Advertisement

ޕޮލިސް ކޮލެޖް ގައި ކާނާ ވިހަވެގެން ސީރިއަސްވި ދަރިވަރުގެ ހާލު އަންނަނީ ރަނގަޅުވަމުން: ފުލުހުން

21 ޖުލައި 2024 - 10:20 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އައްޑޫ ޕޮލިސް ކޮލެޖުގެ ދަރިވަރުން ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދިޔަ ވަގުތު -- ފޮޓޯ: ކިޔުންތެރިއެއް


ޕޮލިސް ކޮލެޖް ގައި ކާނާ ވިހަވެގެން ސީރިއަސްވި ދަރިވަރުގެ ހާލު އަންނަނީ ރަނގަޅުވަމުން: ފުލުހުން

21 ޖުލައި 2024 - 10:20 0

ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދިޔަ އައްޑޫ ޕޮލިސް ކޮލެޖުގެ ދަރިވަރުންގެ ތެރެއިން ހާލު ސީރިއަސްވި ދަރިވަރުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންދިޔަ ދަރިވަރު މިހާރު ވާޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އެ ދަރިވަރު މިހާރު ވަނީ ވާޑަށް ބަދަލު ކުރެވިފައި، މިއަދު ހޮސްޕިޓަލުން ދޫކޮށްލުން ވެސް އެކަށީގެންވޭ،" ޝިފާން ވިދާޅުވި އެވެ.

ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވި ސީދާ ސަބަބެއް އަދިވެސް ދެނެގަނެވިފައެއް ނުވެ އެވެ. ޝިފާން ވިދާޅުވީ އެ ދަރިވަރުންގެ "ލެބު ރިޕޯޓުތައް އަދި ނުލިބޭ،" ކަމަށެވެ.

ސީދާ ސަބަބު ދެނެގަނެވިފައި ނުވި ނަމަވެސް އެ ދަރިވަރުން ކާނާ ވިހަވީ އެމީހުން ކެއި މަހެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން "އަދަދު" އަށް ކުރިން މައުލޫމާތު ދީފައި ވެ އެވެ.

ކާނާ ވިހަވެގެން އައްޑޫ ޕޮލިސް ކޮލެޖުގެ 32 ދަރިވަރަކު މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެމީހުންގެ ތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދިނެވެ.

އެންމެ ދަރިވަރަކު ފިޔަވައި ހުރިހާ ދަރިވަރުން ވެސް ފަރުވާ ދިނުމަށްފަހު ޖެހިގެން އައި ދުވަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.