Advertisement

ދެ ދުވަސް ފަހުން މުލީގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

19 ޖުލައި 2024 - 14:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މ. މުލި: މުލީގައި ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ދެ ދުވަސް ފަހުން މުލީގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

19 ޖުލައި 2024 - 14:35 0

މ. މުލީގެ މުޅި ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުތާ ދެ ދުވަސް ފަހުން ކަރަންޓުގެ މައްސަލަ ހައްލުކޮށްފި އެވެ.

މުޅިން ކަރަންޓު ކެނޑުނީ މިދިޔަ ބުދަ ދުވަހު ހެނދުނެވެ. އޭގެ ކުރިން ވެސް ބައެއް ސަރަހައްދުތަކަށް ވަކި ވަގުތުތަކެއްގައި ކަރަންޓު ކަނޑަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މުލި ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރޭ ދަންވަރު ތިނެއް ޖަހާކަށް ހާއިރު އާ ޖެނެރޭޓަރު ސެޓެއް އިންސްޓޯލްކޮށް ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

"ވަރަށް ކުރީގެ ދެ ޖެންސެޓެއް އިންސްޓޯލްކޮށްގެން ހިންގަމުން ދަނިކޮށް ލޯޑު ބޮޑުވެގެން ކަރަންޓު ކެނޑުނީ، ދެން ފުރަތަމަ މަސައްކަތް ކުރީ އެ ދެ ޖެންސެޓު މަރާމާތު ކުރެވޭ، އެ ކަން ނުވެގެން، ކުރިން ވެސް މި ތަނުގައި އޮތް އާ ޖެންސެޓެއް، އޭތި އިންސްޓޯލްކޮށް އެ ނިމުނީ ރޭގަ،" އޭނާ ތަފްސީލްކޮށްދެއްވި އެވެ.

އެ ރަށަށް ކަރަންޓުގެ ހިދުމަތް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވެސް "އަދަދު" އަށް ވިދާޅުވެފައިވަނީ ކަރަންޓު ދިޔައީ ޖަނަރޭޓަރު ސެޓަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މުލިން ވާހަކަ ދެއްކި މީހަކު ބުނީ ބައެއް ފިހާރަތައް ހުރީ ބަންދުކޮށްފައި ކަމަށާއި، އަދި ހޫނުގަދަވެގެން ރޭ ބައެއް މީހުން ނިދީ މަގުމަތީގައި ކަމަށެވެ.

"ބައެއް ފިހާރަތަކުގެ ވެރިން ތިބީ ވެސް ފިހާރަތަކުގެ ދޮރުމަތީގައި ގޮދަޑި އަޅައިގެން ނިދަން،"

މުލީގެ އާބާދީއަކީ 1014 އެވެ. އެއީ 520 ފިރިހެނުންނާއި 492 އަންހެނުންނެވެ. އަތޮޅު ހޮސްޕިޓަލް އެ ރަށުގައި ހިންގަމުން އަންނައިރު، މިހާރު ވަނީ އެއާޕޯޓެއް ވެސް ތަރައްގީކޮށް، ރަށުގެ އިގުތިސޯދު ފުޅާކޮށްފަ އެވެ.