17 ޖުލައި 2024 - 01:48 0
އަހުމަދު އާއިދު
17 ޖުލައި 2024 - 01:48 0
ކުރީގެ ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދު މަގާމުން ވަކިކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ލަފާ ދިން ކަމަށް ފެތުރޭ ވާހަކައަކީ ދޮގެއްކަން ކަށަވަރުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ކުރިން ތިއްބެވި މެންބަރުން ވަކިކުރީ ސައީދު މަގާމުން ވަކިކުރަން އޭރުގެ ރައީސަށް ލަފާ ދެއްވުމުން ކަމަށެވެ.
"ދެން އެގޮތަށް އެންގީ މި ކޮމިޝަނުން [މިހާރު ތިބި އޭސީސީ މެންބަރުން] ނޫން ކަމަށް ވަނީ. އޭގެ ކުރިން ތިއްބެވި ފަސް މެމްބަރުން ކަމަށް، ދެން އެ ފަސް ބޭފުޅުން ވަކިކުރީ ދެއްތޯ؟ ސައީދެއް ނޫން ވަކިކުރީކީ އެ ފަސް ބޭފުޅުން ވަކިކުރީ." ނާޒިމް ވިދާޅުވި އެވެ
ރައީސް ސޯލިހުގެ ވެރިކަމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ މަގާމުގައި ހުންނެވި މުހައްމަދު ހިސާން އަލީ ފަހުމީ "އަދަދު" ނޫހަށް ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސައީދު ވަކިކުރަން އޭސީސީން އެއްވެސް ލަފައެއް ދީފައި ނުވާ ކަމަށެވެ.
"އެފަދަ އެއްވެސް ލަފައެއް، ލިއުމުން ވެސް އަނގަބަހުން ވެސް ދީފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރު ޑިސެމްބަރު މަހު އޭސީސީގައި އޭރު ތިއްބެވި މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ، އެ ކޮމިޝަންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ.
އޭރު އޮތް ކޮމިޝަނުން ވެސް ފެނަކައިގެ މައްސަލަތައް ބަލަމުން ދިޔަ އެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ރައީސް ސޯލިހަށް ރިޕޯޓެއް ފޮނުވި އެވެ.
ނަމަވެސް ސައީދު މަގާމުން ވަކިކުރަން ރިޕޯޓުގައި ބަޔާންކޮށްފައި ނުޥާނެ ކަމަށް އޭސީސީގެ އޭރުގެ މެންބަރަކު އަދަދު ނޫހަށް ވިދާޅުވި އެވެ.
ހިޔާނާތާއި ފަސާދައިގެ އަމަލެއް ނުހިނގާނެ: ފެނަކަ
ހިޔާނާތާއި ފަސާދައިގެ އަމަލެއް ނުހިނގާނެ: ފެނަކަ
ފެނަކައިގެ މައްސަލަތައް ބަލަމުން ދިޔަ ނަމަވެސް، އޭސީސީން އެ ވާހަކަތައް ތަފްސީލުކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް މިހާރު އޭސީސީން ބުނަމުން ދަނީ ކަންބޮޑުވާ މިންވަރަށް ފެނަކައާ ގުޅޭ މައްސަލަތައް ލިބިފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ކުރީގެ އެމްޑީ ސައީދުއާ ގުޅޭ ހަ މައްސަލައެއް ބަލަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އެ މައްސަލަތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment