Advertisement

އާގުބޯޓު ދަތުރުތަކަށް ބުރޫ އަރައި، ރާއްޖެ އަށް މުދާ ގެނައުމުގައި ބޮޑެތި ލަސްތަކެއް

21 ޖުލައި 2024 - 14:49 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ކޮލަމްބޯ ވިޔަފާރި ބަނދަރު: ލަންކާގައި ޓްރާންޝިޕްކުރާ ކުރާ ބޯޓު ފަހަރު ވަނީ ދެގުނަ އިތުރުވެފައި -- ފައިލް ފޮޓޯ


އާގުބޯޓު ދަތުރުތަކަށް ބުރޫ އަރައި، ރާއްޖެ އަށް މުދާ ގެނައުމުގައި ބޮޑެތި ލަސްތަކެއް

21 ޖުލައި 2024 - 14:49 0

އާގުބޯޓު ފަހަރުގެ ބައިނަލް އަގުވާމީ ދަތުރުތަކަށް ބުރޫއަރައި، ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި މުދާ މަޑުޖެހުމުންނާއި، ދެ ބޯޓަކަށް މައްސަލަ ދިމާވުމާއި ގުޅިގެން ރާއްޖެ އަށް ކަނޑުމަގުން މުދާ ގެނައުމުގައި ބޮޑެތި ލަސްތަކެއް ވަމުންދާ ކަމަށް، ވިޔަފާރިވެރިންނާއި ބައެއް ޝިޕިން އެޖެންޓުން ބުނެފި އެވެ.

އާންމު މުދާ ވިއްކާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ލިލީ ޝިފިން އެންޑް ޓްރޭޑިންގެ ވެރިޔާ މައްލާ އަހުމަދު ނާސިރު ވިދާޅުވީ، އާގުބޯޓު ފަހަރުގެ ދަތުރުތަކަށް އައި ބަދަލާއި ގުޅިގެން ކޮލަންބޯގެ އިތުރުން ސިންގަޕޫރު ބަނދަރުގައި ވެސް މުދާ ލަސްވުމުގެ މައްސަލަ ދިމާވެފައިވާ ކަމަށާއި އަދި ރާއްޖެ އާއި ލަންކާ އާއި ދެމެދު މުދާ ގެނައުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށެވެ.

"ކޮލަމްބޯގަ ވެސް ސިންގަޕޫރުގައި ވެސް އެކި ގައުމުތަކަށް ދާންޖެހޭ މުދާ ތާށިވެގެން މިއުޅެނީ، އޭގެ އިތުރުން ސިޕިން ރޫޓަށް އައި ބަދަލާއި ގުޅިގެން ފްރައިޓް ވެސް ވަރަށް ބޮޑުތަން ބޮޑުވެއްޖެ،" ނާސިރު ވިދާޅުވި އެވެ.

ފުޅާދާއިރާ އެއްގައި ލޮޖިސްޓިކްސްގެ ހިދުމަތްދޭ، އާގުބޯޓު ފަހަރުގެ އެޖެންޓްކަންކުރާ ސެންޗޫރިއަން ޕަބްލިކް ލިމިޓެޑްގެ ޗެއާމަން ކެޕްޓަން އަހުމަދު މައުމޫނު ވިދާޅުވީ އާގުބޯޓު ފަހަރުގެ ދަތުރުތަކަށް އައި ބަދަލާއި ގުޅިގެންނާއި އަދި ރާއްޖެ އަށް ލަންކާ އިން މުދާ އުފުލާ ކޮންޓޭނާ ބޯޓަކަށް މައްސަލަ ދިމާވެ ނުފުރި، މަހެއްހާ ދުވަސް ލަސްވުމާއި ގުޅިގެން ވެސް ލަންކާ އިން މުދާ ގެނައުމުގައި ވަރަށް ބޮޑެތި ލަސްތަކެއް ދިމާވެފައިވާ ކަމަށެވެ.

