23 ޖުލައި 2024 - 14:07 1
މުހައްމަދު އުޝާމް
ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް; އޭނާ ވަނީ މިހާރު ބަންދުން ދޫކޮށްލާފައި
23 ޖުލައި 2024 - 14:07 1
ސިހުރު ހެދިކަމުގެ ތުހުމަތުކޮށް 20 ދުވަހު ޖަލު ބަންދުގައި ބެހެއްޓި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަލީ ސަލީމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ފުލުހުންގެ ހިދުމަތުން މަޝްވަރާ ކުރަން ފަށައިފި އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. ޑިއުޓީ ޕްރޮސެކިއުޝަނަކީ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުގެ ބަދަލުގައި ދައުވާ ކުރުމުގެ ކުރިއަށް، ދައުވާ ކުރުމަށް ބޭނުންވާ ހެކި ގަރާނީ އަދި ލިޔެކިޔުންތައް ހަމަކުރުމަށް މަޝްވަރާކުރުމުގެ މަރުހަލާއެކެވެ.
ޖޫން 23، ގައި ފުލުހުން ހައްޔަރު ކުރީ ޝަމްނާޒް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ މުލީއާގޭގެ ކުރީގެ ކައްކާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރެވެ.
ހުސެއިން ސަމީރު ދޫކޮށްލީ މި ހިނގާ ޖުލައި މަހު 1، ގަ އެވެ. ޝަމްނާޒާއި ކޮއްކޮ ސަނާ ދޫކޮށްލީ ޖުލައި 13، ގަ އެވެ. ބަންދުކުރި އަމުރުތައް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަން ވެސް އެނގިފައިވެ އެވެ.
ޝަމްނާޒް ހައްޔަރުކުރިއިރު ގާތުން ދޭ އެއް އަހަރާއި ފަސް މަހުގެ ކުއްޖަކު ހުއްޓެވެ. ނަމަވެސް ބަންދުގައި ހުރި 20 ދުވަހުގެ ތެރޭގައި ގާތުން ދިނުމަށް ފުރުސަތު ދީފައެއް ނުވެ އެވެ.
އެއީ ޝަމްނާޒް އާއި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ތުއްތު ކުއްޖެކެވެ. ރަމީޒު ވަނީ މިދިޔަ މަހުގެ ތެރޭގައި ޝަމްނާޒް ވަރިކޮށްފަ އެވެ. ޝަމްނާޒް ހައްޔަރު ކުރި ފަހުން ސަރުކާރުން ވަނީ ރަމީޒު މަގާމުން ސަސްޕެންޑުކޮށްފަ އެވެ.
މައްސަލައިގައި ހައްޔަރުކުރި އިރު ޝަމްނާޒް ވެސް ހުންނެވީ ސިޔާސީ މަގާމެއްގަ އެވެ. މި މައްސަލާގައި ހައްޔަރުކުރުމުން، ސްޓޭޓް މިނިސްޓަރުކަމުން އޭނާ ވަކިކުރި އެވެ. އޭނާގެ ކޮއްކޮ ސަނާ ވެސް ހުންނެވީ ހަމަ އެ މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގަ އެވެ. ކޮއްކޮ ވެސް މަގާމުން ވަކިކުރި އެވެ.
ޝަމްނާޒުގެ މައްޗަށް ކުރި ތުހުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހަދަން އުޅުމެވެ. ރައީސް އޮފީހުން ބުނަނީ އެ މައްސަލަ ހުށަހެޅުއްވީ އެމަނިކުފާނުގެ ފަރާތުން އަދި އެމަނިކުފާނުގެ އާއިލާގެ ފަރާތަކުން ވެސް ނޫން ކަމަށެވެ.
Comment