Advertisement

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު، ދައުލަތާ ދެކޮޅަށް ކުންފުންޏަކަށް ވަކާލާތުކުރާ މައްސަލައެއް ފެންމަތިވެއްޖެ

18 ޖުލައި 2024 - 21:59 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު، ދައުލަތާ ދެކޮޅަށް ކުންފުންޏަކަށް ވަކާލާތުކުރާ މައްސަލައެއް ފެންމަތިވެއްޖެ

18 ޖުލައި 2024 - 21:59 0

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު، އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ކުންފުންޏަކާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައެއްގައި އެ ކުންފުނި ތަމްސީލްކުރާ ގާނޫނީ ވަކީލެއްގެ ގޮތުގައި ބައިވެރިވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އެ އަޑުއެހުމުގައި މީރާގެ ވަކީލުން ވިދާޅުވީ މީރާ ތަމްސީލްކުރައްވަނީ ދައުލަތް ކަމަށާއި ދައުލަތާ ދެކޮޅަށް ދައުލަތުގެ މިނިސްޓަރަކަށް ވަކާލާތު ކުރެވިގެން ނުވާނެ ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގައި ކަމަށާއި އެއީ ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އޮންނަ މިނިސްޓްރީއަށް ވާތީވެ އެ މިނިސްޓްރީގެ ނައިބަކު ދައުލަތާ ދެކޮޅަށް އަމިއްލަ ކުންފުންޏެއް ތަމްސީލް ކުރުމަކީ މަސްލަހަތު ފުށު އަރާ ކަމެއް ކަމަށް މީރާގެ ވަކީލު ވިދާޅުވި އެވެ.

މީރާގެ އެ ވާހަކަތަކާ ގުޅިގެން, ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް އޮންނަ މުނައްވަރު ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި މީރާގެ މަސައްކަތެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގައި ވެސް މީރާއާ ގުޅުން ހުރި މަސައްކަތެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެ މިނިސްޓްރީގައި އެފަދަ މަސައްކަތެއް ނެތް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

"ފުށުއެރުމެއް އަރާ ފަދަ ސަބަބެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަދި އެފަދަ ކަމެއް މީރާގެ ފަރާތުން ވެސް ފާހަގައެއް ނުކުރައްވާ، އެފަދަ ކަމެއް ޝަރީއަތުން ފާހަގަކޮށްފިނަމަ އަޅުގަނޑު މައްސަލައިން ތަނާޒުލް ވާނަން،" އޭނާ ވިދާޅުވި އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައި އެ ކަން މަނާވާ އެއްވެސް ކަމެއް އެބަ އޮތްތޯ ވެސް ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި މީރާގެ ވަކީލުން ވިދާޅުވީ އެފަދަ ކަމެއް ގާނޫނުގައި ސީދާ މަނާކޮށްފައި ނެތް ނަމަވެސް މިއީ މަސްލަހަތު ފުށުއަރާ ކަމެއް ގޮތަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ކަމުގައި ފަނޑިޔާރުން ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގަތެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީއު, ފަނޑިޔާރު ހުސައިން މަޒީދު, ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

މިއަދު އަޑުއެހުމުގައި ފަނޑިޔާރުން ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވުމަށް ފަހު ވެސް އެ މައްސަލާގައި ވަކި ގޮތެއް ނުނިންމަވަ އެވެ. ފަނޑިޔާރުން އަޑުއެހުން ނިންމަވައިލެއްވީ ދެން އޮންނަ އަޑުއެހުމަކަށް ގޮތެއް ނިންމަވައި އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.