Advertisement

އާރަށް ކައިރިން އެން ދަމަން އުޅުނު ބަޔަކަށް ކޯސްޓުގާޑުން ހުރަސްއަޅައިފި

20 ޖުލައި 2024 - 15:37 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އާރަށް ކައިރިން އެން ދަމަން އުޅުނު ދޯންޏަށް ކޯސްޓުގާޑުން ހުރަސްއެޅި މަންޒަރު -- ފޮޓޯ: ބީކޭއެމްޔޫ


އާރަށް ކައިރިން އެން ދަމަން އުޅުނު ބަޔަކަށް ކޯސްޓުގާޑުން ހުރަސްއަޅައިފި

20 ޖުލައި 2024 - 15:37 1

މާލެ އަތޮޅު އާރަށް ކައިރީގައި އޮންނަ ތިލަޔަކުން އެން ދަމަން އުޅުނު ބަޔަކަށް ކޯސްޓުގާޑުން ހުރަސް އަޅައި، އެމީހުން ފޮނުވާލައިފި އެވެ.

ކޯސްޓުގާޑުން ހުރަސް އަޅާފައި ވަނީ މަސްކުރި ކިޔާ ދޯންޏެއްގެ މަސްވެރިންނަށެވެ. އެ ދޯނީގެ ކެޔޮޅު މުހައްމަދު މުސްތަފާ "އަދަދު"އަށް ބުނީ ހުރަސް އެޅީ އާރަށު ތިލައިން އެން ދަމަން އުޅެނިކޮށް ކަމަށެވެ

ކ.އާރަށަކީ ރައީސުލްޖުމްހޫރިއްޔާ ޗުއްޓީ ހޭދަ ކުރެއްވުމަށް ރަސްމީކޮށް ހަމަޖައްސާފައި އޮންނަ ރަށެކެވެ. އެ ރަށް ބަލަހައްޓަނީ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިންނެވެ. ހާއްސަ ހުއްދައެއް ލިބިގެން ނޫނީ އެ ރަށަށް އަރައިފޭބުމަކީ މަނާ ކަމެކެވެ.

މަސްކުރި ދޯނީގެ ކެޔޮޅު ބުނީ އެ ތިލަޔަކީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ވެސް މަސްވެރިން އެން ދަމަމުން އަންނަ ތިލައެއް ކަމަށާއި މިއަދު އެކަން "ކުއްލިއަކަށް މަނާވީ ކީއްވެ ކަމެއް ނޭނގޭ،" ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް ހަމަ އެ ތިލައަށް މީހުން ކައިރި ކުރާނެ، މީގެ ހަތަރު ދުވަސް ކުރިން ވެސް އެތަނުން އެން ދެމިން، މިދިޔަ ހަފުތާގައި ވެސް އެން ދެމިން އެތަނުން، މަނައެއް ނުކުރޭ،" މުސްތަފާ ބުންޏެވެ.

ނަމަވެސް މިއަދު އެން ދަމަން އެތަނަށް ކައިރި ކޮށްލުމާއެކު ސިފައިން އައިސް "މިއީ އެން ދެމުން މަނާ ތަނެކޭ،" ބުނެ އެތަނުން ދޯނި ނަގަން އެންގި ކަމަށް މުސްތަފާ ބުންޏެވެ.

"އަޅުގަނޑު ބުނިން ރައީސް އޮފީސް ދޮރުމަތިންނެއް ނޫނޭ އެން މި ދަމަނީ، މިތަނުގައި ބޯޑެއް ޖަހާފައި ބައިންދާށޭ މަނާ ކަމެއްވިއްޔާ، ގަރުދިޔައާ ބަތާ ކާން ބުންޏަސް ނުކެވޭނެޔޭ، މަސް ބާނައިގެންނޭ ގަރުދިޔަ ކެއްކޭނީ،" މުސްތަފާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮޑު ކަންނެލި ޔޫނިއަނުގެ ރައީސް ހުސެއިން ނަޝީދު ވެސް ވިދާޅުވީ އާރަށު ތިލަޔަކީ މަސްވެރިން އާންމުކޮށް އެން ދަމާ ތިލަޔެއް ކަމަށާއި މީގެ ކުރިން އެ ތިލައިން އެން ދަމައިގެން މައްސަލައެއް ދިމާވިކަން އެނގިފައި ނުވާ ކަމަށެވެ.

"ނާސިރު ދައުރުން ފެށިގެން މަސްވެރިން އެން ދަމަމުން އަންނަ ތަނެއް އެއީ، މިއަދު ރައީސް އާރަށަށް ވަޑައިގެން އުޅުއްވާތީ ކަމަށް ބެލެވެނީ އެތަނުން އެން ދެމުން މަނާކުރީ، ވަރަށް ގިނަ މަސްވެރިންނާ ވާހަކަދައްކާލިން އެކަމާ ބެހޭގޮތުން، ހުރިހާ އެންމެން ވެސް ބުނަނީ އަބަދުވެސް އެންވެރިކަން ކުރާ ތިލައެއް ކަމަށް އެއީ،" ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ބުނީ "އާރަށް ކައިރިއަށް މޫދަށް ފައިބައިގެން އުޅުނު ދޯންޏެއްގެ ބަޔަކަށް އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެނގިފައިވޭ،" ކަމަށެވެ. އަދި "އާރަށާ މާކައިރިއަށް އެއްވެސް އުޅަނދެއް ކައިރި ކުރުމަކީ މަނާ ކަމެއް،" ކަމަށާއި "މާކައިރި ކޮށްފި އާންމު އުސޫލުގެ ދަށުން ފޮނުވައިލާނެ،" ކަމަށް ވެސް އޮފިޝަލް ބުންޏެވެ.