22 ޖުލައި 2024 - 09:14 1
ލީވާން އަލީ ނާސިރު
ބަންގްލަދޭޝްގެ މަގުތަކުގައި ސިފައިން ފޯރިމަރަނީ: ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ މަސްރަހު ވަނީ ވަރަށް ގޯސްވެފައި -- ފޮޓޯ: އޭއެފްޕީ
22 ޖުލައި 2024 - 09:14 1
ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ރިޓަޔާކޮށްފައި ތިބި ސިފައިންގެ އާއިލާތަކަށް ދޭ ވަޒީފާގެ ކޯޓާއާ ގުޅިގެން ކުރަމުންދިޔަ ބޮޑު މުޒާހަރާއާއެކު، އެ ގައުމުގެ ސުޕްރިމް ކޯޓުން އެ އަދަދު ކުޑަކުރަން އަމުރުކޮށްފި އެވެ.
ބަންގްލަދޭޝްގެ ކޮލެޖު ދަރިވަރުން އިސްނަގައިގެން އެ މުޒާހަރާތައް ފެށީ 1971 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރި އެ ގައުމުގެ އަސްކަރިއްޔާގެ މީހުންނަށް ސަރުކާރުން ދޭ 30 ޕަސަންޓުގެ ވަޒީފާގެ ކޯޓާއާ ގުޅިގެންނެވެ.
އެ މުޒާހަރާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، އެ ގައުމުގައި ކާފިއު ހިންގައި އަމަން ބެލެހެއްޓުމަށް ސިފައިން ވަނީ ނެރެފަ އެވެ.
ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އަމުރު ނެރުނީ އެ 30 ޕަސަންޓުގެ ކޯޓާ ފަސް ޕަސަންޓަށް ކުޑަކޮށް، 93 ޕަސަންޓު ކޯޓާ އާންމުންނަށް ދިނުމަށެވެ. އަދި ދެ ޕަސަންޓު ކޯޓާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭން ވަނީ ނިންމާފަ އެވެ.
ނަމަވެސް އެ އަމުރު ސަރުކާރުން ތަންފީޒުކުރާނެ ކަމަށް މިހާތަނަށް ބުނެފައެއް ނުވެ އެވެ. އެ ގައުމުގެ ބޮޑުވަޒީރު ވަނީ ހަނގުރާމަކުރި އަސްކަރިއްޔާގެ އާއިލާތަކަށް ވަޒީފާގެ ކޯޓާ ދޭން ޖެހޭ ކަމަށް ވިދާޅުވެ، އެކަން ދިފާއު ކުރައްވާފަ އެވެ.
ވަޒީފާގެ ކޯޓާ ކުޑަކުރަން ސުޕްރިމް ކޯޓުން އުމުރު ކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން މިހާރު ބުނަމުންދަނީ ލާއިންސާނީ އަމަލުތަކެއް ސަރުކާރުން އިސްވެ ފުލުހުންނާއި ބައެއް މީހުން ލައްވައި ހިންގާފައިވާ ކަމަށާއި އެކަމަށް އިންސާފު ބޭނުންވާ ކަމަށެވެ.
ބަންގްލަދޭޝްގެ މަސްރަހު ގޯސްވުމާ ގުޅިގެން އެ ގައުމުގައި މުވާސަލާތީ ހިދުމަތްތަކުގެ އިތުރުން އިންޓަނެޓުގެ ހިދުމަތް ވެސް ސަރުކާރުން ވަނީ މެދުކެނޑާލާފަ އެވެ.
Comment