26 ޖުލައި 2024 - 06:13 0
މަހްފޫޒް ސައީދު
26 ޖުލައި 2024 - 06:13 0
ކަންޒު ކަހަނބުގެ ހަރަކާތްތަކުގެ ލަސްކަމާ އަޅުވައި އެކި ޖަނަވާރުތަކުގެ ހަނގާކުރުމާއި ހޭރުވުމާ ކުރިމަތިލާންޖެހުމަކީ އެސޮރުގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ބަޔަކަށް ވެއްޖެ އެވެ. ކަހަނބު އޮތީ އެސޮރުގެ ހަރަކާތްތައް ލަސްކަމަށް އެއްބަސްވާ ގޮތަކަށް ނޫނެވެ. އެސޮރުގެ ނަޒަރުގައި އެސޮރުގެ ދުވެލި ހަމަ ރަނގަޅެވެ. އަދި ކުރާ ކޮންމެ ކަމެއް އެކުރަނީ ނުލާހިކު މުރާލިކަމާއެކު އެއްވެސް ލަސްކަމެއް ނެތި އެވެ. ޖަނަވާރުންގެ މި ބަހުސްގެ ތެރެއިން އުފަންވި ހިޔާލަކީ ކަހަނބު އެހެން ޖަނަވާރަކާއެކު ރޭހެއްގައި ބައިވެރިވުމެވެ. ހުރިހާ ޖަނަވާރުންގެ ބާރުއެޅުމާއެކު ކަހަނބާ ވާދަކުރުމަށް އައްޔަނު ކުރެވުނީ މުސަޅެވެ.
ރޭސް ފެށުމަށް ކަށިގަނޑު ފުމެލީ ހިޔަޅެވެ. ކަހަނބު ކަށިން ހިތްވަރު ނެރެގެން ހިނގަން ފަށައިފި އެވެ. މުސަޅު އޮތީ ރޭސް ފަށާ ރޮނގުގައި މަޑުކޮށްލައިގެންނެވެ. ކަހަނބުގެ ދުވެލީގައި ގޮސް ލޮލުކޮޅަށް އޮބާލުމުން މުސަޅު ދުވަން ފެށި އެވެ. އިސާހިތަކު ކަހަނބު ފަސްދީ ގޮސް ރޭސް ނިންމާ ރޮނގު ކައިރީގައި މަޑުކޮށް ކަހަނބަށް އިންތިޒާރު ކުރަން ފެށި އެވެ. އެހެން އޮއްވައި މުސަޅަށް ނިދިއްޖެ އެވެ. ހޭލެވުނުއިރު ކަހަނބު އޮތީ ރޭސް ނިންމާ ރޮނގުގަ އެވެ. މި ތާރީހީ ރޭހުން މުސަޅުގެ މައްޗަށް ކުރި ހޯދީ ކަންޒު ކަހަނބެވެ.
ކުރުގޮތަކަށް މި ކިޔައިދިން ވާހަކައަކީ އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެ އަޑުއަހާ ވާހަކަ އެކެވެ. މި ވާހަކައަށް މިހާރު ދެހާސް ހަސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ވާހަކައިގެ މައިގަނޑު ތާސީރާއި ވާހަކައިން ލިބިދޭ އިބުރަތަށް ބަދަލެއް ނައިސް ހަމަ އެގޮތުގައި ދެމި އެބައޮތެވެ.
މި ވާހަކައަކީ މިލާދުގެ 600 އަހަރު ކުރިން ޔޫނާނުގައި ދިރިއުޅުނު އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. އީސޮޕް މަޝްހޫރުވެފައިވަނީ ފެބަލް ވާހަކަ ލިޔުންތެރިއެއްގެ ގޮތުގަ އެވެ.
