Advertisement

ޒުވާނާއަށް ހަމަލާ ދިނީ ސައިކަލު ޕާކްކުރިތަނުން، މީހަކު ހައްޔަރެއް ނުކުރޭ

16 ޖުލައި 2024 - 14:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭގައި ޒަހަމްކޮށްލި ޒުވާނާ: ހަމަލާދިނީ ސައިކަލު ޕާކްކުރިތަނާ، މީހަކު ހައްޔަރެއް ނުކުރޭ -- ފޮޓޯ: އަދަދު


ޒުވާނާއަށް ހަމަލާ ދިނީ ސައިކަލު ޕާކްކުރިތަނުން، މީހަކު ހައްޔަރެއް ނުކުރޭ

16 ޖުލައި 2024 - 14:35 0

ހުޅުމާލެ ފޭސް 1 ގައި ޖުލައި، 8 ވަނަ ދުވަހުގެ ރޭ ޒުވާނަކަށް ހަމަލާދިން މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ގްރޫޕަކުން އެ ހަމަލާ ދީފައި ވަނީ މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފް، 26 އެވެ. އޭނާ މަސައްކަތް ކުރަނީ ހުޅުމާލޭގައި ހުންނަ އެސްޓީއޯ ފިހާރައެއްގަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ނަޒީފްގެ އާއިލާއިން އޭނާގެ ބޮޑުބޭބެ "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އޭނާއަށް ހަމަލާދިނީ ސައިކަލު ގޮސް ޕާކްކުރިތަނާ ކަމަށާއި ކޮން ކަމަކާ ގުޅިގެން ދިން ހަމަލާއެއްކަން މިހާތަނަށް ވެސް އެނގިފައި ނުވާ ކަމަށެވެ.

"ނަޒީފްގެ ފުށްކިބައިން ބޮޑުތަނެއް ފަޅައިލި. ނިއްކުރި މަތިން ދެތަން ފަޅައިލި. ސިކުނޑިއަށް ލޭ އެޅުނު. ތުންފަތްވެސް ފަޅާލާފައި ވަނީ. އެއް ލޯ ވެސް ހުރީ ވަރަށް ބޮޑަށް ދުޅަވެފައި،" އޭނާ ބުންޏެވެ.

ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން މިހައިތަނަށް ވެސް އެދެވޭ ކަހަލަ ޖަވާބެއް ލިބިފައި ނުވާކަން ފާހަގަކޮށް ،މިކަމަށް އިންސާފު ލިބޭނެ ކަމާމެދު ނަޒީފްގެ ބޮޑުބޭބެ ސުވާލު އުފެއްދި އެވެ.

ނަޒީފްއަކީ މަޑުމައިތިރިކޮށް އުޅޭ މީހެއްކަން ފާހަގަކޮށް އޭނާގެ ބޮޑުބޭބެ ބުނީ މީހަކާ މިހާތަނަށް ދުވަހަކު ވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި ހަމަލާއަށްފަހު ނަޒީފްއަށް ވަރަށް ބޮޑަށް ނަފްސާނީގޮތުން އަސަރު ކޮށްފައިވާ ކަމަށެވެ.

"އާއިލާގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިކަމާ ގުޅިގެން އެބަހުރި. ކޭސްއަށް އެޓެންޑުވީ އެތައް ދުވަހެއް ފަހުން. ވަރަށް ބޮޑަށް އެދެން ފުލުހުން މިކަން ސީރިއަސްކޮށް ބެލުމަށް. ނަޒީފްއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފައި. އޭނާގެ މަންމަވެސް އެކަމާ ގުޅިގެން އަބަދު ރޮނީ،" އޭނާ ބުންޏެވެ.

މިފަދަ އާންމު ނިކަމެތި މީހުންނާ ގުޅޭ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އޭނާ ބުނީ ހައިޕްރޮފައިލް މީހުންގެ ކަންކަމުގައި ފުލުހުން އަވަދިނެތި މަސައްކަތްކޮށް، ކުށްވެރިން ވެސް ފަސޭއިން ހޯދާ ކަމަށެވެ.

ކައިވެނިކޮށްގެން އުޅޭ ނަޒީފްގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަކީ އޭނާ އެވެ. ނަޒީފްގެ ބައްޕަ އޭނާ ވަރަށް ތުއްތުއިރު ވަނީ މަރުވެެފަ އެވެ.