Advertisement

އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ މަޖިލީހުގައި ވެސް ކުރިޔަށް ގެންދިޔަ ނުދިން!

ރައީސް މުއިއްޒު އާއި އަޒާން


އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ މަޖިލީހުގައި ވެސް ކުރިޔަށް ގެންދިޔަ ނުދިން!

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އަދި ދައުރުން ބޭރުން ޖަލްސާތަކާއި ކޮމިޓީތަކެއް ބޭއްވިއިރު، އިންޑިއާއާއެކު ކުރީ ސަރުކާރުން ސޮއިކުރި އެއްބަސްވުންތަކުގެ މައްސަލަ ނުނިންމި އެވެ.

އިންޑިއާއާއެކު ހަދާފައިވާ ތިން އެއްބަސްވުމެއްގެ މައްސަލަ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައި، ސަބް ކޮމިޓީއަކުން އެކަން ބަލަން ފާސްކުރީ ޖޫން 10، 2024 ގައެވެ.

ކޮމިޓީއަށް ހުށަހަޅާފައި އޮތީ އިންޑިއާއެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގެ ކަންކަމާއި، އުތުރު ތިލަފަޅު އެއްބަސްވުމުގެ ޕްރޮސެސް ހިނގާފައިވާ ގޮތް ބެލުމަށް އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ ކަންކަން ބެލުމަށެވެ.

އެ އެއްބަސްވުންތަކުގެ މައްސަލަ ބަލަން ހަތަރު މެންބަރުންގެ ސަބް ކޮމިޓީއެއް ހެދުމަށް 241 ކޮމިޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެއްބަސްވުންތަކުގެ މައްސަލަ ހުށަހެޅުއްވުމުގެ ކުރިން ބޭއްވި، 241 ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި އަޒާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމަށްޓަކައި އަދި މިނިވަންކަމަށް އުނިކަން އަންނަ ގިނަ ކަންތައްތަކެއް ހިނގާފައި ހުރިކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެން މި ކޮމިޓީގެ އެންމެ ބޮޑު އެއް ޒިންމާއަކަށްވާން ޖެހޭނީ އަޅުގަނޑުމެން އޭރު ދެއްކި ވާހަކަތައް، ސަރުކާރު ހޯދަން އަޅުގަނޑުމެން ދެއްކި ވާހަކަތައް އަޅުގަނޑުމެން އެބަޖެހޭ ބަލައި ތަހުގީގުކުރަން،" އަޒާން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާފަދަ ކަންތައްތަކެއް ހިނގާފައި ހުރިކަން އެއީ އެނގޭ ކަމެއް. އެހެންވީމ،ާ މި ކޮމިޓީނ،ް ގާނޫނުއަސާސީން މި ކޮމިޓީއަށް ދީފައި މި އޮތް ބާރު ބޭނުން ކޮށްގެން އަޅުގަނޑުމެން އެބަޖެހޭ މި ކަންތައްތައް ތަހުގީގުކުރަން."

ނަމަވެސް، މި މައްސަލައާ ޖެހުމުން މަޖިލީހުގެ އެ ބާރެއް ނުދެއްކުނެވެ.

ކޮމިޓީގައި މައްސަލަ އޮންނަތާ ތިން މަސް ދުވަސް ވެފައިވާއިރު، މައްސަލަ އެއްވެސް މިންވަރަކަށް ކުރިއަށް ނުކަނޑައި، މަޑުޖެހިފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ޕީއެންސީގެ ބައެއް މެންބަރުން އަދަދު ނޫހަށް ވިދާޅުވި އެވެ.

"އެ މައްސަލަ ހުށަހެޅުމުން އިންޑިއާއާ ގުޅުން ބަދަހިވުމަށް ދަތިވެދާނެތީވެ، ސީދާ ރައީސްގެ އެންގެވުމަށް އެ މައްސަލަ ހުއްޓިފައި އެއޮތީ. އެ މައްސަލަ މަޝްވަރާ ނުކޮށް ހުށަހެޅުމުން ވެސް ރައީސް ކޯފާވިކަން އެނގިފައި އޮތީ،" ޕީއެންސީގެ މެންބަރަކު ކުރިން އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

އެއްބަސްވުންތަކުގެ މައްސަލަ ބަލަން އެކުލަވައިލި ސަބްކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވިކަން މަޖިލީހުގެ ވެބްސައިޓުން އެނގެން ނެތެވެ.

މައްސަލަ ބަލަން އެކުލަވައިލި ހަތަރު މެންބަރުންގެ ކޮމިޓީގައި ތިއްބެވީ؛

  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
  • ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ
  • ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

އަޒާން ހުށަހެޅުއްވި މައްސަލަ ހުއްޓުވާފައި ވާއިރު، އިންތިހާބުގައި ރައީސް މުއިއްޒު އާއި ޕީޕީއެން/ޕީއެންސީން އިންޑިއާއާ ގުޅޭ ގޮތުން ދެއްކި އެއްވެސް ވާހަކައެއް އަދި ތަންފީޒެއް ނުކުރެ އެވެ.

އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލަ އެވެ. ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުމެވެ. އެއަށް ފަހު ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ ވައުދުވީ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.

އިންޑިއާއަށް ބަދު ބަސްތައް ރައްދުކުރުމަށް ފަހު، އިންޑިއާއާ ގުޅުން ބަދަހިކޮށް އެހީ ހޯދަން ރައީސް މުއިއްޒު މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.