Advertisement

ޕާޓީ އުވާލާތީ އެކަމާ ދެކޮޅަށް ތެދުވެ، ޕީޕީއެމް މެންބަރުން އިހުތިޖާޖު ކުރަން ޔާމީން ގޮވާލައިފި

about 10 hours 0

ކުރީގެ ރައީސް ޔާމީން: ވިދާޅުވީ ގައުމު ދެކެ ލޯބިވަންޏާ ޕީޕީއެމް އުވާލުމާ ދެކޮޅަސް ތެދުވަންޖެހޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ޕާޓީ އުވާލާތީ އެކަމާ ދެކޮޅަށް ތެދުވެ، ޕީޕީއެމް މެންބަރުން އިހުތިޖާޖު ކުރަން ޔާމީން ގޮވާލައިފި

about 10 hours 0

ދިވެހިރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު ޕާޓީ، ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް އުވާލަން މަސައްކަތް ކުރާތީ އެކަމާ ދެކޮޅަށް ތެދުވެ ޕާޓީ މެންބަރުން އިހުތިޖާޖު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

ޔާމީން ކުރިން ލީޑު ކުރެއްވި ޕީޕީއެމް އުވާލަން ސަރުކާރަށް ނިސްބަތްވާ އެ ޕާޓީގެ އަދި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން މަސައްކަތް ކުރަމުންދާތީ ޔާމީން ވިދާޅުވީ، ގައުމު ދެކެ ލޯބިވަންޏާ ޕީޕީއެމް އުވާލުމާ ދެކޮޅަށް މެންބަރުން ތެދުވަންޖެހޭ ކަމަށެވެ.

"ޕީޕީއެމްގެ އާންމު މެންބަރުން އެބަ ވިސްނަންޖެހޭ. މިއަދު މިއީ އެމީހުންގެ މިސްރާބު ބަދަލު ކުރަންޖެހޭ ދުވަސް. ގައުމު ދެކެ ލޯބިވަންޏާ، އަޅުވެތިކަމުން ސަލާމަތް ކުރަންޏާ، އިސްތިގްލާލާއި ފުރިހަމަ ސިޔާދަތު ދިވެހިރާއްޖެއަށް އޮންނަން ބޭނުން ކަމަށް ވަންޏާ. މިހާރު މި ތިބި މީހުންނާއެކީ ދިވެހިރާއްޖެއަކަށް [ކުރިއަކަށް] ނުދެވޭނެ،" ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމް އުވާލަން މަސައްކަތް ކުރާ ކަމުގެ އަޑުފެތުރިފައި ވަނިކޮށް މިއަދު ބޭއްވި އެ ޕާޓީގެ ބައްދަލުވުމުގައި ވަނީ ޕާޓީ ފަސޭހައިން އުވާލަން މަގުފަހިވާ ގޮތަށް އަސާސީ ގަވާއިދު އިސްލާހުކޮށްފަ އެވެ. ކުރިން އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައި އޮތީ ޕާޓީ އުވާލެވޭނީ މާލީ ގޮތުން ދަތިވެ، ޕާޓީ ހިންގަން އުނދަގޫވެއްޖެ ނަމަ ކަމަށެވެ. އެކަމަކު މިއަދު ގެނައި ބަދަލަށްފަހު ސެނެޓުން ފާސްކޮށްގެން ޕާޓީ އުވާލެވިދާނެ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ހާރިޖީ މިނިވަންކަމެއް ނެތް ކަމަށާއި ހަދަނީ އިންޑިއާއިން ބުނާހާ ގޮތެއް ކަމަށެވެ.

"ވަށައިގެން އޮންނަނީ އިންޑިއާ ކަނޑު ކަމަށް ވާތީ މި މީހުންނަކަށް ނޭނގޭނެ ފަތާކަށް އެކަނޑަކު،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއިރު އޮތް ދިވެހި ރައްޔިތުންގެ ޕާޓީ ދެ ބައިވެ އެ ޕާޓީން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބާކީވުމުންނެވެ. ފަހުން ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ޔާމީން ޕާޓީގެ ކޮންޓްރޯލް ހޯއްދެވި އެވެ.

ޕީއެންސީ އުފެއްދީ ޔާމީންގެ ބެލުމުގެ ދަށުންނެވެ. އެ ޕާޓީ އުފައްދަންޖެހުނީ، ޕީޕީއެމްގެ މައްސަލަތަކެއް މައުމޫންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ޕީޕީއެމްގެ ކޮންޓްރޯލް ޔާމީނަށް ގެއްލިދާނެތީ އެވެ.

މި ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ފަހުން، ޕީޕީއެމްގެ ނަމުގައި މަޖިލީހުގެ އިންތިހާބަށް ވާދަ ކުރުމުގެ ފުރުސަތު ވެސް ޕީއެންސީން ނުދިނެވެ.