22 ޖުލައި 2024 - 11:11 0
22 ޖުލައި 2024 - 11:11 0
ބާސެލޯނާ (ޖުލައި 22) - ބާސެލޯނާ އަށް ގެންނަން ބޭނުންވާ ކުޅުންތެރިން އެނގޭ ކަމަށާއި އެ ޑީލްތައް ނިންމުމުގެ މަސައްކަތް ފަރުދާގެ ފުރަގަހުގައި ބާރަށް ކުރިއަށްދާ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ފްލިކް، 59، ބާސެލޯނާއާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ މިދިޔަ ސީޒަނަށް ފަހު، ބާސެލޯނާ އިން އެ ޓީމުގެ ކޯޗަކަށް ހުރި ކުރީގެ ކެޕްޓަން، ޒަވީ ހެނާންޑޭޒް ދޫކޮށްލުމުންނެވެ.
އާ ސީޒަނަށް ޓީމުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ޓްރާންސްފާ މާކެޓް ތެރޭގައި ޓީމުތަކުން ކުރަމުން އަންނައިރު، ބާސެލޯނާ އިން މިހާތަނަށް ކުޅުންތެރިއެއްގެ ޑީލެއް ނިންމާފައިނުވެ އެވެ. އެކަމަކު، ބާސެލޯނާ އިން އަންނަނީ އެ ކްލަބުން ބޭނުންވާ ކުޅުންތެރިންނާ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.
"އަހަރެމެންނަށް ގެންނަން ޖެހޭ ކުޅުންތެރިން އެނގޭ. އަހަރެމެންނަށް ބޭނުންވަނީ މެޗު ވިން ކުރާނެ ޕްލޭޔަރުން. ދެން، މިހާރު އެބަތިބި ޒުވާން ރަނގަޅު ކުޅުންތެރިން ވެސް. އެ ކުޅުންތެރިންނަށް އެހީވާނެ ރަނގަޅު ކުޅުންތެރިން ވެސް އެބަ ބޭނުންވޭ،" ފްލިކް ބުންޏެވެ.
ކުރިން ބާސެލޯނާ އިން ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވި ގޮތާ ހިލާފަށް މަޝްހޫރު ކޮންމެ ކުޅުންތެރިއަކަށް ފާރަލުމުގެ ބަަދަލުގައި ފްލިކް ވިސްނަނީ އޭނާގެ ޕްރޮޖެކްޓަށް ބޭނުންވާ ކުޅުންތެރިޔާ ގެނައުމަށެެވެ.
ޖަރުމަނު ގައުމީ ޓީމާއި ބަޔާން މިއުނިކަށް ކުރިން ކޯޗުކޮށްދިން ފްލިކް ބުނީ، ބާސެލޯނާއާ ހަވާލުވާން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އެ ކްލަބް އެނގިފައި އޮތީ މޮޅު ފުޓްބޯޅަ ކުޅޭ ޓީމެއްގެ ގޮތުގައި ކަމަށާއި އެ މަސައްކަތް އޭނަ ވެސް ކުރަން ބޭނުންވާތީ ކަމަށެވެ.
"އެންމެނަށް ވެސް ފެނޭ ކިހިނެއްކަން ބާސެލޯނާ އިން ޒުވާން ކުޅުންތެރިން ޑިވެލޮޕް ކުރަނީ، އެންމެން އެ ވާހަކަ ދައްކާ. އެހެންވީމަ އަހަރެން ވެސް އެބަޖެހޭ ބާސެލޯނާގެ ލަ މާސިއާ އެކެޑަމީ އަށް ޝުކުރު އަދާކުރަން. އެއީ ވަރަށް ހުނަރުވެރި ކުޅުންތެރިން އެ މީހުން ސީނިއާ ޓީމަށް މި ގެނެސްދެނީ،" ފްލިކް ބުންޏެވެ.
ބާސެލޯނާއާ އެކު ޕްރީ ސީޒަން ފަށައިގެން މިހާތަނަށް ވެސް އުންމީދީ މަންޒަރުތަކެއް ފެނިފައިވާ ކަމަށާއި ޓީމަށް ދެން ބޭނުންވާ ކޮލިޓީގެ ކުޅުންތެރިން ހޯދަން ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އެންމެ ބޭނުންވާ ކުޅުންތެރިއަކީ، އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ ފޯވާޑް، ނީކޯ ވިލިއަމްސް އެވެ.
Comment