23 ޖުލައި 2024 - 10:12 0
މުހައްމަދު ޝަހްޒާން
އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ
23 ޖުލައި 2024 - 10:12 0
މިފަހަކަށް އައިސް ޓީޗަރުން އިތުރު ވަގުތު ވަޒީފާއަށް ނެރުން އިތުރުވެފައި ވާތީ އެކަމަށް ފާޑުކިޔުން އަމާޒުވުމުން ހުކުރު ދުވަހު ޓީޗަރުން ވަޒީފާއަށް ނެރޭނަމަ އެޑިއުކޭޝަނުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓަރީން އިއްޔެ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ހުކުރު ދުވަހު ޓީޗަރުން ވަޒީފާއަށް ނުނެރުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ސްކޫލްތަކަށް އަންގައިފައި ވާނެ ކަމަށެވެ. ނަމަވެސް ބައެއް ސްކޫލްތަކުން އެ އެންގުމާ އެއްގޮތަށް އަމަލު ކުރަމުން ނުދާކަން އެ މިނިސްޓަރީއަށް ފާހަގަވެފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
މިފަހަކަށް އައިސް ޓީޗަރުން ބަންދު ދުވަސްތަކުގައި ވަޒީފާއަށް ނެރުން އިތުރުވެފައި ވަނީ ދިރާސީ އައު އަހަރަށް ގެނައި ބަދަލާ ގުޅިގެންނެވެ. އިތުރު ވަގުތު ޓީޗަރުން މަސައްކަތް ކުރަން ޖެހުން އިތުރުވުމުން ޓީޗަރުންގެ އާއިލާތަކަށް ވެސް އެކަށީގެންވާ ވަގުތު ނުދެވޭކަމުގެ ކަންބޮޑުވުން ބައެއް ޓީޗަރުން ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.
"ޓީޗަރުން މި ބުނަނީ ބެލެނިވެރިން ގާތުގައި، ދަރިންނާއެކު ގިނަ ވަގުތު ހޭދަ ކުރާށޭ، އެއީ އެ ކުދިންގެ ހެދިބޮޑުވުމަށް ވަރަށް މުހިންމު ކަމެކޭ، މިއީ ވަރަށް ރަނގަޅު ނަސޭހަތެއް، އެހެނަސް އެ ނަސޭހަތް ދޭ ޓީޗަރުންނަކީ ވެސް ބެލެނިވެރިން، އެކަމަކު ޓީޗަރުންގެ އަމިއްލަ ދަރިންނަށް ދޭނެ ވަގުތެއް އެމީހުންނަކަށް ނުލިބޭ،" ސޯޝަލްމީޑިއާގައި ޓީޗަރަކު ޖަހާފައިވާ ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
އޭގެއިތުރުން ވެސް ބައެއް ޓީޗަރުން ވަނީ ސޯޝަލްމީޑީއާގައި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން މިއަހަރު ފެށުނުފަހުން ކޮންމެ ހަފުތާ ބަންދެއްގައި ކަހަލަ ގޮތަކަށް ޓީޗަރުން ވަޒީފާއަށް ނުކުންނަން ޖެހޭކަމުގެ ކަންބޮޑުވުން ބައެއް ޓީޗަރުން ފާޅުކޮށްފައިވެ އެވެ.
އެޑިއުކޭޝަނުން އިއްޔެ ނެރުނު ސާކިއުލާގައި ބުނެފައި ވަނީ "ޖުލައި 28 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސްދުވަހު ސްކޫލްތަކުގެ މަސައްކަތް ކުރަން މުދައްރިސުން ނުނެރުމަށް" އަންގާ ކަމަށާއި "ނާދިރު ހާލަތެއްގައި ހަރަކާތެއް ބާއްވަން ޖެހިއްޖނަމަ، މުދައްރިސުން އެ ހަރަކާތަކަށް ނެރެންވާނީ މި މިނިސްޓަރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހުގަ،" ކަމަށެވެ.
އެ ސާކިއުލާގެ ކޮޕީއެއް ސްކައުޓް އެސޯސިއޭޝަނާއި ކެޑޭކް ކޯގެ އިތުރުން ގާލްސް ގައިޑް އެސޯސިއޭޝަނަށް ވެސް ފޮނުވައިފަވެ އެވެ.
Comment