Advertisement

ކުޅުންތެރިއަކު މޫނުމަތީގައި ޖަހައިގެން ކޯޗު މަގާމުން ވަކިކޮށްފި

about 4 hours 0


ކުޅުންތެރިއަކު މޫނުމަތީގައި ޖަހައިގެން ކޯޗު މަގާމުން ވަކިކޮށްފި

about 4 hours 0

ޑާކާ، ބަންގްލަދޭޝް (އޮކްޓޫބަރު 18) - ބަންގްލަދޭޝް ގައުމީ ކްރިކެޓް ޓީމުގައި ހުރި ސްރީ ލަންކާގެ ކޯޗު، ޗަންދިކާ ހަތަރުސިންގޭ، ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކުޅުންތެރިއަކު މޫނުމަތީގައި ޖަހާފައިވާ މައްސަލަ ބަލައި، މަގާމުން ވަކިކޮށްފި އެވެ.

ލަންކާގެ ކުރީގެ ކުޅުންތެރިޔާ، ޗަންދިކާ އެންމެ ފުރަަތަމަ ބަންގްލަދޭޝަށް ކޯޗުކޮށްދިނީ، 2014 އިން 2017 އަށެވެ. އޭނާ އަލުން ބަންގްލަދޭޝްގެ ކޯޗަކަށް ގެނައީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ، ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ޗަންދިކާގެ ކޯޗުކަމުގައި ބަންގްލަދޭޝް އިން މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ އަށް ވަނައިގައި ނިންމިއިރު، ޓީ20 ވޯލްޑް ކަޕްގެ ސުޕަ 8 އިން ކެޓީ އެވެ. އެކަމަކު، ޗަންދިކާ އަށް މަގާމު ގެއްލުނީ، ނަތީޖާއާ ގުޅޭ މައްސަލައެއްގައި ނޫނެވެ. އެއީ، ކުޅުންތެރިއަކު މޫނުމަތީގައި ޗަންދިކާ ޖެހި ކަމަށް މީޑިއާގައި ރިޕޯޓްކުރުމުން، ބަންގްލަދޭޝް ކްރިކެޓް ބޯޑުން މަަައްސަލަ ބަލައި ފިޔަވަޅު އެޅީ އެވެ.

ބަންގްލަދޭޝްގެ މީޑިއާ އަކުން ރިޕޯޓްކުރި ގޮތުގައި، މިދިޔަ އަހަރު އިންޑިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގެ ތެރެއިން، ޗަންދިކާ އާއި ކުޅުންތެރިއެއްގެ ދެމެދު ހިނގި ދެބަސްވުމެއްގައި، ޗަންދިކާ ވަނީ ކުޅުންތެރިޔާ މޫނުމަތީގައި ޖަހައިފަ އެވެ.

އެ މައްސަލައިގައި، ޗަންދިކާ އަށް ބަންގްލަދޭޝް ކްރިކެޓް ބޯޑުން ޖަވާބުދާރީވާން ދިން ފުރުސަތުގައި އޭނާ އަށް ކަން ހިނގާދިޔަގޮތް ކިޔައިދިނުމުގައި، އަމިއްލަ ދިފާއުގައި އެކަށީގެންވާ ސަބަބުތަކެއް ހާމަކޮށްނުދެވުމުން، އޭނާގެ ކޮންޓްރެކްޓް އުވާލީ އެވެ.

ބަންގްލަދޭޝް ކްރިކެޓް ބޯޑުގެ ރައީސް ފާރޫގު އަހުމަދު ވިދާޅުވީ، ދެބަސްވުމެއް ހިނގި ނަމަވެސް ކުޅުންތެރިއަކު ގައިގައި ޖެހުން ބަލައިގަންނަން އުނދަަގޫ ކަމަށެވެ.

ވެސްޓް އިންޑީސްގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗުކަން ވެސް ކުރި ފިލް ސިމޮންސް ވަނީ އަންނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީއާ ހަމައަށް އިންޓަރިމް ކޯޗެއްގެ ގޮތުގައި ބަންގްލަދޭޝްއާ ހަވާލުވާން ނިންމައިފަ އެވެ.