Advertisement

އެމްއެސްއެސް އިން އައްޑޫ އާއި މަލެއާ ދޭތެރޭ ކޮންޓެއިނާ ފެރީ ހިދުމަތް ފަށަނީ

10 އޮގަސްޓު 2023 - 18:50 0

އަމަން ހަލީމް

އަމަން ހަލީމް

އައްޑޫއަށް ކޮންޓެއިނަރު އުފުލާ އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން: މިއީ އެމްއެސްއެސް އިން ގަތް ފަސްވަނަ ބޯޓު --- ފޮޓޯ/އެމްއެސްއެސް


އެމްއެސްއެސް އިން އައްޑޫ އާއި މަލެއާ ދޭތެރޭ ކޮންޓެއިނާ ފެރީ ހިދުމަތް ފަށަނީ

10 އޮގަސްޓު 2023 - 18:50 0

ބޭރުގެ ބަނދަރުތަކުން ގެންނަ މުދާ ސީދާ އައްޑޫއަށް ގެންދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ކޮންޓެއިނަރު އުފުލާ ބޯޓެއް ގަތުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެސްއެސް އޯޕަލްގެ ނަން ދީފައިވާ މި ބޯޓަކީ 20 ރީފާ (ގަނޑުކުރި މުދާ އުފުލާ) ކޮންޓެއިނަރު ހިމެނޭހެން ޖުމްލަ 105 ކޮންޓެއިނަރު އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެކެވެ. އޭގެ އިތުރުން ސިމެންތި އާއި ވެލި ފަދަ ސާމާނު އުފުލަން ދެ ފަލްކާ ވެސް ހުރެ އެވެ.

ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެމްއެސްއެސް އިން ބުނި ގޮތުގައި މި ބޯޓުގެ އޮޕަރޭޝަންތައް ފެށުމުން ބައިނަލްއަގުވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށް ފަހުގައި އާއި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދެވޭނެ އެވެ.

މީގެ ކުރިން ވެސް އެމްއެސްއެސް އިން ވަނީ 'ބޮންތި' ނަމަކަށް ކިޔާ ބޯޓެއްގައި މާލެއިން އައްޑޫއަށް މުދާ އުފުލާފަ އެވެ. މި ދަތުރުތަކަށް ވިޔަފާރިވެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން އޭރު ބުނެފައި ވާއިރު، އިންޑިއާ ސަރުކާރުގެ އެހީގައި ލިބުނު އެ ބޯޓު ގެނައި މުއްދަތު ހަމަވުމުން އެ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ.

އެމްއެސްއެސް އޯޕަލް ގަންނަން ސޮއިކުރި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ އަބްދުﷲ ސައީދު (ވ) އަދި އެމްއެސްއެސްގެ އެމްޑީ މުހައްމަދު ނާޒިމް (ކ)


އެއްބަސްވުމުގައި ސޮއި ކުރަން ރަސްމިއްޔާތުގައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ، މިފަހަރު މި ގެނައި ބޯޓަކީ ބޮންތީގައި މުދާ އުފުލުއިރު ދަސްވީ ކަންކަމުން ފިލާވަޅު ލިބިގެން ގެނައި ބޯޓެއް ކަމަށެވެ. އެގޮތުން މިފަހަރު ގެނައި ބޯޓަކީ ރާއްޖޭގެ ބަނދަރުތަކުގެ ހާލަތާ ބައްދަލު، ލަފާފުރަން ފަސޭހަ ބޯޓެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"[ރާއްޖޭގެ ބަނދަރުތަކުގައި] އާންމުކޮށް ނުހުރޭ ކެރޭނެއް. މި ބޯޓުގައި ހުންނާނެ މުދާ އަރުވާ ބާލަން ކެރޭނެއް" އޯޕަލްގެ ސަބަބުން ލިބިގެންދާނެ ފަސޭހަތައް ކިޔައިދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

އެމްއެސްއެސް އިން މި ދަތުރުތައް ފަށަން ނިންމީ، އައްޑޫ އާއި މާލެއާ ދޭތެރޭ މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމުގެ މަގުސަދުގަ އެވެ. އެ ކުންފުނީގެ އުއްމީދަކީ ގަވާއިދުން މުދާ އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އައުމުން، ބާޒާރުގައި މި ހިދުމަތުގެ އަގު އުފުލުން ހިފެހެއްޓިގެންދިޔުމެވެ.

އެމްއެސްއެސް އޯޕަލްއިން މާލެ، ހިތަދޫ، ކޫއްޑޫ، މާލެ ރޫޓުން ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާނެ އެވެ. އެމްއެސްއެސް އިން ބުނީ ބޯޓު ގެނެވުނުހާ އަވަހަކަށް ބުކިންއަށް ހުޅުވާލާނެ ކަމަށާއި އެއާ އެކީ ކޮންޓެއިނަރު އުފުލައިދޭ އަގުތައް ވެސް އާންމުކުރާނެ ކަމަށެވެ.

މިއީ އެމްއެސްއެސް އިން ގެންނަ ފަސްވަނަ ބޯޓެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ އެހެން ހަތަރު ބޯޓެއް ބޭނުންކޮށްގެން ލަންކާގެ ކޮލޮމްބޯ އާއި އިންޑީއާގެ ޓުޓިކޮރިންގެ އިތުރުން ޔޫއޭއީގެ ދުބާއީއަށް ދަތުރުތައް ކުރަމުންނެވެ.