ފެބަލް އަކީ އިންސާނީ ކުޅަދާނަކަން ނުހުންނަ ޖަނަވާރާއި، ގަސްގަހާ ގެއްސަށް އެ ސިފަތައް ދީގެން އިންސާނީ ދިރިއުޅުމުގެ ފިލާވަޅުތައް ކިޔައިދޭ ވާހަކަތަކެވެ. އެފަދަ ވާހަކަތަކުގައި ގަސްގަހާގެއްސާއި ޖަނަވާރު ވާހަކަ ދައްކާނެ އެވެ. އިންސާނީ ދިރިއުޅުމުގައި ކުރާ އެ ނޫންވެސް ކަންކަން ކޮށްއުޅޭނެ އެވެ. މިއީ ވާހަކަ ހުށަހަޅައިދިނުމުގެ ބަހާތަކުގެ ތެރެއިން ތަދު އެހެންނަމަވެސް މަގުބޫލު ބަހާއެކެވެ. އެ ޒަމާނުގައި އީސޮޕް ކިޔައދިން މި ވާހަކަތައް އޭނާގެ ނަމުގައި މަޝްހޫރުވާން ފެށީ މީލާދުގެ މާ ފަހުންނެވެ. އޭރު ތުންތުން މަތިން ދެކެވެމުން ދިޔަ ވާހަކަތައް އީސޮޕްގެ ފެބަލްސްގެ ގޮތުގައި ފުރަތަމަ ފަހަރަށް ޖަމާކޮށް ފޮތެއްގެ ސިފައިގައި ނެރުނީ މީލާދީން 1484 ގަ އެވެ. އީސޮޕްއާ ބެހޭ ވާހަކަތައް ކަށަވަރުކުރުމުގައި މަޝްހޫރު ފަލްސަފާވެރިޔާ، ޔޫނާނުގެ އެރިސްޓޯޓަލް އަކީ މުއުތަބަރު މަސްދަރެއް ކަމަށް ވަރަށް ގިނަ ލިޔުންތެރިން ބަރޯސާވެފައި ވެއެވެ. އެރިސްޓޯޓަލް މަޝްހޫރުވީ މީލާދުގެ ތިން ގަރުނު ކުރިންނެވެ.
އެރިސްޓޯޓަލް ކަށަވަރުކޮށްދޭ ގޮތުގައި އީސޮޕްއަކީ ޔޫނާނުގެ ސަމޯސްގައި އަޅެއްގެ ގޮތުގައި ދިރިއުޅުނު މީހެކެވެ. އަދި ހަމަ އެމަސްދަރުން ކަށަވަރުކޮށްދޭ ގޮތުގައި، އީސޮޕް މިނިވަންވުމަށްފަހު ޔޫނާނުގެ ޑެލްފިއަންއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅުމުގެ ތެރޭގައި ވައްކަމުގެ ތުހުމަތުކުރެވި އޭނާ އުސްތަނަކުން ވައްޓައި މަރާލެވުނީ އެވެ. އޭނާ ޑެލްފިއަލްއަށް ދިޔަކަމަށް ވަނީ ސަމޯސްގެ ރަސްގެފާނު ހަވާލުކުރި ހާއްސަ މަސައްކަތެއްގަ އެވެ. އެހެންނަމަވެސް، 1965 ގައި، ޔުނިވަރސިޓީ އޮފް އިލިނޮއިސްގެ ތާރީހު އިލްމުވެރިޔާ، ޕްރޮފެސަރ ބެން އެޑްވިން ޕެރީ ލިޔުއްވާފައިވާ ގޮތުގައި، އީސޮޕް ސަމޯސްއިން ޑެލްފިއަންއަށް ދިޔަކަމަށް ބުނާ ތާރީހުތަކާއި، އޭރު ސަމޯސްގެ ރަސްގެފާނު ވެރިކަންކުރިކަމަށް ބުނާ ތާރީހުތަކާ ދިމާނުވެ އެވެ. މި ފުށުއެރުމުގެ ސަބަބުން އީސޮޕްއަކީ ހަގީގަތުގައި އެ ދުވަސްވަރު ދިރިއުޅުނު މީހެއްކަމުގެ ހަގީގަތާމެދުވެސް ބެން ސުވާލު އުފައްދަވަ އެވެ.
އީސޮޕްގެ ވާހަކަތަކަކީ މިހާރުވެސް ބެސްޓްސެލަރ އެކެވެ. އެހެންނަމަވެސް، އެ ވާހަކަތައް ހަގީގަތުގައި ލިޔުނީ އިސޮޕްކަމާމެދު ބައެއް ލިޔުންތެރިން ސުވާލު އުފައްދަވަ އެވެ. އެކަމުގައި އުފެދިފައިވާ ޝައްކުތަކުގެ ބިނާއަކީ ޕްރޮފެސަރ ބެން އެޑްވިން ޕެރީ އެސޮޕްގެ ދިރިއުޅުމުގެ ތާރީހުތަކާމެދު ނިންމާފައިވާ ނިންމުންތަކެވެ.