"މުދާ ގެނައުމުގައި ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑަށް އެބަ ދިމާވޭ، އެހެންވީމަ، ލިބޭ ޖާގައަށް ޕެރިޝަބަލް އެކަނި މި ގެނެވެނީ،" މާއުމޫން ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި އިމްޕޯޓު މުދާ ވިއްކާ އެހެން ވިޔަފާރިވެރިއަކު ބުނީ މޯލްޑިވްސް ސްޓޭޓް ސިޕިން (އެމްއެސްއެސް)ގެ ބޯޓެއްގެ ކެރޭނު ހަލާކުވެ ނުފުރި ގިނަ ދުވަސް ވުމުގެ ސަބަބުން ވެސް ލަންކާ އިން މާލެ އަށް މުދާ ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ސިޕިން (އެމްއެސްއެސް) ގެ މޭނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވީ އާގުބޯޓު ފަހަރުގެ ދަތުރުތަކަށް އައި ބަދަލާއި ގުޅިގެން ބަނދަރުނތަކުގައި މުދާ ތާށިވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް މުދާ އުފުލުމުގެ ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ އެއްވެސް ބޯޓަކަށް މައްސަލައެއް ދިމާވެގެން މުދާ ގެނައުން ލަސްވެފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލަންކާ އާއި ރާއްޖެ އާ ދެމެދު އެ ކުންފުނީގެ އެމްއެސްއެސް ގަލޭނާ (680 ޓީއީޔޫ) އާއި އެމްވީ ބެރިއާ (1،104 ޓީއީޔޫ) ކޮންމެ 10 ދުވަހަކު ދަތުރެއް ކުރުމަށް ޝެޑިއުލް ކޮށްފައިވެ އެވެ.

"އެފަދަ ދަތިތަކެއް އެބަހުރި، ނަމަވެސް އަޅުގަނޑުމެންގެ ބޯޓުތައް ހަމަ ޝެޑިއުލަށް އެބަ ދަތުރުކުރޭ، އެއްވެސް ބޯޓަކަށް މައްސަލައެއް ދިމާވެގެން އުޅޭކަމެއް ރިޕޯޓް ކޮށްފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މެލޭޝިޔާ އާއި ސިންފަޕޫރުން ލަންކާ އާ ހަމަށް މުދާ އުފުލުމަށް ވެސް 500 ކޮންޓޭނާ އުފުލޭ ބޯޓެއްގެ ދަތުރުތައް އެ ކުންފުނިން މިމަހު ފަށާފައިވާ ކަމަށެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ނުރައްކާ އާގުބޯޓު ތަކަށް

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޔަމަނުގެ ހޫތީ ހަނގުރާމަ ވެރިން ދަނީ، ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓު ފަހަރަށް ނުރައްކާ ކުރަމުންމެވެ. ބައިނަލް އަގުވާމީ ކަނޑުދަތުރުތަކުގެ 12 ޕަސެންޓް އުޅަނގު އެމަގުން ދަތުރުކުރެ އެވެ.

ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މަގުގައި ހޫތީންގެ ނުރައްކާ ބޮޑުމުން، ގިނަ ސިޕިން ކުންފުނިތަކުން ހުޅަނގާއި އިރުމައްޗާ ދެމެދު މިހާރު ދަތުރުކުރަނީ އެޕްރިކާ ވަށައިލައިފަ އެވެ. ދަތުރު ދިގުވުމުން އިތުރު 10 ދުވަސް ހޭދަވާއިރު، މުދާ ޓްރާންޝިޕް ކުރަން އެންމެ ރަނގަޅު ސަހަރައްދުގައި އޮތީ ލަންކާ ބަނދަރެވެ. އެހެންކަމުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ލަންކާގެ ވިޔަފާރި ބަނދަރަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެ އެވެ. އެކި ގައުމުތަކުން ރާއްޖެ އަށް އަންނަ ކޮންޓޭނާ މުދާ ވެސް އަންނަނީ ލަންކާގައި މަޑުކޮށްފައި މާލެ އާއި ލަންކާ އާ ދެމެދު ދަތުރުކުރާ ބޯޓަކަށް އަރުވައިގެންނެވެ.

ސްރީލަންކަން ޕޯޓް އޮތޯރިޓީ (އެސްއެލްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ފުރަތަމަ ތިން މަސް ދުވަހު ލަންކާގައި ޓްރާންޝިޕްކުރި މުދަލުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ދެގުނަ އިތުރުވެފައިވެ އެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން، މިދިޔަ ހޯމް ދުވަހު ވެސް ދެ ޓޭންކަރަކަށް މިސައިލާ ޑްރޯން އިން ހަމަލަ ދީފައިވެ އެވެ.