Advertisement

ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ނުދިނުން، މި ސަރުކާރުން ވެސް ކޯޓުގައި ދިފާއުކޮށްފި

22 ޖުލައި 2024 - 09:23 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ސޯލިހު ދަތުރުގެ ރަސީދު ނުދޭން ނިންމި ނިންމުން އޭޖީ އޮފީހުން ދިފާއުކޮށް ވަކާލާތުކޮށްފި


ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ނުދިނުން، މި ސަރުކާރުން ވެސް ކޯޓުގައި ދިފާއުކޮށްފި

22 ޖުލައި 2024 - 09:23 0

އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ފެންނަ ފައިސާގެ ރަސީދުތައް ނުދިނުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުން ދިފާއުކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ވަކާލާތުކޮށްފި އެވެ.

މިއީ މިހާރު ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު ހޯދަން އެދުނު މައުލޫމާތެކެވެ.

އަޒާންގެ ހުށަހެޅުމުގައި ތިން މައުލޫމާތެއް ދިނުމަށް އެދިފައިވެ އެވެ. އެއީ ދަތުރުކުރެއްވި ވަފުދުގެ ވަކިވަކި ބޭފުޅުންގެ ނަންތަކާއި ޓިކެޓަށް ކުރި ހަރަދުގެ އިތުރުން ހަރަދުގެ ޖުމުލަ އަދަދާއި އެ ހަރަދުތައް ކުރުމަށް ހިންގާފައިވާ ފައިސާގެ ރަސީދެވެ. އޭގެ ތެރެއިން ރަސީދު ފިޔަވައި އެހެން މައުލޫމާތުތައް ދޫކުރި އެވެ.

މި ހަރަދުތައް ހާމަކުރުމަށް ރައީސް އޮފީހުން އޭރު ދެކޮޅު ހަދާފައި ވަނީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވުމަކީ ވެސް މައުލޫމާތު ހާމަކުރުމުން ކުރިމަތިވުމުގެ އިހުތިމާލު އޮތްކަމެއް ކަން ފާހަގަކޮށެވެ.

ފުރަތަމަ ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތުތައް އުނިކޮށްފައި ރަސީދުތައް ދޫކުރުމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އޭރު އިސްތިއުނާފުކުރުމުން މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތް ތަމްސީލުކުރެއްވި އެޓާނީ ޖެނެރަލްގެ އޮފީހުން ވަކާލާތު ކުރެއްވީ ކުރީގެ ނިންމުން ދިފާއު ކުރައްވަމުންނެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާން ކުރަނީ "ތިންވަނަ ފަރާތެއްގެ މިލްކަކަށް ނުވާ" ދައުލަތުގެ މުއައްސަސާއެއްގައި ރައްކާކޮށްފައިވާ މައުލޫމާތެއް ދިނުމަށެވެ. އެހެންކަމުން މިހާރު އެދިފައިވާ ރަސީދުތައް ދިނުން ގާނޫނު ލާޒިމު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި, ހައި ކޯޓުގެ ނިންމުމުގައިވާ ގޮތުން ވެސް ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ އަސްލު ދޫކުރަން ޖެހޭނެ ކަމަށާއި އެޓާނީ ޖެނެރަލް އޮފީހުން އެދެނީ ހައި ކޯޓުގެ އެ ނިންމުން ބާތިލު ކޮށްދިނުމަށް ކަމަށް އެ އޮފީހުގެ ވަކީލު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.