އީސޮޕްގެ ވާހަކަތަކުގެ ތެރެއިން 'ކަންޒުކަހަނބާއި މުސަޅުގެ ވާހަކަ'އިގެ އަސްލާއި އެއިން ލިބޭ އިބުރަތާމެދުވެސް ބޮޑެތި ބަހުސްތައް އުފެދިފައި އެބަހުއްޓެވެ. މިހާރު މަޝްހޫރުވެފައިވާ ވާހަކައިން ލިބިދޭ އިބުރަތަކީ 'ކަމެއްގައި މެދުނުކުނެޑި ދެމިހުރެއްޖެނަމަ އެކަމެއް ކާމިޔާބުވާނެ' ކަމެވެ. އެހެންނަމަވެސް، އެހެން މާނަތައް ނެރުމަށްޓަކައި މި ވާހަކަ އެހެން ގޮތްގޮތަށްވެސް ތަރުޖަމާކުރެވިފައި ވެއެވެ.
މީލާދުން 1857 ގައި، 'އީސޮޕްގެ ވާހަކަތައް އިންސާނީ ދިރިއުޅުމަށް' ގެ ނަމުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ކުރެހުންތެރިޔާ ޗާލްސް އެޗް ބެނެޓް ލިޔުއްވި ފޮތުގައި، އީސޮޕްގެ މުސަޅު ބަދަލުކޮށްލީ، ކެޕިޓަލިސްޓް ވިޔަފާރިވެރިއެއްގެ އަތްދަށުގައި މަސައްކަތްކުރި އާދައިގެ މަސައްކަތްތެރިއަކަށެވެ. އެ ވާހަކައިގައި ކިޔައިދެނީ އެ މަސައްކަތެރިޔާގެ މިންނަތުން ވިޔަފާރި ކުރިއަރައިދާ ގޮތާއި، އޭނާގެ ހިތްވަރުގެ ސަބަބުން އަމިއްލަ ވިޔަފާރިއެއްގައި ކުރިއަރައިދާ ގޮތެވެ.
އިނގިރޭސިވިލާތުގެ ލިޔުންތެރިޔާ އެޑްވަޑް ޖޯން ޑްރެކްސް ޕްލަންކަޓް ނުވަތަ ލޯޑް ޑަންސެނީ، 1875 ގައި، 'ކަންޒުކަހނބާއި މުސަޅުގެ ވާހަކައިގެ ހަގީގަތް' މިނަމުގައި ލިޔުއްވާފައި ގޮތް އަޅުގަނޑުމެން އަޑުއަހައި މިއުޅޭ ވާހަކައާ އަދި މާބޮޑަށް ތަފާތެވެ.
އެ ވާހަކައިގައި ކިޔާ ގޮތުން، ގޮތްދޫނުކުރާ، ކޮންމެ ކަމަކާ ޖަދަލުކުރަން ދެވިހިފާފައިވާ ކަންޒުކަހަނބު މުސަޅާ އަރައިރުންވެއްޖެ އެވެ. ހެލިފެލިވެ އުޅުމުގައި ލަސް ގޮތެއް ފެނުނަސް ހަގީގަތުގައި މުސަޅަށްވުރެ ބާރަށް ދުވެވޭނީ ކަހަނބަށްކަމަށް ބުނެ މުސަޅުގެ ގާބިލިއްޔަތަށް ގޮންޖެހީ އެވެ. މުސަޅު މިކަމާ އަޅާނުލިނަމަވެސް އެހެން ޖަނަވާރުންގެ ހިތުގައި މުސަޅުގެ ގާބިލުކަމާމެދު ސުވާލު އުފެދޭ ގޮތްވުމުން ކަހަނބާއެކު ރޭސްޖަހައި މުސަޅުގެ ދުވެލީގެ ބާރުމިން ސާބިތުކޮށްދޭން މުސަޅުވެސް ބޭނުންވީ އެވެ.
