Advertisement

ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު ކަންކުރެއްވީ ނަމެއްގައި، އިޒްރޭލް މީހުން އެބަ އެތެރެވޭ!

22 ޖުލައި 2024 - 05:45 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު ކަންކުރެއްވީ ނަމެއްގައި، އިޒްރޭލް މީހުން އެބަ އެތެރެވޭ!

22 ޖުލައި 2024 - 05:45 0

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމި ފަހުން އެ ގައުމުގެ 80 އަށް ވުރެ ގިނަ މީހުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ޖޫން 2، 2024 ގައި ނިންމީ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެންނެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން މިހާރު ހިންގަމުންދާ ގަތުލްއާންމުގައި 38,000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރަން ކެބިނެޓުން ނިންމުމަށް ފަހު އެކަން އިއުލާނު ކުރެއްވީ ހަތަރު ވަޒީރުންނާއި އެޓާނީ ޖެނެރަލް ބާއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔެފައި ވަނީ "އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމަވައިފި" ކަމަށެވެ. އަދި އެކަމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވައިލި ކަމަށެވެ.

ކެބިނެޓުގެ އެ ނިންމުމަށް ދެ މަސް ވުމަށް ގާތްވެފައިވާއިރު، ނިންމުމާ އެއްގޮތަށް އަމަލެއް ނުކޮށް، އިޒްރޭލްގެ ޕާސްޕޯޓުގައި މީހުން އެތެރެވުމުގެ ހުއްދަ ވެސް ދަނީ ދެމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ޖޫން މަހުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖޫން މަހު ރާއްޖެ އައި އިޒްރޭލް ޓޫރިސްޓުންގެ އަދަދު ހުރީ 82 ގަ އެވެ. ޖުލައި މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ރާއްޖެ އައި އިޒްރޭލު ޓޫރިސްޓުންގެ އަދަދު ސާފެއް ނޫނެވެ.

އިޒްރޭލުގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކޮށްފައިމިވަނީ، ސަރުކާރުގެ ނިންމުން ދުނިޔޭގެ ސަމާލުކަށް އައިސް، ރާއްޖެއަށް ދަތުރުނުކުރުމަށް އިޒްރޭލުގެ ސަރުކާރުންވެސް އިލްތިމާސްކޮށްފައިވަނިކޮށެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ ތަކުރާރުކޮށް ރައްޔިތުންގެ އެތައް ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ.

އެކަން ހާސިލްކުރެވޭ ގޮތަށް އިދިކޮޅު އެމްޑީޕީއިން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. ސަރުކާރުގެ މެންބަރުންގެ ވޯޓާއެކު ބަލައިގަތް އެ ބިލު ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވިޔަސް، ބިލްގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.

ސަރުކާރުގެ ނިންމުމަށް ފަހު، އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމަކީ ވިސްނައިލަން ޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުވެސް ކިޔާފަ އެވެ. އަދި ސަރުކާރުން ޕާސްޕޯޓު މަނާކުރަން ނިންމީ އެކަމުގައި އަމަލީ އެއްވެސް ސިފައެއް ޖެއްސުމުގެ ނިޔަތެއް ނެތި ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މުހިއްމު ބައެއް ހަބަރު