23 ޖުލައި 2024 - 15:05 0
23 ޖުލައި 2024 - 15:05 0
ޕެރިސް (ޖުލައި 23) - ޕެރިހުގައި އަންނަ ހުކުރު ދުވަހު ފަށާ އޮލިމްޕިކްސް އަށް ފަހު ޓެނިސް އިން ރިޓަޔާކުރަން ނިންމާފައިވާކަން އިނގިރޭސި ޓެނިސް ތަރި، އެންޑީ މަރީ އިއުލާނުކޮށްފި އެވެ.
މިއީ، މަރީ، 37، ގެ ފަސް ވަނަ އޮލިމްޕިކްސް އެވެ. މި ފަހަރުގެ ގޭމްސްގައި އޭނާ ސިންގަލްސް އާއި ޑަބަލްސް ކުޅެން ވަނީ ނިންމައިފަ އެވެ.
"[ޕެރިސް އަށް] މި އައީ އަަހަރެންގެ އެންމެ ފަހު ޓެނިސް މުބާރާތް ކުޅެން. ގްރޭޓް ބްރިޓިއަން ޓީމަށް ކުޅުމަކީ އަބަދުވެސް އަހަރެންގެ ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބު. އެންމެ ފަހު ކަމަކަށް ވެސް ކެރިއަރުގައި މި ކަން ކުރެވުމަކީ ފަހުރެއް،" އެކްސްގައި މަރީ ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
އޮލިމްޕިކްސްގައި މަރީ އެންމެ ފުރަތަމަ ވާދަކުރީ 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވިއިރު އެވެ. އެ ފަހަރު ފުރަތަމަ ބުރުން، ޗައިނާގެ ލޫ ޔެން ސުން އަތުން ބަލިވެ ކެޓީ އެވެ. އޭގެ ހަތަރު އަހަރު ފަހުން، ލަންޑަން އޮލިމްޕިކްސްގައި މަރީ ވަނީ އިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ ފައިނަލުގައި، ރޮޖާ ފެޑެރާ ބަލިކުރުމަށް ފަހު އެވެ.
މަރީ، 2016 ވަނަ އަހަރު ރިއޯ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދުމަށް ފަހު.
އޭގެ ފަހުން، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި، ފައިނަލުގައި ހުއާން މާޓިން ޑެލް ޕޮޓްރޯ ބަލިކޮށް، މަރީ ވަނީ އޮލިމްޕިކް ރަން މެޑަލް ދިފާއުކޮށް، ޓެނިހުގެ ތާރީހުގައި އެ ކާމިޔާބު ހޯދި ހަމައެކަނި ފިރިހެން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
ޓެނިހުގެ އެންމެ ބޮޑު މުބާރާތްތައް ކަމަށްވާ ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކުރި މަރޭ، 2019 ވަނަ އަހަރު އުނަގަނޑުގެ އޮޕަރޭޝަނެއް ކުރި ފަހުން، އޭނާ އަށް އަނިޔާގެ ގިނަ މައްސަލަަަތަކެއް އަންނަނީ ކުރިމަރތިވަމުންނެވެ. އެ ގޮތުން، ގިނަ މުބާރާތްތަކަކުން ނަން ނަގަން ޖެހުނެވެ.
އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައި އަނިޔާގެ ސަބަބުން، މަރީ ފުރަތަމަ ނިންމީ ޑަބަލްސް އެކަނި ކުޅޭށެވެ. ފަހުން، މުބާރާތުގެ ޑްރޯ ވެސް ނެގި ފަހުން، ޑަބަލްސް އިވެންޓުން ވެސް މަރީ ވަނީ ނަން ނަގައި، ވަކިވެފަ އެވެ.
އޮލިމްޕިކްސްގައި މަރީގެ އެހެން ކާމިޔާބުތަަކަށް ބަލާއިރު، 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މިކްސް ޑަބަލްސް އިން ރިހި މެޑަލް ހޯދި އެވެ.
Comment