ރޭސް ފެށުނުއިރު މުސަޅު އޮތީ މިކަމެއް ކުރަންޖެހޭތީވެސް މޮޔަ ހީވެފަ އެވެ. ހިޔަޅުގެ ކަށިގަނޑުގެ އަޑަށް ރޭސް ފަށައި ތަންކޮޅަކަށް ކުރިއަށް ގޮސްފައި މުސަޅު މަޑުކޮށްލީ މި ކުރެވޭ ކަމަކާމެދު ފިކުރުކޮށްލުމަށެވެ. ދުވެލީގެ ގޮތުން މާ ބަލިކަށި ޖަނަވާރަކާ ވާދަކުރަންޖެހޭތީއާއި އެކަމަށް އެހެން ޖަނަވާރުން ބާރުއަޅާތީ އެކަމާ ފިކުރުކުރެވެނީ އެވެ. ރޭސް ނިންމާ ރޮނގަށްވުރެ ދުރުގައި މުސަޅު މަޑުކޮށްލައި، ހަމަޖެހިލައިގެން ނިދާލީ މި ހުރިހާ ފިކުރުތަކަށްފަހު އެކަމުގެ މައްޗަށް ގޮތެއް ނިންމުމުންނެވެ. އެއީ އެނގި ސާބިތުވާން އޮތް ކަމެއްގައި ތިމާގެ ގާބިލުކަން ދެއްކުމަށް އާދައިގެ ޖަނަވާރަކާ ވާދަކޮށް މޮޅުވުމުގެ އުފަލެއް ނެތްކަމެވެ. ވަށައިގެން ތިބި ޖަނަވާރުތައް އެކަމަށް ބާރު އަޅަނީ އެ ޖަނަވާރުތަކުގެ މުނިފޫހި ފިލުވުމަށްޓަކަ އެވެ. ހަގީގަތް އޮޅިފައި އޮތީތީއެއް ނޫނެވެ. އެހެންވީމާ އެ ޖަނަވާރުތަކުގެ މުނިފޫހި ފިލުވައިދޭ ޖޯކަރަކަށް ވުމަކީ މުސަޅަށް ރުހެވުނު ކަމަކަށް ނުވީ އެވެ. ލޯޑް ޑަންސެނީގެ މި ވާހަކައިން ނެރޭ އިބުރަތަކީ، 'ތިމާއަށްވުރެ ނާގާބިލު މީހަކާ ވާދަކޮށް ކުރި ހޯދުމަކީ ތިމާގެ ގާބިލުކަން ސާބިތުކޮށްދޭނޭ ކަމެއް ނޫނެވެ' މި އިބުރަތެވެ.
އީސޮޕްގެ އަސްލަށް ރުޖޫއަވާއިރު އެ ވާހަކައިގެ އިބުރަތާއި ލޯޑް ޑަންސެނީގެ ވާހަކައިގެ އިބުރަތާ ހާސްބައި ތަފާތެވެ. އީސޮޕްގެ ވާހަކައިން ލިބޭ އިބުރަތް އޭގެ ޒާތުގައި ގޯހީކީ ނޫނެވެ. އެހެންނަމަވެސް، ހަގީގަތުގައި ކަންވެދާނޭ ގޮތާ ބޮޑަށް ވައްތަރީ ލޯޑް ޑަންސެނީގެ ވާހަކަ ކަމަށް ބުރަ ވެވެ އެވެ.
ކަންޒު ކަހަނބާއި މުސަޅުގެ ރޭހުގެ ވާހަކައަށް މިހާރު 2600 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ވާހަކައި އިބުރަތާއި އޭގެ ތާރީހާއި އެ ވާހަކައިގެ އަސްލާމެދު ކުރެވޭ ބަހުސަކަށްވެސް ނިމުމެއް ނެތެވެ. ވާހަކައިގެ ކޮންމެ ތަރުޖަމާއަކަށް ބެލިކަމުގައިވީނަމަވެސް އެ ވާހަކައިން ލިބިދޭ އިބުރަތަކީ އެ ވާހަކަ މަރުނުވެ މިހާ ދުވަހު ދިރިއޮތުމުގެ ސިއްރެވެ.
Comment