Advertisement

ހަޔާ އެޑިއުކޭޝަނުގެ ސްޓޭޓް މިނިސްޓަރު ފައިރޫޝް މަގާމުން ވަކިކޮށްފި

16 އޮކްޓޯބަރު 2024 - 22:10 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ސްޓޭޓް މިނިސްޓަރުކަމުން މިއަދު ވަކިކުރި ފައިރޫޝް --- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ


ހަޔާ އެޑިއުކޭޝަނުގެ ސްޓޭޓް މިނިސްޓަރު ފައިރޫޝް މަގާމުން ވަކިކޮށްފި

16 އޮކްޓޯބަރު 2024 - 22:10 2

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް މަގާމުން ވަކިކޮށްފި އެވެ.

މަގާމުން ވަކިކުރުމާ ގުޅިގެން ފައިރޫޝް ވަނީ އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި މަގާމު އަދާކުރެއްވި ދުވަސްވަރު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި އެ ވުޒާރާގެ ޓީމުން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ފައިރޫޝް މަގާމުން ވަކިކޮށްފައިމިވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ކާރިސާއާ ގުޅިގެން ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނިކޮށެވެ.

އިއްޔެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން ފައިރޫޝް އަދާކުރެއްވީ ފުލުހެއްގެ ވަޒީފާ އެވެ. އޭނާ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ، 2021، ގަ އެވެ. ޝަރަފުވެރިކަމާއެކު އޭނާ ރިޓަޔާކުރެއްވީ ހިދުމަތަށް 20 އަހަރު ފުރުމުން އަމިއްލައަށް އެދިގެންނެވެ.

ނަމަވެސް އޭނާ ރިޓަޔާ ކުރުއިރު، އޭނާގެ މައްޗަށް ކުރެވުނު ސީރިއަސް މައްސަލަތަކަށް ހޯމް މިނިސްޓްރީން ރިއާޔަތް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ. މަޖިލީހުން އެގޮތަށް ނިންމީ ފައިރޫޝް ރިޓަޔާ ކުރުމާއެކު އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއްގަ އެވެ.

މި ފަހުން ވެސް އޭނާއަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެއީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމާ ދެކޮޅު ހަދާ އޭނާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.