަން ރައީސް އަށް ދެންނެވި ކަމަށާއި އެކަމުގައި އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަަމަށް ރައީސް ވިދާޅުވި ކަމަށެވެ.

އޭގެ އިތުރުން، އެ ޕާޓީން ގެންގުޅޭ ސިޔާސަތުތައް މި ސަރުކާރުން ތަންފީޒުކުރުން މުހިންމުކަން ފާހަގަކޮށް ހާއްސަކޮށް މާލީ ކަންކަމުގެ ޑިމޮކްރެޓުންގެ ސިޔާސަތުތައް ބަލައިގަތުމަށް ރައީސްގެ އަރިހުން ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސީ މަގާމެއް އަލައިކާ އަށް ހުށަހެޅިއިރު، ގައުމުގެ މާލީ ހާލަތު ވަރަށް ގޯސް ކަމަށް ބުނެ ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް ބުނެފަ އެވެ.