22 ޖުލައި 2024 - 13:41 0
ސާއިފް ޝިޔާދު
ގަވަރުނަރު އަލީ ހާޝިމް. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އޭނާ އައްޔަނުކުރީ 2019 ވަނަ އަހަރު --- ފޮޓޯ: ފައިލް
22 ޖުލައި 2024 - 13:41 0
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ ދިނުމަށް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ވޯޓުގައި އޭނާ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.
ހާޝިމް މަގާމުން ވަކިކުރަން ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ޖަވާބުދާރީވުމަށް ތިން ފުރުސަތެއް ހާޝިމަށް ކޮމިޓީގެ ފަރާތުން އެރުވި އެވެ. ނަމަވެސް, އެ ތިން ދުވަހު ވެސް އާލާސްކަންފުޅާ އުޅުއްވާތީ އޭނާ ހާޒިރުވެވަޑައިގެންފައި ނުވެ އެވެ. އޭގެ ބަދަލުގައި ދިފާއުގައި ލިޔުމުން ތަފްސީލީ ޖަވާބު ދެއްވި އެވެ.
މާލިއްޔަތު ކޮމިޓީން މި މައްސަލައިގައި ގޮތެއް ނިންމި ވޯޓުގައި އެ ކޮމިޓީގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ޑރ. އަހްމަދު ޝަމްހީދާއި އަބްދުލްގަފޫރު މޫސާ ބައިވެރިވެވަޑައިގެންފައި ނުވެ އެވެ. އެމްއެމްއޭ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމަކީ މަޖިލީހަށް ކުރެވޭ ކަމެކެވެ.
އޭނާއަށް ގަވަރުނަރުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނާ މައްސަލާގައި ކޮމިޓީއަށް ފޮނުއްވި ލިއުމުގައި، މިކަމަށް އިންކާރުކުރައްވަމުން ހާޝިމް ވިދާޅުވީ، އިގުތިސޯދީ ކާރިސާއެއް އައުމުގެ ކުރިން އެ ފަދަ ހާލަތަކުން ގައުމު ސަލާމަތްކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދު ދީ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަން އޭނާ އާއި އެމްއެމްއޭއިން ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
މި މައުލޫމާތުތައް މާލިއްޔަތު ކޮމިޓީއާ ވެސް ހިއްސާކުރައްވާފައިވާނެ ކަން ފާހަގަކުރައްވަމުން، ހާޝިމް އިތުރަށް ވިދާޅުވީ މިއަދު ބޯމަތިވެފައިވާ އިގުތިސޯދީ މުސްތަގުބަލާ މެދު އޮތް ބިރުވެރިކަމުގެ އަސްލަކީ އެމްއެމްއޭ އާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިރުޝާދާއި ލަފާ، ސަރުކާރުން އަޑުނޭހުން ކަމަށެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ ސެޕްޓެމްބަރު 8, 2019 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
Comment