Advertisement

މިއަހަރު ހޯދުނީ "ރެކޯޑު" ހަ ލައްކަ ރުފިޔާ, ތަހުގީގުތަކުން ނަތީޖާ ނުނެރެވޭ ކަމަށް އޭސީސީ އެއްބަސްވެއްޖެ

15 ޖުލައި 2024 - 16:09 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އޭސީސީގެ ރައީސް ޝާމިލް އަދި އެ ކޮމިޝަނުގެ މެންބަރުން. މިއަހަރު ހޯދިފައިވަނީ އެންމެ ހަ ލައްކަ ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވަނީ ބުނެފައި --- ފޮޓޯ: އޭސީސީ


މިއަހަރު ހޯދުނީ "ރެކޯޑު" ހަ ލައްކަ ރުފިޔާ, ތަހުގީގުތަކުން ނަތީޖާ ނުނެރެވޭ ކަމަށް އޭސީސީ އެއްބަސްވެއްޖެ

15 ޖުލައި 2024 - 16:09 0

މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ގެއްލިގެން ހޯދަން އަނބުރާ އަންގާފައިވާ ފައިސާގެ ތެރެއިން ހޯދިފައިވަނީ ހަ ލައްކަ ރުފިޔާ ކަމަށާއި އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތާރީހުގައި ރެކޯޑެއް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ކުންފުނިތަކާ ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށްގޮސްފައިވާ ހިސާބު ދެނެގަތުމަށް އޭސީސީގެ މެންބަރުން މިއަދު ކޮމިޓީއަށް ހާޒިރުކުރި އެވެ. އޭގެ ތެރެއިން މެންބަރަކު ސުވާލަކަށް ޖަވާބު ދެއްވަމުން ޝާމިލް ވިދާޅުވީ ކުންފުނިތަކުން ހޯދަން އެންގި ފައިސާގެ ތެރެއިން ލިބުނީ 273,108.53ރ. ކަމަށެވެ.

"އަޅުގަނޑުމެން ބެލިއިރުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ މިހާ ހިސާބަށް ހޯދިފައިވޭ. އެއީ އަހަރެއްގެ މިހާހިސާބަށް އައިއިރު މިހާތަނަށް އޭސީސީން އެންގި އަދަދުން ދައުލަތުން ރިކަވާ ކުރެވިފައި އޮތް އެންމެ ބޮޑު އަދަދުކަން ވެސް ފާހަގަކުރަން. މި ދަނީ ވަރަށް ގާތުން މޮނީޓަރު ކުރަމުން އެ އަދަދުތަކަށް ވާ ގޮތް," ޝާމިލް ވިދާޅުވި އެވެ.

އެއީ, ކުންފުނިތަކާއި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ހިމެނޭހެން ހޯދިފައިވާ އަދަދެވެ. އޭސީސީއަށް ލިބިފައިވާ ވަސީލަތްތަކާއި, މުވައްޒަފުން އަދި ބަޖެޓާ އެއްވަރުގެ މަސައްކަތްތަކެއް ކުރެވޭ ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން އެކަށީގެންވާ ނަތީޖާ އަޅުގަނޑުމެންގެ ތަހުގީގުތަކުގައި ލިބިފައި ނެތްކަން. އެހެން ދިމާވާން ޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ އޮޑިޓަކާ ހިލާފަށް އަޅުގަނޑުމެން މި ބަލާ މައްސަލަތަކުގައި ޖިނާއި މައްސަލަތައް ވީމަައި ސާބިތުކުރަން ޖެހޭ މިންގަނޑަށް ބަލާއިރު ޝައްކު ނެތް މިންވަރަށް ގެންދަން ޖެހޭތީ," ޝާމިލް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް, ދައުވާ ކުރުމުގެ ބާރު ނޯންނަ ކަމަށާއި އެހެންވެ އެކަމަށް އެއްޗެއް ނުބުނެވޭ ކަމަށް ޝާމިލް ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުން އުފައްދާފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ ތެރެއިން އެންމެ ޕާފޯމަންސް ދަށް ކޮމިޝަނަކީ އޭސީސީ އެވެ. މިހާތަނަށް ބޮޑު މައްސަލައެއްގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން އެ ކޮމިޝަނުން ހޯދިފައިވަނީ މަދު ކުރިއެރުމެކެވެ.