Advertisement

އަޒާން ދިން މުއްދަތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރި

16 ޖުލައި 2024 - 10:55 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު: އަޒާން ދިން މުއްދަތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމައެއް ނުކުރޭ -- ފޮޓޯ: އަދަދު


އަޒާން ދިން މުއްދަތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރި

16 ޖުލައި 2024 - 10:55 3

ސަރުކާރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރަ އަށް ހޭދަކުރާ މިންވަރު ހާމަކުރާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވި މުއްދަތުގައި ސަރުކާރުން ހާމަނުކުރި އެވެ.

ޖުލައި، 4 ގައި އަޒާން "އަދަދު" އަށް ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން މިދިޔަ ހަފްތާ ތެރޭގައި ހާމަކުރާނެ ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާ ނިމި މި ހަފްތާ ފެށުނުއިރު ވެސް އަދަތުތައް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އަޒާންގެ ބަހެއް ހޯދުމަށް "އަދަދު" އިން ގުޅައި، މެސެޖުކުރުމުން މިހާތަނަށް ވެސް ޖަވާބެއް ދެއްވާފައި ނުވެ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަ ކުރަން ލާޒިމުވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ޖުލައި، 3 ގައި އަޒާން ވޯޓު ދެއްވި އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި ހުންނެވި އިރު މައުލޫމާތު ހާމަކުރަން ވަކާލާތު ކުރައްވައި ގިނަ އަދެއްގެ އާރުޓީއައި ހުށަހެޅުއްވި އަޒާން ކުއްލި މައްސަލައާ އެއްކޮޅަށް ވޯޓު ނުދެއްވުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފަ އެވެ.

އެކަމާ ބެހޭ ގޮތުން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަޒާން ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އެއީ ހާމަކުރަން ޖެހޭނެ ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށެވެ.

"އަންނަ ހަފްތާގައި ސަރުކާރުން މައުލޫމާތު ހާމަކުރާ ގޮތަށް [އޮތީ]، މައުލޫމާތު ލިބޭ ގޮތުގައި. ވަރަށް އަވަހަށް ހާމަކުރާނެ. އަޅުގަނޑުމެން ވެސް އެނގެން ބޭނުންވާ މައުލޫމާތު އެއީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކާއި މި ހުރިހާ އެއްޗެއް. މައުލޫމާތު ލިބޭ ގޮތުގައި ރައީސް މިހާރު ވަނީ އަންގަވާފައި އެ ހުރިހާ މައުލޫމާތެއް ހާމަކުރަން. އެހެންވީމަ ހާމަކުރާނެ،" އަޒާން ކުރިން ވިދާޅުވި އެވެ.

ކުރީ ސަރުކާރެކޭ އެއް ގޮތަށް މިސަރުކާރުން ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ފަސް އަހަރުވެއްޖެނަމަ ކަންބޮޑުވާނެ ކަމަށާއި މި ސަރުކާރު ކުރީ ސަރުކާރު ގޮތަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދަތުރުތަކުގެ ހަރަދުތައް ހާމަކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި މިސަރުކާރުން މައުލޫމާތު ހާމަކުރާ ކަމުގެ މިސާލެކެވެ.