16 އޮކްޓޯބަރު 2024 - 10:06 1
އަހުމަދު އާއިދު
ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު: އޭނާ ވިދާޅުވީ ރައީސް އަންގަވައިގެން ވަކިކުރާ 228 ސިޔާސީ މުވައްޒަފުން ދެން ލާނީ ސަރުކާރު ކުންފުނިތަކަށް ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ
16 އޮކްޓޯބަރު 2024 - 10:06 1
ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމެވި 228 ސިޔާސީ މުވައްޒަފުންނަށް ދެން ވަޒީފާ ދޭނީ ސަރުކާރު ކުންފުނިތަކުން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ސިޔާސީ މުވައްޒަފުންގެ ތެރެއިން ވަކިކުރަން ރައީސް މުއިއްޒު ނިންމަވާފައި ވަނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުރިހާ ޓެކްސްއެއް ބޮޑުކުރިޔަސް ނަފާއެއް ނުވާނެ ކަމަށާއި ސިޔާސީ މަގާމުތަކުން ވަކިކޮށް ކުންފުނިތަކަށް ހަމަ އެ މީހުން އައްޔަންކުރުމުން ދައުލަތުގެ ހަރަދު ކުޑަނުވާނެ ކަމަށެވެ،
"ރަނގަޅު ވާހަކައެއް ސިޔާސީ 228 ބޭފުޅުންގެ މަގާމު އުނިކުރަން ސަރުކާރުން ނިންމި. އެހެން ނަމަވެސް މާދަމާ އެބޭފުޅުން ތިއްބަވާނީ ސަރުކާރު ކުންފުނިތަކުގެ އިއްޒަތްތެރި ރައީސް. މިހާތަނަށްވެސް އެކަން ހިނގާފަ އޮތީ އެހެން," އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރު ވިދާޅުވި އެވެ.
ޣަފޫރު އިޝާރާތް ކުރެއްވީ އެކި ހާލަތްތަކުގައި މި ސަރުކާރުން މީގެ ކުރިން ސިޔާސީ މަގާމުތަކުން ވަކިކުރި ފަރާތްތައް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަންކުރި ކުރުމަށެވެ.
"މީގަ ފޮރުވޭނެ އެއްވެސް ކަމެއް ނޯންނާނެ. މާދަމާ 228 މީހުން ކަނޑާލާފަ އަނެއްދުވަހު ސަރުކާރު ކުންފުނިތަކުން އެ 228 މީހުންނަށް ވަޒީފާ ދޭނެ ސަރުކާރެއް މިއީ. މިއިކީ ނޫން ހަރަދު ކުޑަކުރާ ގޮތަކީ. ހަރަދު ކުޑަކުރަންޏާ އިހުލާސްތެރިކަމާއެކު މަސައްކަތްކުރަންވީ،" ޣަފޫރު ވިދާޅުވި އެވެ.
ރައީސް އިއްޔެ އިއުލާނުކުރެއްވި ސިޔާސީން ވަކިކުރުމުގެ ފިޔަވަޅާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 2,000 އާ ގާތްކުރާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.
ސިޔާސީ މަގާމުތަކުގައި ތިބީ މުވައްޒަފުންގެ ޖުމުލަ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް ރައީސް އޮފީހުން އެ މައުލޫމާތު ދީފައެއް ނުވެ އެވެ. އަދި މިހާތަނަށް ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދެއް ހާމައެއް ވެސް ނުކުރެ އެވެ.
Comment